about 2 hours 0
މަހްފޫޒް ސައީދު
މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް.
about 2 hours 0
މިކަމުގައި އެއްޗެއް ނުބުނާން ލައްކަ ކެތެއް ކުރީމެވެ. ބުންޏަސް ގަބޫލުކުރާނީ ކުރާ ބައެކެވެ. އަނެއް ބަޔަކު ބުނާނެ އެވެ. ކަލެއަށް ހަމަ ރަނގަޅު އެއްކަމެއް ވެސް ނުފެންނަނީ އެވެ. ކަލެއަށް މާބޮޑަށް އެނގެނީ އެވެ. މިހާރުގެ ރައީސް ވީތީ ގޯސްވީ އެވެ. މިހެންގޮސް މިމަގުން އެމުނިދާނޭ ކިތަންމެ އެއްޗެކެވެ. އެކަމަކުވެސް ހެވެވެ. މި ދައްކާ ވާހަކަ ކޮންމެވެސް އިންސާނަކަށް ގަބޫލުކުރެވި، މަށާ އެއްބަސް ވެއްޖިއްޔާ މި ލިޔުމުގެ މަގުސަދު ހާސިލުވީ އެވެ. މި އުޅެނީ އަމުދަކުން މީހަކާ ޖައްސަލައިގެން ނޫންކަން މަގޭ ހިތަށް ގައިމެވެ.
އެންމެ ރަނގަޅެވެ. މި ކިޔައިދޭ މަންޒަރަށް ވިސްނާށެވެ.
ބިމުގެ ސަތަހައިން ދެ ފޫޓެއް މައްޗަށް އުފުލިފައި ހުރި ތަހުތުގައި ރަދުން އިށީނދެވަޑައިގެން އެބަ އިންނެވި އެވެ. ވަށައިގެން އެތިބީ ހަށިފާރަވެރިންނާއި ވަޒީރުންނާއި ހާދިމުންނެވެ. ކުރިމަތީގައި ސަފުސަފަށް އެތުރިގެން އެތިބީ އެކި ކަންކަމުގެ ޝަކުވާ ހިފައިގެން ރަދުންގެ ދަރުބާރަށް ހާޒިރުވެ ތިބި މީހުންނެވެ. ރަދުން، އޭނާގެ އަޅުތަކުން ކަމަށްވާ ރައްޔިތުންނާ ސީދާ ވާހަކަފުޅެއް ނުދައްކަވަ އެވެ. ރަދުންގެ އިޝާރާތަށް އޭނާގެ ހާދިމުންގެ ތެރެއިން މީހަކު ކުރިއަށް ޖެހިލައި ޝަކުވާއެއް އޮތް މީހަކު ނަމަ އަތް އުފުލުމަށް އަންގަ އެވެ. އަދި އޭނާގެ 'ވައަތްފަރާތު ކުރިމަތިންނާއި ކަނައަތްފަރާތު މެދުންނާއި ދިމާ ކުރިމަތިން' ފެންނާންތިބި މީހުންނަށް ވަކިވަކިން ފުރުސަތު ދެމުން ގެންދާނެ އެވެ. ދެން އެމީހުން ކުރިއަށް ޖެހިލައި އެ މީހުންގެ 'ދުކުބަރީދާސްތާން' ކިޔައިދޭން ފަށަ އެވެ.
