Advertisement

ޕީއެންއެފްއިން އަމިއްލަ އަށް ބޮޑު ޖަނަރޭޓަރެއް ބެހެއްޓުމުން ސްޓެލްކޯއިން އާޓިފިޝަލްގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

އާޓިފިޝަލް ބީޗުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ އެ ސަރަހައްދުން ބޮޑު ކޯރެއް ކޮނެ، ކޭބަލް ވަޅުލަން ތައްޔާރުވެފައި. -- ފޮޓޯ: ޗެނަލް 13


ޕީއެންއެފްއިން އަމިއްލަ އަށް ބޮޑު ޖަނަރޭޓަރެއް ބެހެއްޓުމުން ސްޓެލްކޯއިން އާޓިފިޝަލްގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ޕީއެންއެފްގެ "ރީސެޓު" ޖަލްސާއަށް ކަރަންޓު ދޭން ދެކޮޅު ހެދުމުން، އެ ޕާޓީން އަމިއްލައަށް ބޮޑު ޖަނަރޭޓަރެއް ގެނެސް ކަރަންޓު ދިނުމަށް ތައްޔާރުވެފައި ވަނިކޮށް، ސްޓެލްކޯއިން އެ ސަރަހައްދުގެ ކަރަންޓު މައްސަލަ ހައްލުކޮށް ދީފި އެވެ.

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ސްޓެލްކޯއިން އެންމެ ފަހު ވަގުތު ކަރަންޓު މައްސަލަ ހައްލުކުރީ، ޕީއެންއެފްއިން ގޮތް ހުސްނުވެ، އަމިއްލަ އިންތިޒާމުތައް ހަމަޖެއްސުމުން "ދުނިޔޭގެ ލަދަށް" ކަމަށެވެ.

"ބޮޑު އިވެންޓަކަށް ކަރަންޓު ދިނުމަކީ މިއަދު 4:30 ގައި މައްސަލަ ހައްލުކޮށް ކަރަންޓު ދިނުން ނޫން،" ކުއްލިއަކަށް ކަރަންޓު ދިން ދިނުމަށް އިޝާރާތްކުރައްވައި މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ކަރަންޓު ދިނުމަށް ދެކޮޅު ހެދުމުން، ޖަލްސާ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްޓަކައި ޕީއެންއެފްއިން ވަނީ ބޮޑު ޖަނަރޭޓަރެއް އެ ސަރަހައްދަށް ގެންގޮސް، ކަރަންޓު ދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ސްޓެލްކޯއިން ކޭބަލް މައްސަލަ ހައްލުކުރި ކަމަށް ބުނެފައިވަނީ މި ހުރިހާ ތައްޔާރީތަކެއް ވެ ނިމުނު ފަހުންނެވެ.

"ޖަނަރޭޓަރު ގެނެސް ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް ސްޓެލްކޯއިން ކަރަންޓު މައްސަލަ ހައްލު ކުރީ ދުނިޔޭގެ ލަދަށް. މިކަމުން އެބަ އެނގޭ އެއީ ގަސްދުގައި އެ މީހުން ކުރި ކަމެއް ކަމަށް. އެހެން ނޫންނަމަ މާކުރިން ކަރަންޓުގެ މައްސަލަ ހައްލު ކުރެވުނީސް. ކަރަންޓު ދެވޭނެ ވަގުތެއް ބުނެވުނީސް،" މަލީހު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ފަހު ވަގުތު މިގޮތަށް ކަންތައް ކުރުމުން ސާބިތުވަނީ، ކަރަންޓު ކޭބަލްގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ސްޓެލްކޯއިން ދެއްކީ ބަހަނާއެއް ކަމާއި، އެއީ ސަރުކާރުން ގަސްތުގައި ޖަލްސާއަށް ހުރަސްއެޅުމަށް ކުރި ކަމެއް ކަމެވެ.

ނަމަވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހު ވިދާޅުވެފައި ވަނީ، ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅުމުގެ އެއްވެސް ނިޔަތެއް ސަރުކާރާއި ސްޓެލްކޯގެ ވެސް ނެތް ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް އެކަން ޕީއެންއެފްއަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕީއެންއެފް ޖަލްސާއަށް ހުރަސް އެޅުމަށް ސްޓެލްކޯގެ ވެސް ރައީސް މުއިއްޒުގެ ވެސް އެއް ނިޔަތެއް ނެތް،" ސަމާހު އަދަދު ނޫހަށް ވިދާޅުވި އެވެ.

ގިނަ ބަޔަކަށް ދައުވަތު އަރުވައިގެން ޕީއެންއެފްއިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާއަކީ ސަރުކާރުން ކުރަމުންދާ ކަންކަން "ރީސެޓް" ކުރުމަށް ގޮވާލައި ބާއްވާ ހާއްސަ ހަރަކާތެކެވެ.