Advertisement

ބަޔޯމެޓްރިކްސް ދިން ބިދޭސީންނަށް ވޯކް ޕާމިޓެއް ހޯދަން ތިން މަސް، އެއަށް ފަހު "މާސް ޑިޕޯޓޭޝަން" ކެމްޕެއިނެއް

about 11 hours 0

އަމަން ހަލީމް

އަމަން ހަލީމް

ސިނާމާލޭ ބްރިޖުގެ މަރާމާތުގެ މަސައްކަތުގައި މަސައްކަތްތެރިންތަކެއް: ކޮންސްޓްރަކްޝަނާއި ޓޫރިޒަމާއި ސިނާއީ މަސައްކަތްތަކުގައި ގިނައިން އުޅެނީ ބިދޭސީން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބަޔޯމެޓްރިކްސް ދިން ބިދޭސީންނަށް ވޯކް ޕާމިޓެއް ހޯދަން ތިން މަސް، އެއަށް ފަހު "މާސް ޑިޕޯޓޭޝަން" ކެމްޕެއިނެއް

about 11 hours 0

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ފަށައިގެން އުޅޭ "އޮޕަރޭޝަން ކުރަނގި" ގެ ދެން އޮންނާނީ ބަޔޯމެޓްރިކްސް ދީފައި ހުރި ބިދޭސީންނަށް ވޯކް ޕާމިޓް ހޯދަން ފަހު ފުރުސަތު ދިނުމަށް ފަހު، ވާކް ޕާމިޓް ނެތް ހުރިހާ ބިދޭސީން ޑީޕޯޓުކުރުމުގެ ބޮޑު ހަރަކާތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ގުޅިގެން، ހިންގަމުން އަންނަ މި އޮޕަރޭޝަނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރުމަށް އަމާޒު ހިފައިގެން މިދިޔަ އަހަަރުގެ މެއި 2، ގައި ފެށި އޮޕަރޭޝަނެކެވެ.

އެ ގޮތުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މާލެ ސަރަހައްދުގައި ތިބި ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި މޫނު ދެނެގަނެވޭ ވަރަށް ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކްސް އަދާހަމަކުރުމެވެ. އެއަށް ފަހު މުޅި ރާއްޖެއަށް މި އޮޕަރޭޝަން ފުޅާކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކުގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތުތައް ވަނީ ނަގާފަ އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިހުސާން ވިދާޅުވީ، މިއަދާ ހަމައަށް 202،000 ބިދޭސީންގެ މައުލޫމާތު ނެގި، ސިސްޓަމްތަކުގައި އަދާހަމަ ކުރެވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ކަމަށް، ސައްހަ ވާކް ޕާމިޓެއް ނެތް ބިދޭސީން ވެސް ހިމެނޭހެން، ވެރިފައި ކުރެފައިވާ ބިދޭސީންގެ އަދަދެވެ.

އިހުސާން ވިދާޅުވި ގޮތުގައި، ގަވާއިދުގެ ތެރެއަށް ފެތެން ނުވަތަ ރެގިއުލަރައިޒް ވާން ހުޅުވާލާނީ އަންނަ މަހުގެ އެކަކުން ފެށިގެން އާ އަހަރާ އެކީގަ އެވެ. އަދި، މި ދުވަހުން ފެށިގެން އަންނަ އޭޕްރިލް 2، އާ ހަމައަށް މި ފުރުސަތު ލިބިގެންދާއިރު، މިހާރު ސިސްޓަމްތަކުން ނުލިބޭ ލުއިފަސޭހަތައް ވަޒީފާދޭ ފަރާތްތަކަށް (އެމްޕްލޯޔަރުންނަށް) ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތިން މަސް ދުވަހަށް ފަހު، އޮޕަރޭޝަން ކުރަނގިގެ އެންމެ ފަހު ފޭސް ފަށައި، ގަވާއިދާ ހިލާފަށް ތިބި ހުރިހާ ބިދޭސީން ހިފައިހައްޔަރުކޮށް، ބޭރުކޮށްލާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. މި އޮޕަރޭޝަން ކުރިއަށް ދަނީ މެއި 1، 2027 އާ ހަމައަށެވެ.

"މީގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ މުޅި މި މަސައްކަތް ނިމޭއިރުގައި ދިވެހިރާއްޖޭގައި އުޅެމުންދާ ހުރިހާ ފަރާތްތަކަކީ ކާކުކަން އެނގޭ، 100 ޕަސެންޓު ބަޔޯމެޓްރިކަލީ އަައިޑެންޓިފައި ކުރެވޭ، ހަމައެއާއެކީ ކޮންމެ މީހަކީ އެ މީހަކަށް ޒިންމާވާނެ އެމްޕްލޯޔަރެއް ހުރެފައި، އެ މީހަކު އެކަމަށް ޒިންމާ ކުރުވޭނެ، އަދި އެ މީހާ އުޅޭ ތަނާ، ހުރިހާ މައުލޫމާތެއް ވަގުތުން ވަގުތަށް ލައިވްކޮށް، ސިސްޓަމުން ބެލޭނެ ނިޒާމެއްގެ ތެރެއަށް އައިސް، ދިވެހި ރައްޔިތުންނަށް ދިވެހި ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވެވޭނެ ގޮތަށް ބިދޭސީންގެ މައުލޫމާތު ބެލެހެއްޓޭ ހިސާބަށް ދިޔުން،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބަޔޯމެޓްރިކްސް ދީފައި ހުރި ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަންނަން އިތުރު ފުރުސަތެއް ލިބުނަސް، ސަރުކާރުން އަންނަނީ މިހާރު ވެސް ބަޔޯމެޓްރިކްސް ނެތް ހުރިހާ ބިދޭސީން ބޭރުކުރަމުންނެވެ. މި ކަން ފެށީ، މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް، ބަޔޯމެޓްރިކްސް ދޭން ބިދޭސީންނަށް ފަހު ފުރުސަތު ދިނުމަށް ފަހުގަ އެވެ.

އިހުސާން ވިދާޅުވީ، އެ ތާރީހުގެ ފަހުން ބަޔޯމެޓްރިކްސް ނެތް 509 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން މިވީ ދެ އަހަރާއި މަސް ދުވަހުގެ ތެރޭގައި ޖުމްލަ 9،676 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަައިގައި، ހައްލު ނުވެ އޮތް އެންމެ ބޮޑު މައްސަލައަކަށް އޮތީ މި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު ނޭނގުމެވެ. މިހާރު ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށް ސަރުކާރުން މިއަދު ހާމަކުރިއިރު، މިއީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ތިބި ކަމަށް އަންދާޒާކުރި 132,493 ވަރަށް ވުރެ 50 ޕަސެންޓު އިތުރު އަދަދެކެވެ.