about 2 hours 0
ސާއިފް ޝިޔާދު
ޑިވެލޮޕްމަންޓު ބޭންކުގެ އޮފީސް ތެރޭގައި މުއިއްޒު އާއި އިކޮނޮމިކް މިނިސްޓަރު ސައީދު. މި ބޭންކުން ސަރުކާރުން ނެރެން ބޭނުންވި ނަތީޖާއެއް ނުނެރެވޭ --- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ރަސްމީކޮށް ހުޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެންމެ ހިދުމަތެއް ވެސް ފޯރުކޮށްދީފައި ނުވާ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަށް ބޮޑު މުސާރައިގައި 10 މެނޭޖަރުން ނެގުމަށް މިއަދު އިއުލާންކޮށްފި އެވެ.
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އެތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.
އެ ބޭންކުގެ ބައެއް ޑިޕާޓްމަންޓުތަކަށް މެނޭޖަރުން ހޯދުމަށް މިއަދު ގެޒެޓުގައި ވަނީ އިއުލާންކޮށްފަ އެވެ. އެ މަގާމުތަކުގެ މުސާރަ އުޅޭނީ 35،000ރ. އާއި 45،000ރ. އާ ދެމެދު އެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު 22، އެވެ.
ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.
ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2024، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ.
އެ ލައިސެންސްގެ މުއްދަތު މިހާރު ހަމަވެދާނެ އެވެ. ލައިސެންސްގެ މުއްދަތު އިތުރުކުރިކަމެއް ނުވަތަ އާ ލައިސެންސެއް ދޫކުރި ކަމެއް މަރުކަޒީ ބޭންކުން ހާމައެއް ނުކުރެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެކަމަކު މިއަދާ ހަމައަށް އެ ބޭންކުން ލޯނުގެ ގޮތުގައި ލޯ ލާރިއެއް ލިބުނު ދިވެއްސަކު ވެސް ނެތެވެ. އޭގެ ބަދަލުގައި އެ އޮފީހުގެ ހަރަދަށް މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ވެސް ހަ މިލިއަން ރުފިޔާ ހޭދަކުރިކަން ހިސާބުތަކުން ދައްކަ އެވެ.
ޑީބީއެމް އޮފީސް ހުޅުވީ މީގެ ކުރިން އެސްއެމްއީ ހަބު ހުރި ތަނުގަ އެވެ. އެ ތަނުގައި ހިދުމަތް ދެމުންދިޔަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓާލަން ޖެހުނީ ބޭންކު ހުޅުވުމަށް އިމާރާތް ނެގުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment