about 7 hours 1
މުހައްމަދު ޝަހްޒާން
ރައީސް މުހައްމަދު މުއިއްޒު އަދި ހިޔާ ފްލެޓުގެ ޖޫރިމަނާއާ ގުޅޭ ގޮތުން ރޭ ވާހަކަ ދެއްކި މީރާން. -- ފޮޓޯ: ރައީސް އޮފީސް
about 7 hours 1
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ސަރުކާރުން ފޮނުވި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދުވުމުގައި ބައިވެރިވި މީހަކު ސިފަކޮށް، ކަންބޮޑުވުން ހިއްސާކޮށްފި އެވެ.
މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ ސިޓީ ފޮނުވީ ބުދަ ދުވަހު ކަމަށާއި ނަމަވެސް މިއީ ހަގީގަތުގައި ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށް މި ކަންބޮޑުވުން ހިއްސާކުރި އިސްމާއީލް މީރާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފެށުނީއްސުރެ މިއަދާ ހަމައަށް ހިޔާ ފްލެޓަށް ކުލި ނުދައްކާ ހުރި މީހެއްގެ ޖޫރިމަނާއަކީ އެންމެ 1,086.45 ރުފިޔާއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، މިފަދަ ކުޑަ އަދަދެއް އުނިކޮށްދީފައި "ޖޫރިމަނާ މާފުކޮށްފީ" އޭ ބުނުމަކީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި ޖަލްސާއަށް އައުމުގެ ކުރިން، ކެނޑުމުގެ ކުރިން ވަކަރަށް ޖަހާލީއޭ އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނަމަވެސް ހިޔާގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް، އެމީހުން ހުރިހާ ކަމެއް ބަލާނެ، ހޯދާނެ،" އޭނާ ވިދާޅުވިއެވެ.
ޖޫރިމަނާގެ މައްސަލައިގެ އިތުރުން، ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އިތުރު ކަންބޮޑުވުންތަކާއެކު 2500 މީހުން ސޮއިކޮށް ރޭ ރައީސްއަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. އެ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންބޮޑުވުންތައް މީރާން ހިއްސާކުރި އެވެ. އެއީ؛
މީރާން ބުނީ ހިޔާ ފްލެޓުތަކުގެ އާ އެގްރީމެންޓު ތައްޔާރުކޮށްފައި ވަނީ އެޗްޑީސީއަށް ބޭނުން އިރެއްގައި ކުލި ބޮޑުކުރެވޭ ގޮތަށް ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ. އެހެންވެ، އެ އެއްބަސްވުން ބަދަލުކުރަން އޭނާ ގޮވައިލި އެވެ.
Comment