Advertisement

ޕީރިއަޑް ދުވަސްވަރު ލިބޭ ޒަހަމްތައް ފަސޭހަވަނީ ލަހުން

about 2 hours 0


ޕީރިއަޑް ދުވަސްވަރު ލިބޭ ޒަހަމްތައް ފަސޭހަވަނީ ލަހުން

about 2 hours 0

ޕީރިއަޑް ވެފައި ހުންނަ ދުވަސްވަރު، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކު ކުޅެނިކޮށް ހަށިގަނޑުގެ ތަނެއް ޒަހަމްވެ ނުވަތަ އަނިޔާއެއް ލިބިއްޖެ ނަމަ، އެކަމެއް ފަސޭހަވަނީ އެހެން ދުވަސްވަރާ އަޅައި ބަލާއިރު ތަންކޮޅެއް ލަހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ކުޅިވަރު ކުޅުންތެރިން ހިމަނައިގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި ހުރިހާ ބާވަތެއްގެ ކުޅިވަރު ކުޅޭ އަންހެނުންނަށް ވެސް، ޕީރިއަޑްގެ ދުވަސްވަރު ލިބޭ ޒަހަމްތަކާއި އަނިޔާތަކުން ފަސޭހަވުމަށް ގިނަ ދުވަސްތަކެއް ނަގައެވެ.

ޒަހަމްތަކާއި އަނިޔާތަކުން ހަށިގަނޑު ސަލާމަތް ކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމާ ގުޅިފައިވާ މަސައްކަތެކެވެ. އެހެންކަމުން، އެކަމަށް ބުރޫ އަރަނީ ޕީރިއަޑްވެފައި ހުންނަ ދުވަސްވަރު، އަންހެނާގެ ހޯމޯންތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. ކުޅިވަރު މުބާރާތްތަކުގައި އަންހެން ޓީމުތައް ކުޅޭއިރު، މެޗަށް ކުޅުންތެރިން ނެގުމުގައި ވެސް، އެކުޅުންތެރިންގެ ޕީރިއަޑް ދުވަސްވަރާ ދިމާވެއްޖެ ނަމަ، އެހެން ކުޅުންތެރިންނަށް އިސްކަން ދިނުމަކީ ބައެއް ގައުމުތަކުގައި އުސޫލެއްގެ ގޮތުން ހަމަޖެހިފައި އޮންނަ ކަމެކެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ވެސް ރަގްބީ ޔޫނިއަންގެ ޓީމުތަކުގައި ތަމްރީނުތަކުގަޔާއި މުބާރާތްތަކުގައި ވެސް މިކަމަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެއެވެ. ސަބަބަކީ އެ ހާލަތުގައި ކުޅެން އަރުވައިގެން ލިބޭ ޒަހަމެއް ނުވަތަ އަނިޔާއެއް ފަސޭހަވާން ދުވަސް ނަގާތީ، އެކަމުގެ ގެއްލުން މުޅި ޓީމަށް ލިބޭނެތީއެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ހޮސްޕިޓަލް ސެއިންޓް ޖޯން ޑި ދުވޭ ގެ ސައެންސްވެރިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން އަންހެން ކުޅުންތެރިންގެ ޕީރިއަޑް ދުވަސްވަރު އެމީހުންނަށް ލިބޭ އަނިޔާތައް ވަރަށް މަދެވެ. ނަމަވެސް އަނިޔާއެއް ނުވަތަ ޒަހަމެއް ލިބިއްޖެ ނަމަ، އެކަމެއް ފަސޭހަވާން ގިނަ ދުވަސް ހޭދަވެއެވެ.

މި ދިރާސާ ހަދާފައިވަނީ ބާސެލޯނާގެ އަންހެން ޓީމުގެ ޕްރޮފެޝަނަލް 33 ކުޅުންތެރިންގެ ހާލަތު، 2019 ން 2023 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ހަތަރު ސީޒަންގައި، ވަޒަންކޮށްގެންނެވެ. މި ދިރާސާގެ ދުވަސްވަރު، އެއްވެސް ކުޅުންތެރިއަކު ޕީރިއަޑް ވެއްޖެ ނަމަ، އެ ކުޅުންތެރިއަކު އަމިއްލައަށް އެކަން ޓީމުގެ ޑޮކްޓަރަށް އަންގަންޖެހެއެވެ.

ދިރާސާ ޓީމުން ފާހަގަކުރާ ގޮތުގައި އަންހެން ކުޅުންތެރިން ޕީރިއަޑްވެފައި ތިބޭ ދުވަސްވަރު ކުޅުމުގެ ތެރޭގައި ލިބޭ އާދައިގެ އަނިޔާތައް (ސޮފްޓް ޓިޝޫ އިންޖަރީ)ގެ ސަބަބުން، ކުޅުމާ ދުރުގައި ހުންނަންޖެހޭ މުއްދަތު، އެ ނޫން ދުވަސްވަރާ އަޅައި ބަލާއިރު، ތިން ގުނައަށް ވުރެ މައްޗެވެ. މިކަމުގެ ސިއްރަކީ، ޕީރިއަޑް ވެފައި ހުންނަ ދުވަސްވަރު އަންހެނުންގެ ހަށިގަނޑުގައި ހުންނަ އެސްޓްރޯޖެން ހޯމޯންގެ މިންވަރު މަދުވުން ކަމަށް ޑޮކްޓަރުން ލަފާކުރެއެވެ. އެސްޓްރޯޖެން މަދުވާ ވަރަކަށް ހަށިގަނޑުން ދަގަނޑުގެ ބައި މަދުވާނެއެވެ. މިހެންވުމުގައި ހަށިގަނޑުގައި ހުންނަ ޒަހަމްތައް ފަސޭހަވުން ލަސްވާނެއެވެ.