Advertisement

ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީ ޖެނުއަރީ 16، ގައި

21 ޑިސެންބަރު 2025 - 15:58 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

2023 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ


ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީ ޖެނުއަރީ 16، ގައި

21 ޑިސެންބަރު 2025 - 15:58 0

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން އަންނަ ޖެނުުއަރީ 16، ގައި ބާއްވަން ނިންމާފައިވާކަން އެ ޕާޓީން އިއުލާންކޮށްފި އެވެ.

އެ ޕާޓީން ޑިސެމްބަރު 18، ގައި ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީ ބާއްވަން އޮތީ ޖެނުއަރީ 30، ގަ އެވެ. ނަމަވެސް އެ އިއުލާން ވަނީ މިއަދު ބާތިލުކޮށްފަ އެވެ. ޖެނުއަރީ 16، ގެ މެންދުރު 02:30 އިން ރޭގަނޑު 08:00 އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެ އެވެ.

"އިލެކްޝަން ކޮމިޝަންއިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމުގެ ތާރީހު 17 ޖެނުއަރީ 2026 އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައި. އިލެކްޝަން ކޮމިޝަންއިން ދާއިމީ ރިޕޯޓް އާއްމުކުރުން ޓައިމްލައިން އިއުލާންކުރެވޭނެ ވާހަކަ ދަންނަވަން،" އެމްޑީޕީން ބުނެފައިވެ އެވެ.

އެ އިންތިހާބުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 646 ކައުންސިލަރުން ހޮވާނެ އެވެ. އެއީ 2021 ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްވުރެ 336 ކައުންސިލަރުން މަދު އަދަދެކެވެ.

އޭގެ ތެރެއިން އެމްޑީޕީއިން ޕްރައިމަރީ ބާއްވަނީ ކިތައް ދާއިރާއެއްގައި ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 133 ރަށެއްގެ ކައުންސިލުގައި ދެން ތިބޭނީ ތިން މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އާއި އަންހެން މެންބަރެއްގެ އިތުރުން، އިތުރު އެއް މެންބަރެވެ.

ކުރިއަށް އޮތް އިންތިހާބުގައި މިހާރު ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 46 ރަށެއްގަ އެވެ. އެއީ ކައުންސިލްގެ ރައީސް އާއި ދެ އަންހެން ކައުންސިލަރުން އަދި އިތުރު ދެ ކައުންސިލަރުންނެވެ.

މޭޔަރުންނާއެކު ރާއްޖޭގައި މިހާރު އޮތް ފަސް ސިޓީގެ ސިޓީ ކައުންސިލަރުންގެ އަދަދާއި ކައުންސިލަރުން ހޮވާނެ ދާއިރާތައް ވެސް އީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ކައުންސިލް އިންތިހާބު އޮންނާނީ މާޗު 28، 2026 ގަ އެވެ. އެ އިންތިހާބަކީ އެމްޑީޕީ އަދި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެސް މުހިންމު އިންތިހާބެކެވެ. އެ ޕާޓީގެ ޕްރައިމަރީ އަންނަ ޑިސެމްބަރު 27، ގައި ބާއްވާނެ އެވެ.