Advertisement

ވެލާ ރިސޯޓުގެ ވެރިޔާ އާއި މުވައްޒަފުން ލަންކާ އަށް 115،000 ޑޮލަރު ހަދިޔާކޮށްފި

about 2 hours 0

ވެލާ ރިސޯޓުގެ ވެރިޔާގެ އެހީ ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ ހައި ކޮމިޝަނަރާ ހަވާލުކުރަނީ.


ވެލާ ރިސޯޓުގެ ވެރިޔާ އާއި މުވައްޒަފުން ލަންކާ އަށް 115،000 ޑޮލަރު ހަދިޔާކޮށްފި

about 2 hours 0

ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން "ޑިޓްވާ" ގެ ސަބަބުން އެ ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގައި ހިންގާ މަތީފަންތީގެ ރިސޯޓެއް ކަމުގައިވާ، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އޯނަރު ޖިރީ ޝްމެކް އާއި އެ ރިސޯޓުގެ މުވައްޒަފުން ދީލަތި އެހީއެއް ވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވެލާގެ ފަރާތުން ޖުމްލަ 115،000 ޑޮލަރު ލަންކާ ސަރުކާރަށް އިއްޔެ ހަދިޔާ ކުރި އެވެ. އެއީ ޖިރީގެ ފަރާތުން 100،000 ޑޮލަރު އަދި ބާކީ 15،000 ޑޮލަރު އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުންނެވެ.

މި ފައިސާގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވެލާ ރިސޯޓުގެ ޑިރެކްޓަރު ގޯޝަން ޑި ސިލްވާ އެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ރިޒްވީ ހަސަން އެވެ.

ތޫފާން "ޑިޓްވާ" އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ލަންކާއަށް ކުރިމަތިވި، އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 644 އަށް އަރާފަ އެވެ. އަދި 183 މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

މި ކާރިސާގައި މުޅި ލަންކާއިން 1.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، 6،000 އަށް ވުރެ ގިނަ ގެދޮރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ކެންޑީ، ބަދުއްލާ އަދި ނުވަރަ އެލިޔާ ސަރަހައްދަށެވެ.