Advertisement

އަންހެން ކެންޑިޑޭޓުން ވާދަކުރާ ދާއިރާތައް ކަނޑައެޅީ މުއިއްޒު ބޭނުންވާ ގޮތަށް: ފައްޔާޒު


އަންހެން ކެންޑިޑޭޓުން ވާދަކުރާ ދާއިރާތައް ކަނޑައެޅީ މުއިއްޒު ބޭނުންވާ ގޮތަށް: ފައްޔާޒު

ލޯކަލް ކައުންސިލް އިންތިހާބުގައި ހަމައެކަނި އަންހެން ކެންޑިޑޭޓުންނަށް ހާއްސަކުރާ ގޮނޑިތައް ކަނޑައަޅާފައިވަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ އިންތިހާބުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 646 ކައުންސިލަރުން ހޮވާނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާ މެދު ގިނަ ކެންޑިޑޭޓުންތަކެއްގެ ޝަކުވާ އެބައޮތެވެ.

ކައުންސިލް އިންތިހާބުގެ ގޮނޑިތައް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި އޮތް އުޞޫލު އެނގޭ އެއްވެސް އެހެން ފަރާތެއް ނެތް. އެކަމަކީ، އެތެރެ އެތެރެއިން ސިއްރުސިއްރުން ޕީއެންސީ ބޭނުންވާ ގޮތަށް އީސީ އިން ކޮށްފައި އޮތް ކަމެއް،" ފައްޔާޒު ލިޔުއްވި އެވެ.

އެގޮތުން، މީގެ ކުރިން އަންހެން ކެންޑިޑޭޓުން ވާދަކުރާ ގޮނޑިތައް ކަނޑައަޅާފައިވަނީ ގުރުއަތުން ކަމަށާއި ނަމަވެސް މިފަހަރު އެކަން މުއިއްޒު ބޭނުންވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ހަމަޖައްސައިދީފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަންގެ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތު އަނެއްކާ ވެސް އެ ނަގާލެވެނީ ޒާހިދު ކަހަލަ ބޭބޭފުޅުން މުއިއްޒު ރުއްސުމަށް މަސައްކަތް ފެއްޓެވުމުން. ކުރިއަށް އޮތް އިންތިހާބުތަކުގައި އީސީއިން ރައީސް މުއިއްޒު ބޭނުންވާ ނަތީޖާ ނެރުމަށް ގަދައަޅައި މަސައްކަތްކުރާނެކަން މިހާރު ކަށަވަރު،" ފައްޔާޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ދާއިރާތައް ކަނޑައެޅި ގޮތާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށް ބައެއް ފަރާތްތަކުން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

ވަގުތީ ރިޕޯޓުގައިވާ ގޮތުން 133 ރަށެއްގެ ކައުންސިލުގައި ދެން ތިބޭނީ ތިން މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އާއި އަންހެން މެންބަރެއްގެ އިތުރުން، އިތުރު އެއް މެންބަރެވެ.

ކުރިއަށް އޮތް އިންތިހާބުގައި މިހާރު ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 46 ރަށެއްގަ އެވެ. އެއީ ކައުންސިލްގެ ރައީސް އާއި ދެ އަންހެން ކައުންސިލަރުން އަދި އިތުރު ދެ ކައުންސިލަރުންނެވެ.

މޭޔަރުންނާއެކު ރާއްޖޭގައި މިހާރު އޮތް ފަސް ސިޓީގެ ސިޓީ ކައުންސިލަރުންގެ އަދަދާއި ކައުންސިލަރުން ހޮވާނެ ދާއިރާތައް ވެސް އީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.