ބައެއް މީހުން ނިކަން އަދަބު ތައުޒީމުގައި ތައުރީފާއި މަދަހަ ސަނާ ކިޔުމަށްފަހުގަ އެވެ. ބައެއް މީހުން އެކި ކަންކަމުގައި ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. ރަދުންގެ ސިޔާސަތުތަކާއި، ބައެއް ވަޒީރުންގެ އަމަލުތަކުން އެމީހުންނަށް ލިބޭ ގެއްލުމުގެ ވާހަކަ ދައްކަނީ ކަރުނައަޅައިފަ އެވެ. އެމީހުންގެ ނިކަމެތިކަމުގެ ވާހަކަ ދައްކާ އަޑު އައްސަވާން އިންނަވާއިރު ރަދުން ދޭތެރެއަކުން އެމީހުންނާ އެއްބަސްވުމުގެ ގޮތުން އިސްތަށިފުޅުން އިޝާރާތްކުރައްވަ އެވެ. ނިކަމެތި މީހާގެ ވާހަކަ ނިމުނީމާ ރަދުން ވިދާޅުވެ އެވެ. ތިމަން ރަދުންނަށް ތިޔަ ޝަކުވާ އަޑުއިވިއްޖެ އެވެ. ތިޔަކަމުގައި އެކަށީގެންވާ ފިޔަވަޅު އަޅުއްވާނަމެވެ. ދެން އެ ދަރުބާރުގައި ތިބި ވަޒީރުންނާއި ބާނދީންނާއި ހާދިމުން އެ އަޑުއަހައި އަތްޖަހާން ފެށުމުން، އެއްވެ ތިބި ރައްޔިތުން ވެސް އެކަމުގައި ބައިވެރިވެ އަތްޖަހަ އެވެ.
އެ ދަރުބާރުގެ ބޭނުމަކީ ހަގީގަތުގައި ރައްޔިތުންނަށް މެސެޖެއް ދިނުމެވެ. އެ ބުނާ ވާހަކައަކީ، ރައްޔިތުންނޭ ނިކަން ދެކޭށެވެ. ރަދުންގެ ހެޔޮފުޅުކަމާ އެވެ. ކެތްތެރިކަމާއެކު ދަރުބާރުގައި އިންނަވައި ރައްޔިތުންގެ ޝަކުވާތައް އެ އަޑުއައްސަވަނީ ކޯފާއެއް ވުމެއް ވެސް ނެތި އެވެ. ގައުމުގެ ހުރިހައި ބާރުތަކެއް މިލްކުވެ އޮތީ މި ދީލަތި، ބާރުގަދަ ރަސްގެފާނުގެ އަތްޕުޅުގަ އެވެ. ރަސްގެފާނުގެ ބާރުފުޅާއި ރުހުންފުޅުން މެނުވީ ރައްޔިތަކަށް ލިބޭނޭ ހަމަ އެކައްޗެއް ވެސް ނެތެވެ. އެކަމަށްޓަކައި ރަސްގެފާނަށް ފަށްފަށުން ޝުކުރު އަދާކޮށް، ރަސްގެފާނަށް ވަފާތެރިވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެކެވެ.
ޝާހީ ދަރުބާރުތަކުގައި އިންސާފު ގާއިމުކުރުން އޮންނަނީ ވަރަށް ބޮޑަށް ތިއޭޓަރެއްގައި ދައްކާ ތަމްސީލެއް ގޮތަށެވެ. ރަސްރަސްކަލުން ވެރިކަން ކުރައްވައިފައިވަނީ ގާނޫނުތަކާއި ސިފައިންގެ ބާރުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތައް އާންމުކޮށް ދައްކުވައިދީ، އެކަމަށް ރަސްގެފާނުގެ ފަރާތްޕުޅުން ހަމްދަރުދީއާއި އޯގާތެރިކަން އަދާކުރާ މަންޒަރު ދެއްކުމަކީ ވެސް ބާރުވެރިކަން ދެއްކުމުގެ އުކުޅެކެވެ. ހަމަހިމޭންކަމާއެކު ސިއްރިޔާތުގައި ހައްލުކުރެވިދާނެ މައްސަލަތައްވެސް އާންމުންގެ ކުރިމަތީގައި ނިއުޅުވާލައި އެކަމަށް ހައްލު ހޯދުމަށް ރަދުން މަސައްކަތްކުރައްވައި ކާމިޔާބު ކުރައްވާ މަންޒަރު އާންމުކޮށް ދައްކަ އެވެ. އެއީ އެގޮތަށް އެކަންކުރަން މަޖުބޫރުވާތީއެއް ނޫނެވެ. އެހެންނަމަވެސް، މައްސަލަތަކުގެ ހައްލަކީ ރަދުންކަން ދައްކުވައިދިނުމުގެ އުކުޅެކެވެ.
