about 2 hours 0
about 2 hours 0
ބާސެލޯނާ (މާޗް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، ރޭ ކުޅުނު މެޗުތަކުގައި ޖެހި ގޯލުތަކާ އެކު، ބާސެލޯނާގެ ލަމީން ޔަމާލް އާއި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ލިވަޕޫލްގެ މުހައްމަދު ސަލާހު މުބާރާތުގައި ލަނޑު ޖެހުމުގެ ރެކޯޑްތަކެއް ހަދައިފި އެވެ.
ރޭ 7-2 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބާސެލޯނާ މޮޅުވި މެޗުގައި ޔަމާލް ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ. މި ގޯލާ އެކު، ޔަމާލް ވަނީ ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ އަތުގައި އޮތް ރެކޯޑެއް އަތުލައިފަ އެވެ. އެ ގޮތުން، ޔަމާލަކީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 10 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޔަމާލްގެ އުމުރުން 18 އަހަރާއި 248 ދުވަހުގެ ތެރޭ 10 ގޯލު ޖެހިއިރު، ކުރިން މި ރެކޯޑް އޮތް އެމްބާޕޭ، 10 ގޯލު ޖެހިއިރު، އުމުރަކީ، 18 އަހަރާއި 350 ދުވަހެވެ. އެމްބާޕޭ ފުރަތަމަ 10 ލަނޑު ޖެހީ، މޮނާކޯ އާއި ޕީއެސްޖީ އަށް ކުޅެމުންނެވެ.
ނިއުކާސަލް ކޮޅަށް ދެ ލަނޑު ޖެހި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ކުރީގެ ތަރި، ލިއޮނަލް މެސީ އަތުގައި އޮތް ރެކޯޑެއް މުގުރާލައިފަ އެވެ. އެ ގޮތުން، އުމުރުން 37 އަހަރުގެ ފޯވާޑް، ލެވަންޑޯސްކީ މި ވަނީ ޗެމްޕިއަންސް ލީގުގައި ތަފާތު 41 ވަނަ ޓީމު ކޮޅަށް ގޯލު ޖަހައިފަ އެވެ. މީގެ ކުރިން، މި ރެކޯޑް އޮތް މެސީ ވަނީ ޗެމްޕިއަންސް ލީގުގައި ތަފާތު 40 ޓީމު ކޮޅަށް ލަނޑު ޖަހައިފަ އެވެ. ލެވަންޑޯސްކީ އެ ރެކޯޑް މުގުރާލީ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކް އަދި ބާސެލޯނާ އަށް ކުޅެމުންނެވެ.
ލިވަޕޫލްގެ މިސްރު ތަރި، ސަލާހު އަތުން ރޭގެ މެޗުގައި ގަލަތަސަރާއި ކޮޅަށް ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ގޮތުން، ގަލަތަސަރާއި އަތުން 4-0 އިން ލިވަޕޫލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ސަލާހު ޖެހި ޕެނަލްޓީ ގަލަތަސަރާއިގެ ކީޕަރު، އުގުރްކާން ޗަކީރު ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އޭރިއާބޭރުން ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ސަލާހު ޖެހި ގޯލާ އެކު، އޭނާ ވެފައިވަނީ، ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކުރި އެފްރިކާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑްގެ ބަސެލް އަށް ދެ ގޯލު، ރޯމާ އަށް އެއް ގޯލު އަދި ލިވަޕޫލަށް 47 ގޯލު ޖަހައިދީފަ އެވެ. ސަލާހުގައި ފަހަތުން، ޗެމްޕިއަންސް ލީގުގައި އެފްރިކާގެ ކުޅުންތެރިންގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ، ލެޖެންޑަރީ ފޯވާޑް، ޑިޑިއޭ ޑްރޮގްބާ އެވެ. އޭނާ ވަނީ 44 ލަނޑު ޖަހައިފަ އެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment