Advertisement

އަލޮންސޯ ބުނީ ރެއާލްގެ ކޯޗަކަށް އަބަދުވެސް ވަޒީފާގެ ބިރު އޮންނާނެ ކަމަށް

about 20 hours 0


އަލޮންސޯ ބުނީ ރެއާލްގެ ކޯޗަކަށް އަބަދުވެސް ވަޒީފާގެ ބިރު އޮންނާނެ ކަމަށް

about 20 hours 0

މެޑްރިޑް (ޑިސެމްބަރު 10) - ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުންނަ މީހަކަށް އަބަދުވެސް ވަޒީފާގެ ބިރު އޮންނާނެ ކަމަށް އެ ޓީމާ ހަވާލުވެ ހުރި ސްޕެއިނުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ކުރިން ރެއާލްގެ ބީ ޓީމަށާއި ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ އެ ޓީމުގެ ކޯޗުކަމާ މިދިޔަ މެއި މަހު ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު، އެންމެ ފަހުން ރެއާލުން ކުޅުނު މެޗުތަކުގައި ނުކުމެފައިވާ ނަތީޖާތަކުގެ ސަބަބުން، މިރޭ ޗެމްޕިއަންސް ލީގުގައި ރެއާލުން މެންޗެސްޓާ ސިޓީ އަތުން ބަލިވެއްޖެނަމަ، އަލޮންސޯ އަށް ރެއާލްގެ ކޯޗުގެ ވަޒީފާ ގެއްލޭނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"ރެއާލްގެ ކޯޗަކަށް ހުންނައިރު ކޮންމެ ހާލަތަކަށް ވެސް ޖެހޭނީ ތައްޔާރުވެ ހުންނަން. އަހަރެމެންނަކީ ޓީމެއް، އަހަރެމެން މި ތިބީ އެކުގައި. މިހާރު މި އޮތް މާޔޫސްކަމުން އަރައިގަންނަން އެންމެ ފުރަަތަމަ ކުރިމަތީގައި މި އޮތީ ސިޓީ މެޗު. ކާމިޔާބު ހޯދަންޖެހޭ،" އަލޮންސޯ ބުންޏެވެ.

ސިޓީއާ ދެކޮޅަށް ނުކުންނައިރު، ރެއާލްގެ ޓީމުގެ އަށް ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި، ސިޓީ މެޗަށް ރެއާލުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި، ރެއާލްގެ އެންމެ ފޯމުގައި ހުރި ތަރި ކީލިއަން އެމްބާޕޭ ވެސް ބައިވެރިނުވާއިރު، އޭނާ އަށް ވެސް ސިޓީ މެޗު ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

އަލޮންސޯ ބުނީ، ފުޓްބޯޅައިގައި ވަރަށް އަވަހަށް ކަންތައްތައް ބަދަލުވެގެންދާނެ ކަމަށާއި ބައެއް ފަހަރު ރަނގަޅު ގޮތަށް ކަންކަން ދިމާވާއިރު، ގޯސްކޮށް ދިމާވާ ފަހަރުތައް ވެސް އަންނާނެ ކަމަށެވެ. އަދި، މީގެއިން އަރައިގަންނަން ނޫނީ ހާލަތާ އެންމެ ރަނގަޅަށް ކުރިމަތިލެވޭނީ ވީހާވެސް ޕޮޒިޓިވްކޮށް ހުރެގެން ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

ރެއާލްގެ ކޯޗުކަމާ އަލޮންސޯ ހަވާލުވިއިރު، އޭނާ އަށް ލިވަޕޫލަށް ދިއުމަށް ވެސް އޮފާއެއް އޮތެވެ. ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓަށް ނަތީޖާ ނުނެރެވި ޕްރެޝަރުތަކެއް ކުރިމަތިވަމުން އަންނައިރު، ސްލޮޓްގެ ވަޒީފާ ގެއްލޭ ހާލަތުގައި ލިވަޕޫލްގެ ހުށަހެޅުމެއް އަލޮންސޯ އަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލާ ހަވާލުވެދާނެތޯ އެހުމުން، އަލޮންސޯ ވަނީ މި ވަގުތު ފޯކަސް އަކީ ރެއާލް ކަމަށާއި ލިވަޕޫލަކީ އޭނާ ކުރިން ކުޅެފައިވާ އަބަދުވެސް އިހުތިރާމްކުރާނެ ކްލަބެއް ކަމަށް ވަނީ ބުނެފަ އެވެ.

މެޑްރިޑްގައި މިރޭ ރެއާލާއި ސިޓީ ކުޅޭ މެޗު ފަށާނީ 1 ޖަހާއިރު އެވެ.