Advertisement

ކޮންޓްރޯލް ކޮމިޝަނުން އެކުލަވާލި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ގެޒެޓުކޮށްފި

ކޮންޓްރޯލް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން ----


ކޮންޓްރޯލް ކޮމިޝަނުން އެކުލަވާލި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ގެޒެޓުކޮށްފި

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އެކުލަވާލި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ގެޒެޓުކޮށް އަމަލުކުރަން ފަށައިފި އެވެ.

"ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑު" ގެ ނަމުގައި އެކުލަވާލި މި މިންގަނޑު ގެޒެޓުކުރީ އިއްޔެ އެވެ. ސުލޫކީ މިންގަނޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި، ކޮންޓްރޯލް ކޮމިޝަން ގާނޫނާއި، ޔުނިވާސަލް ޑިކްލެރޭޝަންތަކާއި، ކޮންވެންޝަންތަކާއި، ޑިމޮކްރަޓިކް ގައުމުތަކުގެ މީޑިއާ އޯގަނައިޒޭޝަންތަކާއި، ނޫސްވެރިކަމުގެ ޔޫނިއަންތަކުން ގަބޫލުކޮށް ބަލައިގަންނަ ނޫސްވެރިކަމުގެ 'ޔުނިވާސަލް އެތިކަލް ވެލިއުސް" ގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.

ކޮންޓްރޯލް ކޮމިޝަނުން އެކުލަވާލި ސުލޫކީ މިންގަނޑުގައި ވެސް ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މާއްދާ އޮތީ ނުރައްކާތެރި ގޮތަކަށެެވެ. އޭގައި ބުނަނީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، މައުލޫމާތު ހާމަކުރަން ވާނީ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ނޫސްވެރިން ވަކާލާތުކުރަމުންދިޔައީ ސަރުކާރާއި މަޖިލީހުގެ ނުފޫޒު ނޯންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމުކުރުމަށެވެ. މި ސުލޫކީ މިންގަނޑާއެކު ނޫސްވެރިކަން ރެގިއުލޭޓު ކުރާނީ ކޮންޓްރޯލް ކޮމިޝަނުންނެވެ.

ކޮންޓްރޯލް ކޮމިޝަނުގެ ސުލޫކީ މިންގަނޑުގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓު ގެނެސްދިނުމުގެ ހަމަތަކެއް ވެސް ހިމަނާފަ އެވެ. އެފަދަ ކޮންޓެންޓު ގެނެސްދޭން ޖެހޭނީ އެއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓެއްކަން ބަޔާން ކުރުމަށް ފަހު އެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަނުކޮށްފައި ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އެވެ. އޭގެ ތެރެއިން ރައީސަކީ ފަރުޝަތު އެވެ.

އޮންލައިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް، ހުސައިން ސަގީފް އާއި ވަގުތު ނޫހުގެ ނޫސްވެރިޔާ، ސިމާހާ ނަސީމް އެވެ. ބްރޯޑްކާސްޓިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު، ޒަމްއަތު ވަހީދު އާއި އަބްދުލްއަޒީޒް އިބްރާހީމް އެވެ.