ކިހުނު (ގޮނޯރިއާ) ޖައްސާ ވައިރަސް ނައިސީރިއާ ގޮނޯރިއާއަކީ، އެންޓިބަޔަޓިކްގެ ވަރަށް ގިނަ ބާވަތްތަކަށް ނުގުޑާ ވައިރަހެއްގެ ގޮތުގައި މިހާރު ގިންތިކުރެވޭ ވައިރަހެކެވެ. މާނައަކީ ކިހުނު ބައްޔަށް ފަރުވާ ކުރުމަށްޓަކައި އާ އެންޓިބަޔަޓިކެއް ބޭނުންވެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި ޒޮލިފްލޯޑަސީން އަކީ ކިހުނުގެ ޖަރާސީމާ ހަނގުރާމަކުރުމުގެ ގާބިލުކަން ލިބިގެންވާ އެންޓިބަޔަޓިކެއް ކަމުގައި ބެލެވެއެވެ.
މިހާރު އާންމުކޮށް ބޭނުންކުރާ އެންޓިބަޔަޓިކްތަކަށް، ކިހުނުގެ ވައިރަސް ނުގުޑުމަކީ – އެ ބޭހުން ކިހުނުގެ ވައިރަހަށް އަސަރު ނުކުރުމަކީ – ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފާހަގަކުރެވިފައިވާ ބޮޑު މައްސަލައެކެވެ. ނަމަވެސް، ދިރާސާކުރާ ސައެންސްވެރިން ބުނާ ގޮތުގައި އަލަށް އީޖާދުކުރި ޒޮލިފްލޮޑަސީން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ މި މަހުގެ ތެރޭގައި އެމެރިކާ ސަރުކާރުން ދީފައިވާ އިރު، މިއީ ކިހުނު ބަލީގެ ވައިރަސް މައިތިރި ކުރުމަށް ލިބުނު ރަނގަޅު ފުރުސަތަކަށް ވާނެއެވެ.
ޖިންސީ ގުޅުމުގެ ސަބަބުން ގައިން ގަޔަށް އަރާ ކިހުނު ބައްޔަކީ، އެންމެ ހަލުވިކަމާއެކު ފެތުރެމުން ދާ މި ޒާތުގެ އެއް ބައްޔެވެ. އަންދާޒާކުރެވޭ ގޮތުގައި ކޮންމެ އަހަރަކު ވެސް އެވްރެޖް ގޮތެއްގައި 80 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި އަލަށް ޖެހެއެވެ.
ކިހުނު ބަލި ޖެހެނީ، އެ ބަލި ޖެހިފައިވާ މީހަކާ އެކު ކޮންމެވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުމުން، ނައިސީރިއާ ގޮނޯރިއާ ކިޔާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް އެރުމުންނެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ޖެހޭ މި ނުރައްކާތެރި ބަލި ފިރިހެނުންގެ ހަށިގަނޑުން ބޮޑަށް ފެންނަނީ ކުޑަކަމުދާ ހޮޅިންނެވެ. އަންހެނުންނަށް ކިހުނު ބަލީގައި ބޮޑަށް ގެއްލުން ލިބެނީ ކުޑަކަމުދާ ހޮޅި އާއި ރަހިމުގެ ކަރަށެވެ.
ބައެއް ހާލަތްތަކުގައި އަންހެނުންގެ ކުޑަކަމުދާ ހޮޅި އާއި ރަހިމުގެ ކަރަށް އެއްކޮށް ވެސް މި ބަލި ޖެހެއެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޮޑުކަމުދިޔުމުގެ ނިޒާމަށާއި ފުރަގަސްފަރާތު ދޮރަށާއި، އަނގަ އަދި ކަރުތެރެއާއި ދަރިން ލިބުމުގެ ނިޒާމްގެ ބައިތަކަށް ވެސް ކިހުނުގެ އަސަރު ފޯރައެވެ. ވަރަށް ނާދިރު ހާލަތްތަކުގައި ލޮލަށް ވެސް ކިހުނު ޖެހެއެވެ.
މި ބަލި ޖެހުމުން އާންމު ގޮތެއްގައި ފެންނަ އަލާމާތްތަކަކީ، ކުޑަކަމުދާ އިރު ކުރިމަތި ފަރާތުން ދިލަނެގުމާއި އަންހެނުންނާއި ފިރިހެނުންގެ ވެސް ކުޑަކަމުދާ ދޮރުން، ކުޑަކަމުދާ ތަކެއްޗާއި މަނި ފިޔަވައި އެހެން ދިޔައެއް ނުކުތުމެވެ. މި މައްސަލަ ހައްލު ނުކުރެވި ދޫކޮށްލެވިއްޖެ ނަމަ، ދަރިމައިނުވުމާއި ބައިގެން ދިޔުމުގެ މައްސަލަ އަންހެނުންނަށް ކުރިމަތިވެއެވެ. އަދި ދަރިން ނުލިބުމުގެ މައްސަލަ ފިރިހެނުންނަށް ކުރިމަތިވެއެވެ.
