Advertisement

ސަރުކާރާއެކު އެއްބަސްވުމަކަށް ނާދެވެނީސް މުޒާހަރާ ހުއްޓައެއް ނުލާނަން: މަސްވެރިން

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިވާ އޮޑިފަހަރު މާލޭ ބޭރުގައި އަޅާފައި -- ފޮޓޯ: އަދަދު


ސަރުކާރާއެކު އެއްބަސްވުމަކަށް ނާދެވެނީސް މުޒާހަރާ ހުއްޓައެއް ނުލާނަން: މަސްވެރިން

ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މަސްވެރިންގެ ގާތަށް ގޮސް އެއްބަސްވުމަކަށް ނާންނަނީސް މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓައިނުލާނެ ކަމަށް މަސްވެރިން ބުނެފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މިއަދު ހެނދުނު 9:30 އިން ފެށިގެން ކުރަމުންދާ މުޒާހަރާގެ ބައިވެރިން މި ވަގުތު ތިބީ މާލޭގެ ރަސްމީ ފާލަމާ ދިމާ ބޭރުގައި އޮޑިތައް އަޅައިގެންނެވެ. އެ މުޒާހަރާގައި 55 އޮޑި މިހާރު އެބަ ބައިވެރިވެ އެވެ.

މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވާ ގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ބީކޭއެމްޔޫގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު ވިދާޅުވީ މަސްވެރިންގެ މުޒާހަރާގެ ބައިވެރިންނާ ސަރުކާރާ ދެމެދު މުއާމަލާތް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ބީކޭއެމްޔޫގެ ރައީސް، ހުސެއިން ނަޝީދު އާއި މިނިސްޓަރު، ޝިޔާމް އާ ދެމެދު މައްސަލަ ހައްލު ކުރުމަށް ވާހަކަދެކެވެމުންދާ ކަމަށާއި މުޒާހަރާގެ ބައިވެރިން މި ވަގުތު ތިބީ ސަރުކާރުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ކެޔޮޅުންގެ ޑިމާންޑަކީ ކަމާބެހޭ ފަރާތްތަކުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަދި، ފިޝަރީޒް މިނިސްޓަރު މި ތަނަށް އަޅުގަނޑުމެންނާ ބައްދަލުކުރަން އައިސް މަސްވެރިންގެ، މި ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހައި ބޮޑު ކަންނެލި މަސްވެރިންނަށްވެފައިވާ ވައުދު ފުއްދުމާ ބެހޭގޮތުން ވެވެން އޮތް އެއްބަސްވުމަކާ ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް އައުން،" މައުރޫފް ވިދާޅުވި އެވެ.

"...ކެޔޮޅުންނާއި އޮޑިވެރިން އަދި މި މުޒާހަރާގެ އެންމެހައި ބައިވެރިން ތިބީ މިއަށް ކަންނެލި މަސްވެރިންގެ މި ޑިމާންޑުތަކަށް އެދެވޭ ހައްލެއް ނުލިބެނީސް މިކަން ހުއްޓާލާކަށެއް ނޫން."

މިނިސްޓަރު ޝިޔާމް އާ ކުރެވެމުންދާ މަޝްވަރާތަކުގެ ތަފުސީލު ދެއްވަމުން ބީކޭއެމްޔޫގެ ރައީސް، ނަޝީދު ވިދާޅުވީ މުޒާހަރާގައި ބައިވެރިވާ ކެޔޮޅުންގެ ފަރާތުން ނިންމާފައިވާ ނިންމުން، ހުށަހެޅުމެއްގެ ގޮތުގައި ޝިޔާމްއަށް ދަންނަވާފައިވާނެ ކަމަށެވެ.

މުޒާހަރާ ދެން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ޝިޔާމް ދެއްވާ ޖަވާބަކާ ގުޅިގެން ކެޔޮޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ވަގުތު ވެސް މި ހުރީ މިނިސްޓަރުގެ ފޯނުކޯލެއްގެ އިންތިޒާރުގައި، އަޅުގަނޑުމެންގެ ފަރާތުން، ކެޔޮޅުންނާ މަޝްވަރާ ކުރުމަށްފަހު ހުށަހަޅަންޖެހޭ، ކެޔޮޅުންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ވާނީ ވަޒީރަށް ދަންނަވާފައި، އެހެންވީމާ އެ ފަރާތުގެ އަޕްޑޭޓެއް ލިބޭހައި އަވަހަކަށް އަޅުގަނޑުމެން ކެޔޮޅުންނާ މަޝްވަރާ ކުރުމަށްފަހުގައި ދެން އިތުރަށް ކުރިއަށް ދާނެ ގޮތެއް އަޅުގަނޑުމެން ނިންމާނީ،" ނަޝީދު ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް:

  • ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން
  • ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުން

މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.