މާއިހުގެ ތާރީހީ ފަތްފުށްތަކުގައި ލިޔެވިފައި ހުރި މިފަދަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ދިވެހި ތާރީހުގައި ވެސް މިކަން މިހެން ހިނގާފައި އެބަހުއްޓެވެ. ހާޖީ އިމާދުއްދީން ރަދުންގެ ވެރިކަމުގައި އަހުމަދު ބެއްޔާ ނުވަތަ 'އަފިން ދަންޑެހެލު' ބަންގާޅު އޮޑިއެއްގެ ފަޅުވެރިއަކަށް ލެއްވީ ވެސް އެ ރަދުން ރައްޔިތުންނާ ބައްދަލުކުރައްވާއިރު އެކަމަށް އެދި ތުރާކުރުމުންނެވެ. އަހުމަދު ބެއްޔާ އެކަމަށް އެދުނު ޒަމާނުގައި އެކަމަށް އެދޭނޭ އެހެން ގޮތެއް ފަހިވެފައި ނޯންނާނެ އެވެ. އޭރު އިމާދުއްދީން ރަދުން ގެންދެވީ ރައްޔިތުންގެ ހާލު ބެލުމަށްޓަކައި ދަރުބާރުގައި ނުވަތަ މައިޒާންތަކުގައި ގަވާއިދުން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ޒަމާން ބަދަލުވެއްޖެ އެވެ. މިހާރުގެ ވެރިކަމުގެ ނިޒާމުތަކުގައި ބާރުވެރިންނަކީ ރައްޔިތުންނެވެ. ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި ހުންނަނީ ރައްޔިތުންގެ ވެރިޔާއެއް ނޫނެވެ. އެއީ ހަގީގަތުގައި އެމީހުންގެ ކަންކަން ބެލެހެއްޓުމަށް އެމީހުން ހަވާލުކުރި ހަވާލުދާރެކެވެ. އެ ރައްޔިތުން އެދޭނަމަ މާދަމާ ވެސް ވަޒީފާއިން ވަކިކުރެވޭނޭ ނޯކަރެކެވެ. އެހެންނަމަވެސް، މި ހަގީގަތް އެއްފަރާތްކޮށް، ކުރީގެ ދަރުބާރުގެ މަންޒަރު މިއަދު ވެސް ނަކަލުކުރާތީ ފެންނަނީ މަދެއްކޮށެއް ނޫނެވެ.
ޒަމާނީ ވެރިން މި އާދަ ތަކުރާރުކުރަނީ ކީއްވެކަން ދެނެގަތުމަށްޓަކައި، 'ފެންނަ ގޮތަށް ދައްކުވައިދޭ ބާރު' ނުވަތަ 'ޕަރފޮމެޓިވް ޕަވަރ' އާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހެއެވެ.
ފެންނަ ގޮތަށް ދައްކުވައިދޭ ބާރަކީ ހަމައެކަނި ސިޔާސީ ނަޒަރިއްޔާއެއް ނޫނެވެ. އެއީ އިޖުތިމާއީ އިލްމާއި، ސިޔާސީ އަދި ކްރިޓިކަލް ސްޓަޑީޒް ފަދަ ދާއިރާތަކާ ގުޅިފައިވާ މައިގަނޑު ކޮންސެޕްޓެކެވެ. އެ ނަޒަރިއްޔާގައި ބުނެދެނީ ބާރު، ނުވަތަ ލިބިއޮތް މޮޅެއް ލިބިއޮތްކަން އެހެން މީހުންނަށް ދެއްކުމަކީ އެމީހުން ތިބާއާމެދު ދެކޭ ގޮތަށް އަސަރުކުރުވާނޭ ކަމެއް ކަމުގަ އެވެ.
