އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި ލޫޓުވައިފި މުޒާހަރާގެ ތެރެއިން: މި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
އެމްޑީޕީން މާލޭގައި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓުންތަކަކަށް ދައުވާ ކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލާ ރެފެރެންޑަމް ވޯޓުގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޫބަރު 3، ގައި ބޭއްވި މުޒާހަރާގެ މައްސަލައިގައި ދައުވާ ކުރަން ފުލުހުން ފޮނުވީ ތިން މީހެއްގެ މައްޗަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި އަންނަ މަހުގެ 4، ގައި އޮންނަ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ފާތުމަތު ޒަހިއްޔާ (ޒާޔާ) އަދި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމް އެވެ.
މި ތިން މީހުންގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ، ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމެވެ. އެ ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް މި މީހުންނަށް ކުރެ އެވެ.
މިއީ ސިޔާސީ ދައުވާތަކެއް ކަމަށް ސިފަކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުވާ ކުރަން އުޅެނީ ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށްގެން އެ ޕާޓީން އިންތިޒާމުކުރި ސުލްހަވެރި ސިޔާސީ އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ބަޔެއް ކަމަށެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ދުވަހުގެ މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތް ކުރީ ސަރުކާރުގެ އެންގުމުގެ ދަށުން ފުލުހުންނެވެ.
"ދެންނެވުނު އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށް ޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ކަމާއި، އަދި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށް ޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމާއި، އަނިޔާވެރި ކަމާއެކު އެތައް ބަޔަކު ހައްޔަރު ކުރި ތަން ދިވެހި ރައްޔިތުންނަށް ވާނީ ފެނިފަ،" އެމްޑީޕީން ބުންޏެވެ.
މި ބުނާ ދުވަހު ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފަ އެވެ. އެ ދުވަހު ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.
އެމްޑީޕީން ބުނި ގޮތުގައި، ދައުވާތައް ކުރުމުގެ އަނެއް ބޭނުމަކީ މިއީ މި މަހުގެ 21 އަށް އެ ޕާޓީން އިންތިޒާމުކުރަމުންދާ މުޒާހަރާގައި ބައިވެރިވާ މީހުންނަށް ބިރުދެއްކުމެވެ. ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ ކުރިން ވެސް މުޒާހަރާ ކުރި މައްސަލައެއްގައި އެމްޑީޕީގެ ހަ އެކްޓިސްޓެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި އެވެ. އެ ފަހަރު ޕީޖީ އޮފީހުން ވަނީ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފަ އެވެ.
މިގޮތަށް ނިންމީ، ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ އަމަލުތައް ހިންގީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ވުމާއި އެ މީހުންގެ އަމަލަކުން މީހަކަށް އަނިޔާއް ނުވަތަ ތަނަކަށް ގެއްލުމެއް ވެފައި ނުވާތީ އެވެ.
Comment