about 2 hours 0
ވިކްޓަރީގެ ކޯޗު ޖޯޖްލީ ގެރީ މެޗެއްގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 2 hours 0
ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ވާދަކުރާ ކޮންމެ މެޗަކުން ވެސް މޮޅުވެވޭނެ ފަދަ "ވިނިން މެންޓަލިޓީ" އެއްގައި ކުރިއަށްދާ ފެންވަރުގެ ޓީމަކަށް ހެދުމަށް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ބުނެފި އެވެ.
ސްލޮވާކިއާގެ ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ގެރީ، ވިކްޓަރީގެ ކޯޗިން ޒިންމާއާ ރަސްމީކޮށް ހަވާލުވިއިރު، އެ ޓީމުން އޮތީ ތިން މެޗު ކުޅެފަ އެވެ. އެއް މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި، ގެރީ ހަވާލުވި ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން، ތިން މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެއްވަރުވީ، ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްއާ އެވެ.
މޮޅުވި މެޗުތަކުގެ ތެރޭގައި، ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ދެ މެޗު ހިމެނެ އެވެ. އެއީ، ދެ ވަނަ ބުރު ފަށަން އީގަލްސް އަތުން 2-0 އިން މޮޅުވި މެޗާއި އެންމެ ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ފަހަތުން އަރައި، 3-1 އިން ވިކްޓަރީ މޮޅުވި މެޗެވެ.
ނިއު އަތުން މޮޅުވި މެޗަށް ފަހު ގެރީ ބުނީ، ރާއްޖޭގެ "ޑާބީ" މެޗުން މޮޅުވުމަކީ އުފާފާޅުކުރެވޭނެ ކަމެއް ކަމަށާއި އެެހެން ނަމަވެސް އެއީ ކުރު މުއްދަތަކަށް ކަމަށެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް މެޗަށް ތައްޔާރުވެ ޓީމު ކުރިއަށް ގެންދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ގެރީ ވަނީ ބުނެފަ އެވެ.
"ނިއު ރޭޑިއަންޓް، ދެން، ލީގުގެ ގަދަ ހަތަރެއްގައި އޮތް ޓީމުތައް، އޮޑި، ބުރު، މާޒިޔާ، މީގެއިން ކޮންމެ ޓީމަކާ ވެސް ކުޅެން ތައްޔާރުވެ ތިބޭ ވަރަށް ޓީމު ރަނގަޅުުކުރަން ބޭނުން. ނިއު އަތުން މި ލިބުނު މޮޅުގައި އިންޑިވިޖުއަލް ކުޅުންތެރިންގެ ރަނގަޅު ކުުޅުން ހިމެނޭ. އެކަމަކު، އަހަރެން މި ޓީމު ރަނގަޅުކުރަން ބޭނުންވަނީ ޓީމެއްގެ ގޮތުގައި، އެކެއް ނޫނީ ދެ ކުޅުންތެރިއެއްގެ ބަދަލުގައި މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބަރޯސާވެފައި އޮތް ޓީމަކަށް ހަދަން ބޭނުން،" ގެރީ ބުންޏެވެ.
ލީގުގައި ކުޅުނު 11 މެޗުން 16 ޕޮއިންޓާ އެކު ވިކްޓަރީ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އެއީ، ހަތަރެއްގައި އޮތް ނިއު އަށް ވުރެން ހަތަރު ޕޮއިންޓް މަދުން ހޯދައިގެންނެވެ. އަދި، ތިން ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވެސް ވަނީ 11 މެޗުން 20 ޕޮއިންޓް ލިބިފަ އެެވެ.
"ބޭނުންވަނީ ވިނިން މެންޓަލިޓީއެއްގައި ކުރިއަށްދާ ޓީމަކަށް ވާން، އެކަން ހާސިލެއް ނުކުރެވޭނެ ދެތިން މެޗަކުން މޮޅުވެގެން، އެއީ ވަރަށް ރަނގަޅަށް ކުޅެގެން ގިނަ މެޗުތަކަކުން މޮޅުވެގެން ކުރެވޭނެ ކަމެއް. އަހަރެން މި ކުރިއަށް ދަނީ އެ ވިސްނުމުގައި،" ގެރީ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ އަށް ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށާއި އެކަމަކު، މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އެ އަށް ހައްލުތަކެއް ހޯދިފައިވާ ކަމަށް ގެރީ ވަނީ ބުނެފަ އެވެ.
ވިކްޓަރީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.
Comment