ސޯޝިއޮލޮޖިސްޓް އާވިންގ ގޮފްމަންގެ 'ޕްރެޒެންޓޭޝަން އޮފް ސެލްފް އިން އޭވްރިޑޭލައިފް' އަދި، ޕިއެރޭ ބޯޑިއޯގެ 'ސިމްބޮލިކް ޕަވަރ' ގައި ކިޔައިދީފައިވަނީ ސިޔާސީ މީހުން، އެމީހުންނަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ހައިބަތުގެ ބޮޑުކަން އާންމުންނަށް ހަނދާންކޮށްދިނުމަށް ގެންގުޅޭ އުކުޅުތަކެވެ. ނިކަމެތި މީހަކަށް ދިމާވެފައިވާ މައްސަލައަކަށް ހައްލު ހޯދައިދޭތަން އާންމުކޮށް ދެއްކުމުން އޭނާގެ ބާރުގަދަކަން އެހެން މީހުންނަށް ސާބިތުކޮށްދެވެ އެވެ. އަދި އެހެން މީހުންގެ މައްސަލަތަކަށް ވެސް ހައްލު ހޯދައިދެވޭނީ އޭނާއަށް ކަމުގެ މެސެޖު ދެވެ އެވެ.
ލިޔުންތެރިޔާ މިޝެލް ފޫކޯ ދައްކުވައިދެއްވާފައިވަނީ ވެރިން ތާރީހީ ގޮތުން އެމީހުންގެ ބާރު ދައްކުވައިދިނުމަށް ތަފާތު އުކުޅުތައް ބޭނުންކޮށްފައިވާ ގޮތެވެ. އޭނާގެ 'ޑިސިޕްލިން އެންޑް ޕަނިޝް 1976' މިފޮތުގައި ބަޔާންކޮށްފައިވަނީ، އާންމުކޮށް، މީހުންނަށް ފެންނަ ގޮތަށް އަދަބު ދިނުމާއި މާފުކުުރުމަކީ ހަމައެކަނި އިންސާފާ ގުޅުންހުރި ކަމެއް ނޫންކަމާއި، އެއީ ބާރު ހިންގަނީ ކާކުކަން ދައްކުވައިދިނުމުގެ ވެސް އުކުޅެއް ކަމަށެވެ.
އިހުގައި އާންމުންގެ ޝަކުވާތައް އަޑުއެހުމަށް ބޭއްވި ބައްދަލުވުންތަކަށް މި އިޖުތިމާއީ އަދި ސިޔާސީ އިލްމުވެރިންގެ ނަޒަރިއްޔާތަކާއި ދިރާސާތައް ތަތުބީގުކޮށް ބަލާއިރު އެ ބައްދަލުވުންތަކަކީ އެއްވެސް ހާލެއްގައި ވެރިންގެ އޯގާތެރިކަމުގެ އަމަލުތަކެއް ނޫނެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ ސިޔާސީ ދައްކުވައިދިނުންތަކެކެވެ. ބޭނުމަކީ، ބާރުއޮތީ ކާކުގެ އަތުގައި ކަމާއި، މައްސަލަތައް ހައްލުވާނީ ވެރިމީހާއަށް ތަބާވެ، އޭނާއަށް ވަފާތެރިވެގެންކަން އާންމުކޮށް ދައްކުވައި ދިނުމެވެ.
ޑިމޮކްރަސީއެއްގައި ބާރުވެރިފަރާތަކީ އަޅުގަނޑުމެން، ރައްޔިތުން ކަމަށް ވާނަމަ، އަޅުގަނޑުމެންގެ އަޑު އެހުމަށްޓަކައި އަދިވެސް އެދި ދަންނަވަން ޖެހެނީ ކީއްވެ ހެއްޔެވެ؟
ޑިމޮކްރެޓިކް ނިޒާމްތަކުގައި، ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް ހައްލުކުރެވޭން ވާނީ ހައްގުތަކާއި، އުސޫލުތަކާއި، ޖަވާބުދާރީވުމުގެ މެކޭނިޒަމްތަކުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށެވެ. އިންސާފު ގާއިމުކުރެވެންވާނީ ވަކިފަރާތަކަށް ބުރަވުމެއް ނެތި، އުސޫލުތަކެއްގެ މަތިންނެވެ. އިންސާފާއި ހައްގު މިންވަރު ހޯދުމަށް ހިނގާ ހިނގުމުގައި ރައްޔިތު މީހާގެ އިއްޒަތުއް ނަފުސު ގުރުބާންކޮށް، އޭނާގެ ލާޗާރުކަން މުޅި ގައުމަށް އިއުލާނުކުރަން ޖެހިގެން ނުވާނެ އެވެ.