މި ބައްޔަށް މިހާތަނަށް ފަރުވާ ކުރަމުން އައީ އިންޖެކްޝަނެއްގެ ގޮތުގައި ބޭނުންކުރާ އެންޓިބަޔަޓިކެއް ކަމަށްވާ ސެފްޓްރިއަޒޯން އެވެ. ނަމަވެސް މި ބޭހުން ވެސް އަސަރުނުކުރާ ފަދަ ބައެއް ބަދަލުތައް ކިހުނުގެ ވައިރަހަށް އައިސްފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ތައިލޭންޑާއި ބްރެޒީލް އަދި ދެކުނު އެފްރިކާ ހިމެނޭހެން 12 ގައުމެއްގައި، 2024 ވަނަ އަހަރު ކިހުނަށް ފަރުވާ ކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ފަސް އިންސައްތަ މީހުންގެ ހަށިގަނޑުގައި ސެފްޓްރިއަޒޯން އަށް ކިހުނުގެ ވައިރަސް ނުގުޑާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅައި ބަލާއިރު ހަ އިންސައްތަ އިތުރު މިންވަރެކެވެ.
ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނި ގޮތުގައި މިހާރު ބޭނުންކުރާ އެންޓިބަޔަޓިކްތަކަށް ނުގުޑާ ކިހުނު ވައިރަހަށް ފަރުވާ ކުރުމަށް ހާއްސަކޮށް އުފެއްދި ޒޮލިފްލޮޑަސިން އިން، ކިހުނު ވައިރަހަށް އަސަރުކުރާ މިންވަރު ބެލީ 744 މީހަކު ބައިވެރިކޮށްގެން ހެދި ދިރާސާއަކުންނެވެ.
މި ދިރާސާގައި އެމެރިކާ، ދެކުނު އެފްރިކާ، ތައިލޭންޑް، ބެލްޖިއަމް އަދި ނެދަލޭންޑްސް އިން ބައިވެރިކުރި މި 744 މީހުން ދެ ބަޔަކަށް ބަހާލައި، އެއް ބަޔަކަށް ޒޮލިފްލޮޑަސިން ދިނެވެ. އަނެއް ބަޔަކަށް ދިނީ ކުރިން ބޭނުންކުރަމުން އައި ދެ އެންޓިބަޔަޓިކް، ސެފްޓްރިއަޒޯން އާއި އެޒިތުރޮމައިސިން އެއްކޮށްފައެވެ.
ހަ ދުވަސް ފަހުން އެމީހުންގެ ރަހިމުގެ ދޮރުން ނުވަތަ ކުޑަކަމުދާ ހޮޅިން ދިޔަ ނުވަތަ ތެތްކަން ނަގައި ތަހުލީލުކުރި އެވެ. އެ ދިޔަ ތަހުލީލުކުރުމުން އެނގުނީ ޒޮލިފްލޮޑަސިން ދިން މީހުންގެ ހަށިގަނޑުން އެންމެ ހަ ދުވަހުގެ ތެރޭގައި ކިހުނުގެ އިންފެކްޝަންގެ 91 އިންސައްތަ ފިލައިގެން ގޮސްފައިވާ ކަމެވެ. އަދި ދެ ބޭސް އެއްކޮށްގެން ދިން މީހުންގެ ހަށިގަނޑުން އިންފެކްޝަން ފިލައިގެން ދިޔަ ނިސްބަތަކީ 96 އިންސައްތައެވެ.
މީގެ މާނައަކީ ދެ ބާވަތުގެ ފަރުވާއިން ވެސް ބަލިން ފަސޭހަވުމާއި، ބޯއެނބުރުމާއި މޭނުބައިކުރުން ފަދަ ސައިޑް އިފެކްޓްތަކުގައި މާ ބޮޑު ތަފާތެއް ނެތެވެ. މި ދިރާސާގައި ބައިވެރިކުރި 744 މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ސެފްޓްރިއަޒޯން އާއި އެޒިތުރޮމައިސިން އަށް ނުގުޑާ ވައިރަސް ހުރި މީހުންނެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ލެބޯޓެރީގައި ކުރި ތަހުލީލުތަކުން ޔަގީންކުރެވިފައިވަނީ، ޒޮލިފްލޮޑަސީން އަކީ، މިހާރު މި ބޭނުންކުރާ އެންޓިޔަޓިކްތަކަށް ނުގުޑާ ކިހުނު ވައިރަހާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ އެންޓިބަޔަޓިކެއް ކަމެވެ.
Comment