ޕެރިސް (ޑިސެމްބަރު 14) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި 3-2 އިން މެޓްޒް ބަލިކޮށް ޕީއެސްޖީން ލީގު ތާވަލުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
މި މޮޅަށް ފަހު، ޕީއެސްޖީން ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނީސް އަތުން މޮޅުވެގެން އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ރަށުންބޭރުގައި ކުޅުނު ޕީއެސްޖީން ރޭގެ މެޗުގެ 31 ވަނަ މިނިޓްގައި ލީޑުނެގީ ލީ ކަންގް އިން ދިން ބޯޅައަކުން ގޮންޒާލޯ ރާމޯސް ޖެހި ގޯލުންނެެވެ. އަދި، އޭގެ އަށް މިނިޓް ފަހުން، ކުއެންޓިން އެންޖަންޓޫ ޖެހި ލަނޑުން ޕީއެސްޖީން ލީޑުފުޅާކުރި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޓްޒް އިން އުންމީދެއް ހޯދީ، 42 ވަނަ މިނިޓްގައި، ޖެސީ ޑެމިންގުއޭ ކާމިޔާބުކުރި ގޯލާ އެކު އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުންތަކެއް ފެނިގެންދިޔައިރު، ޕީއެސްޖީން ވަނީ 63 ވަނަ މިނިޓްގައި ލަނޑު ޖަހައި، ދެ ގޯލަށް ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ޑެޒެއާ ޑޫއޭ އެވެ. މިއީ، ދެ ވަނަ ލަނޑު ޖަހަން، އެންޖަންޓޫ އަށް ވެސް ފުރުސަތު ހޯދައިދިން، ޒުވާން ފުލްބެކް، އިބްރާހިމް އެމްބާއޭ ދިން ބޯޅައަކުން ޑޫއޭ ޖެހި ގޯލެކެވެ.
މެޗުގެ 81 ވަނަ މިނިޓްގައި، މެޓްޒްގެ ޖޯޖީ ޝިޓައިޝްވިލީ ޖެހި ގޯލުން އެ ޓީމުން ފަރަގުކުޑަކޮށް މެޗުގެ ބާކީ ބައިގައި ކުރިއަށްޖެހިގެން ނަތީޖާ ހަަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް ޕީއެސްޖީން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
ޕީއެސްޖީން މި މެޗު ކުުޅުނީ އަނިޔާގެ ސަބަބުން އަޝްރަފް ހަކީމީ، މާކީނިއޯސް އަދި އޮސްމާން ޑެމްބެލޭ ނުލަ އެވެ. އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ އަނިޔާގެ މައްސަލަތަކާ ހެދި އުނދަގޫ ހާލަތެެއްގައި އޮވެ ހޯދުނީ މުހިންމު މޮޅެއް ކަމަށެވެ.
Comment