މިއީ މިކަން އޮންނާންވީ ގޮތް ނަމަވެސް، ރައްޔިތުން ތަހައްމަލުކުރާ ތަކުލީފުތައް ހިއްސާކުރުމަށް އާންމުކޮށް ހުޅުވާލުމުން މި ހާލަތު ބަދަލު ވެ އެވެ. އިންތިހާބީ ވެރިޔާއަކީ ރައްޔިތުން އެކަށައެޅި ނިޒާމުތައް ހިންގާ އިދާރީ ބޭފުޅެއް ކަމުގެ ހަގީގަތަށް ގޮންޖަހައި، އޭނާއަކީ އެ ނިޒާމްތަކަށްވުރެ މަތީގައި ހުންނަ މާ ހެޔޮލަފާ ބޭފުޅެއްގެ ގޮތުގައި ދައްކުވަ އެވެ. އެ ދޭ މެސެޖަކީ އާންމުކޮށް އިއުލާނު ނުކުރި ނަމަވެސް، ބާރުދަގަ، އަދި ބިރުވެރި މެސެޖެކެވެ. "ރައްޔިތުންގެ މައްސަލަތައް ހައްލުކުރެވޭނީ ތިމަންނައަކީ ހެޔޮލަފާ މީހަކަށް ވީތީ އެވެ. ނިޒާމު ހިނގާތީއެއް ނޫނެވެ."
ގިނަ ސިޔާސީ ކަންކަން ހިނގަނީ މާނަވީ ގޮތެއްގައެއް ނޫނެވެ. ހަމައެކަނި ރަމްޒީ ގޮތެއްގަ އެވެ. ސިޔާސީ ސައިންސްވެރިޔާ މައްރޭ އެޑެލްމަން އޭނާގެ "ޕޮލިޓިކްސް އެޒް ސިމްބޮލިކް އެކްޝަން" (1964) ގައި ކިޔައިދީފައި ވަނީ މި އަސަރެވެ. އަމުދުން ހަގީގީ ކާމިޔާބީއެއް ހާސިލު ނުކުރެވޭ ސަރުކާރެއްގައި ނަމަ، ރައްޔިތުންގެ އުދާސްތައް ބޭރުކޮށްލަން ފުރުސަތު ދިނުމަކީ ގިނަފަހަރު ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭކަމަށާއި، އޭގެ ސަބަބުން އަސްލު މައްސަލަތަކުގެ މަތީން ދުވަސްކޮޅަކަށް ރައްޔިތުން ހަނދާން ނެތޭ ގޮތް މެދުވެރިވާކަމަށް އޭނާ ކުރި ދިރާސާގެ ނަތީޖާއިން ފެނުނެވެ.
މިފަދަ އާންމު ބައްދަލުވުންތަކަށްފަހު ލިބޭ ސާބަސްތަކުން އޭގެ އަސްލު މަންޒަރު ބުނެދެ އެވެ. ރައްޔިތުން ލީޑަރުންނަށް ތައުރީފުކުރަނީ އިންސާފު ގާއިމުކޮށްދިނީމައެއް ނޫނެވެ. އަޑުއަހާލީތީ އެވެ. ލީޑަރު އެ ޝަކުވާތައް އަޑުއެހުން ވެގެންދަނީ ވެސް އާދަޔާ ހިލާފު ކަމަކަށެވެ. އާދައިގެ ކަމަކަށް ނޫނެވެ. މިއީ ހަގީގަތުގައި ބަލާނަމަ އިންޒާރެއްގެ ނިޝާނެކެވެ.
