11 ޑިސެންބަރު 2025 - 07:22 0
ދަ ސްކިޕާ އަތުލުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަންގެ މަންޒަރެއް.
11 ޑިސެންބަރު 2025 - 07:22 0
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ކުރަމުންދާތާ އެތައް މަސައްކަތެއް ފަހުން، ވެނެޒުއޭލާގެ އައްސޭރިފަށުން ބޮޑު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި އެވެ.
ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކޯސްޓްގާޑާއި ނޭވީ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލީ މީގެ ކުރިން ހިފަހައްޓާފައި ނުވާވަރުގެ ބޮޑު އުޅަނދެއް ކަމަށެވެ. އެ އޮޕަރޭޝަންގައި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ސިފައިން ބޯޓަށް ފައިބައި، އެ ބޯޓު އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފަ އެވެ.
"އަހަރެމެން ވެނެޒުއެލާގެ އައްސޭރިފަށުން ޓޭންކަރެއް އަތުލައިފިން، ބޮޑު ޓޭންކަރެއް، ވަރަށް ބޮޑު، އެއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޓޭންކަރެއް،" ޓްރަމްޕް ވިދާޅުވި އެވެ.
"އެހެން ކަންތައްތައް ވެސް އެބަ ހިނގާ. އެކަންކަން ފެނިވަޑައިގަންނަވާނެ."
އެމެރިކާގެ އެޓާނީ ޖެނެރަލް ޕެމް ބޮންޑީ ވިދާޅުވި ގޮތުގައި މި ބޯޓު ހިފަހައްޓަން ޖެހުނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ވެނެޒުއޭލާ އަދި އީރާނުގެ ތެޔޮ، ގަވާއިދާ ހިލާފަށް އުފުލުމުގައި މި ބޯޓު ބައިވެރިވެފައިވާތީ އެވެ.
މި ބޯޓަކީ ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ބޮޑު ނެޓްވޯކެއްގެ ބައެއް ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ.
މިކަމާ ގުޅިގެން ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
މިއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހިންގި "ކަނޑުފޭރުމުގެ" އަމަލެއް ކަމަށާއި، އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއޭލާގެ ގުދުރަތީ ވަސީލަތްތައް ފޭރިގަންނަން ކަމަށް ވެނެޒުއޭލާއިން ބުނެއެވެ.
އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ވެނެޒުއޭލާގެ ވެރިކަމުން މަޑޫރޯ ދުރުކުވޭތޯ އެވެ.
އެމެރިކާއިން ހިފެހެއްޓި ޓޭންކަރަށް ކުރިން ކިޔަނީ "އަޑިސާ" އެވެ. އެއީ ރަޝިއާގެ ތެލުގެ މަހުޖަނު ވިކްޓާ އާޓެމޮވް ކޮންޓްރޯލްކުރާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. މިއީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ.
Comment