ވެރިންގެ މި ތަމްސީލުގައި ގެއްލިގެންދާ އެންމެ ބޮޑު އެއްޗަކީ ރައްޔިތުންގެ ނަފުސުގެ އިއްޒަތެވެ.
ރަދުންގެ ދަރުބާރަށް ހާޒިރުވެ، އަޖޫޒު މީހަކު، އޭނާގެ ތިބި ނުކުޅެދޭ ދަރިން ގޮވައިގެން ކުޑަކުޑަ ކޮޓަރިއެއްގައި ދެ ޖިންސުގެ އެތައް ބަޔަކު އުޅެމުންދާ ގޮތުގެ ވާހަކަ ދައްކާއިރު، އެ ވާހަކައަކީ ދައްކަން ފަސޭހަވާނޭ ވާހަކައަކަށް ނުވާނެކަން ގައިމެވެ. އެހެންނަމަވެސް ދައުލަތުން ދޭ ފުލެޓެއް ހައްގުކަން ސާބިތުކޮށްދޭން މުޅި ގައުމުގެ ކުރިމަތީގައި އޭނާގެ ހުރިހައި ފަތިފުށެއް ހާމަކުރަން މަޖުބޫރުވަނީ އެވެ. ދިގުކޮށް ދައްކާ އެ ވާހަކަ ނިމޭއިރު އޭނާގެ އިތުރުން، އޭނާގެ އާއިލާގެ އެތައް ބައެއްގެ އަބުރާއި އިއްޒަތް އޮންނަނީ ވެއްޔާ މޮޑެވިފަ އެވެ.
މިއީ ރައްޔިތަކަށް ވީތީ ހައްގުވާ ކަމެއް ހޯދުމަށްޓަކައި އެއްވެސް މީހަކަށް އުފުލާން ޖެހިގެންވާނޭ ތަކުލީފެއް ނޫނެވެ. މިފަދަ ކަންކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކާއި ޝަކުވާތަކަށް ޖަވާބުދޭންވާނީ ނިޒާމުގެ ތެރެއިންނެވެ. ކޮންމެ މީހެއްގެ ވެސް ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދިން އަސާސީ ހައްގެކެވެ. އެ ހައްގު ދޫކޮށްލުމަށް އޭނާއަށް މަޖުބޫރުވާ ހާލަތެއް އުފަންކުރީ ދައުލަތުންނެވެ. އޭނާގެ ޝަކުވާތަކަށް އެކަށީގެންވާ ގޮތުގައި ޖަވާބުދީފައި އޮތްނަމަ، އޭނާގެ ޒާތީ ދިރިއުޅުމަކީ މީޑިއާގެ ކުރިމަތީގައި ނިއުޅުވާލެވޭ ކަމަކަށް ނުހެދީސްކަން ގައިމެވެ. އޭނާ އެތަނުގައި ހުއްޓި ހުރެ އެ ޝަކުވާ ކުރަން މަޖުބޫރުވުމަކީ ދައުލަތް ފެއިލްވެފައި އޮތް މިންވަރު ބުނެދޭ ކަމެކެވެ.
މިއީ 2025 ވަނަ އަހަރެވެ. އަޅުގަނޑުމެން މި ދިރިއުޅެނީ އެސްޓޯނިއާއިން ހިތްވަރު ލިބިގެން އުފެއްދި ދިވެހިރާއްޖެ 2.0 ގަ އެވެ. ހަގީގީ ނިޔަތެއްގައި، މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނަމަ މިކަމަށް ތަމްސީލުތަކެއް ބޭނުމެއް ނުވާނެ އެވެ. ރައްކާތެރި ޑިޖިޓަލް ޕޯޓަލްތަކާއި، މުސްތަގިއްލު އޮމްބަޑްސްމަން އޮފީސްތަކާއި، ޝަކުވާ ހުށަހަޅާ ނިޒާމުތަކުން މި ނަތީޖާ ފުރިހަމައަށް ހާސިލުކުރެވޭނެ އެވެ. ރައްޔިތުންގެ ނަފުސުގެ އިއްޒަތް ގުރުބާންކޮށްނުލައި، އެމީހުންގެ ވާހަކަތައް އަޑުއެހޭނޭ އިންތިޒާމުތައް ރޭވޭ މިންވަރަށް ޓެކްނޮލޮޖީ އޮތީ ކުރިއަރައިފަ އެވެ. އެ ގާނޫނީ އޮނިގަނޑު ވެސް ރާއްޖޭގައި އޮތީ އެކަށައެޅިފަ އެވެ.
އެހެންނަމަވެސް ވެރިން އަދިވެސް އާންމުންގެ ޝަކުވާތައް ބަލައިގަތުމުގެ ތަމްސީލީ ބައްދަލުވުންތަކަށް އިސްކަންދެނީ، އެކަމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަމެއް އޮވެގެނެއް ނޫނެވެ. މިއީ ސިޔާސީ ދެއްކުންތެރިކަމެވެ. މި ތަމްސީލުތަކުން ދައްކުވައިދޭ ބާރުން ކުރާ ކަމަކީ ދައުލަތުގެ ނިޒާމީ އޮނިގަނޑު އޮޅުންބޮޅުންކޮށް، ހުރިހައި ކަމެއްގެ ހައްލަކީ އިންތިހާބީ ވެރިޔާކަމަށް ދައްކުވައި ދިނުމެވެ.
އެ ބައްދަލުވުންތަކުގައި މީހުން އެ ދައްކާ ވާހަކަ އަޑުއަހާ ބަލާށެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި، އެހެންނަމަވެސް ނަފްސާނީ ގޮތުން އަޅުގަނޑުމެން އެންމެންނަށް ވުރެ ދުޅަހެޔޮ ހިތްވަރު ގަދަ ޒުވާނަކު އެ ދެއްކި ވާހަކަ އަޑުއެހީމެއް ނޫންހެއްޔެވެ؟ އޭނާއާއި އޭނާ ފަދަ އެތައް ބަޔަކަށް ދައުލަތުން ވީ ވައުދުތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ފެންކަޅިވެފައި އިނދެ، އޭނާގެ ތަކުލީފުގެ ދަތުރު ކިޔައިދޭން މަޖުބޫރުވާ ހިސާބަށް ދިޔައީ ދައުލަތުގެ އިހުމާލުން ނޫންހެއްޔެވެ؟ މުސްކުޅި ބޭބެއަކު 'އިއްޒަތްތެރި މަނިކުފާނޭ' ކިޔައި ކަރުނައެޅި މަންޒަރު ފެނުނީ ދައުލަތުން އޭނާއާމެދު އިހުމާލުވެފައި އޮތީމަ އެވެ. ތަކެތީގެ އަގުބޮޑު ވާހަކައާއި، ދައުލަތުގެ އޮފީސްތަކުން ޖަވާބު ނުލިބޭ ވާހަކައާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާ ސިޓީތަކަށް ވެސް ޖަވާބު ނުދޭ ވާހަކަ ދައްކާއިރު އެކަމަށް ދައުލަތުގެ އެއްވެސް ޖަވާބެއް ނެތެވެ. ރައީސް އޮފީހަށް ހުށަހެޅި ޝަކުވާގެ ޖަވާބު ނުލިބިގެން، ރައީސްގެ ދަރުބާރަށް ހާޒިރުވެ ހަމަ އެޝަކުވާ ތަކުރާރުކުރާން މަޖުބޫރު ކުރުވުމަކީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކެވެ.
އެހެންވީމާ، ތިޔައީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދައި ޝަކުވާ އަޑުއަހާން ބާއްވާ ބައްދަލުވުންތަކެއް ނޫނެވެ. އެހެންނާ! ރައްޔިތުންގެ މަންދޫބުން ތަޅުއެޅުވުމަށް ދައުލަތުގެ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން މިފަދަ ބައްދަލުވުންތައް ބާއްވައި ރައްޔިތުންގެ ހިޔާލު ހޯއްދެވިނަމަ ކޮންފަދަ ތޯ އެވެ. މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމުގައި ރައްޔިތުންގެ ހިޔާލަކަށް އެއްސެވިތޯ އެވެ؟ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހަކީ ކޮބައިތޯ ބެލުނުބާ އެވެ؟ ދައުލަތުން 2 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލިއިރު ރައްޔިތެއްގެ ބަހެއް ހޯދުނުތޯ އެވެ؟ މިއިން އެއްވެސް ކަމެއް ނުކުރީ އެކަންކަމަކީ ރައްޔިތުންނާ ބެހޭކަމަކަށް ނުވާތީބާ އެވެ؟ ރައްޔިތުންގެ ހިޔާލު ހޯދުމަށް މި ބާއްވާ ބައްދަލުވުންތަކަކީ އެއްވެސް މާނައެއް ނެތް، ހަމަ އެކަނި ސިޔާސީ ދެއްކުންތެރިކަމޭ މި ދަންނަވަނީ މިކަހަލަ ކިތަންމެ ކަމެއް މިހެން ހުރީތީ އެވެ.
ފަހަރެއްގައި ވެސް މި ދަންނަވަނީ ވެރިން ރައްޔިތުންނާ ދުރުވެ، ރައްޔިތުންނަށް ނުފެންނަ ބަޔަކަށް ވާންޖެހޭނެއެކޭ ނޫނެވެ. ރައްޔިތުންނާ ގުޅުން ބާއްވައި، ދައުލަތުގެ ނިންމުންތަކުގައި އެމީހުން ބައިވެރިކުރުން މުހިންމެވެ. ރަމްޒީ ކަންތައްތަކަށް ވެސް ކޮންމެވެސް މިންވަރެއްގެ އަހައްމިއްޔަތުކަން ދެވިދާނެ އެވެ. އޭ.ޓީ.އެމް. އާއި ބަސްތަކުގެ ރިބަން ކެނޑުމަކީ ވެސް ދޭތެރެއަކުން ކުރައްވަން ހަމަ އެންމެ ރަނގަޅު ކަންކަމެވެ. ނަމަވެސް، ދައުލަތުގެ އިދާރީ ނިޒާމު ހިންގުމަކީ ރަމްޒީ ކަމަކަށް ހެދީމާ ޑިމޮކްރަސީ ދާނީ މަޑުމަޑުން ބަލިކަށިވެ، ނިކަމެތިވަމުންނެވެ. އެހެންވީމާ، މި ދަންނަވާހައި ވެސް ވާހަކައަކީ، ރައްޔިތުންގެ އަޑުއެހުމަކީ ދެއްކުންތެރިކަމަށް ނުހެދުމަށެވެ.
ރައްޔިތުންގެ އަޑުއެހުމަށް ކަރުނައާއި، ކެމެރާއާއި، އަތްތިލަބަޑީގެ ބޭނުމެއް ނެތެވެ. އެއީ އާދައިގެ ކަމެއްގެ ގޮތުގައި، އިދާރީ ނިޒާމެއްގެ ތެރެއިން ކުރެވޭ، ފޫހިކަމެއް ނެތް ކަމަކަށް ވާންޖެހެ އެވެ. ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބެންވާނީ ރައްޔިތުންގެ ކަރާމަތް ވެސް ރައްކާތެރިކޮށްދެވޭނޭ ގޮތަކަށެވެ. ރައްޔިތުންގެ ޒާތީ ކަންބޮޑުވުންތަކަކީ ބޮޑު ޝޯއަކަށް ނުވަތަ ތަމްސީލަކަށް ބަދަލުކުރީމާ ރައްޔިތުންގެ އަޑުއެހުން ވެގެންދަނީ ވެރިން ކުޅޭ ސިޔާސީ ޝޯއަކަށެވެ. އަދާކުރާ ޒިންމާއަކަށް ނޫނެވެ.
Comment