Advertisement

ޕޮލިސް ބޯޑު އުވާލުމަށް މަސައްކަތް ކުރަމުންދާތީ ހަމީދުގެ ކަންބޮޑުވުން

10 ޑިސެންބަރު 2025 - 10:28 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުރީގެ ޕޮލިސް ކޮމިޝަނަރު ހަމީދު. ފުލުހުންގެ ގާނޫނަށް ގެންނަން އުޅޭ ބައެއް ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: އަަދަދު ފައިލް


ޕޮލިސް ބޯޑު އުވާލުމަށް މަސައްކަތް ކުރަމުންދާތީ ހަމީދުގެ ކަންބޮޑުވުން

10 ޑިސެންބަރު 2025 - 10:28 1

މާޗު 2021 ގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑު އުވާލުމުގެ މަސައްކަތް ކުރަމުންދާތީ ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕޮލިސް ބޯޑު އުވާލަން މަސައްކަތް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖެއަށް "އެކަށީގެންނުވާ" ބޯޑެއް ކަމަށް އޭނާގެ ބްލޮގުގައި ހަމީދު ލިޔުއްވި އެވެ. އޭގެ އިތުރުން، އެ ބޯޑުން ފުލުހުންގެ ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަނުކުރުމުގައި ދައުރެއް އޮންނަން ނުޖެހޭ ކަމަށް އެ ފަރާތްތަކުން ދެކޭ ކަމަށް ވެސް ހަމީދު ލިޔުއްވި އެވެ.

"ބަޔަކު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ސިފައިންނާއި ފުލުހުންގެ ވެސް އިސް ކޮމާންޑަރަށް ވާން ޖެހޭ. މާނައަކީ ޑިމޮކްރެޓިކް މޮނިޓަރިންގެ އިންތިޒާމުތަކަކީ ލީޑާޝިޕަށް ދަތިވާ ކަމެއްގެ ގޮތުގައި އެ ދެކެނީ،" ހަމީދު ވިދާޅުވެފައިވެ އެވެ.

މިއީ ބައިނަލްއަގުވާމީ ޑިމޮކްރެޓިކް ހަމަތަކާ މުޅިން އިދިކީލަ ކަމެއް ކަމަށް ހަމީދު ލިޔުއްވި އެވެ. ފުލުހުންގެ މައްޗަށް ބަސް ބުނާ ބޯޑުތައް އެކުލަވާލަނީ ފުލުހުންގެ ކޮންމެ ހިދުމަތަކީ ވެސް މުޖުތަމައުއާ ގުޅިފައިވާ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ހިދުމަތްތަކަށް ވާން ޖެހޭތީ ކަމަށް އޭނާ ލިޔުއްވި އެވެ.

ފުލުހުންގެ ބޯޑު އެކުލަވާލާފައި ވަނީ ލީޑަޝިޕްގެ މަގާމުތަކަށް ޕްރޮފެޝަނަލް ބޭފުޅުން ހޯދުމަށް އެހީތެރިވެދީ، މަސައްކަތްތައް ދެމިގެންދިއުން ރައްކާތެރިކޮށް، އަދި ދިގު މުއްދަތަށް ހަމަޖެހުން ގާއިމުކުރުމަށް. އެ ބޯޑު އުވާލުމުން ފުލުހުންގެ މުއައްސަސާ ވަރުގަދައެއް ނުވާނެ. އެކަމުގެ ސަބަބުން، އެ މުއައްސަސާ، ކުރު މުއްދަތުގެ ސިޔާސީ ފިއްތުންތަކަށް ހުށަހެޅި، އިތުބާރު ގާއިމުކުރުމަށްޓަކައި އެތައް އަހަރެއް ވަންދެން ކުރެވިފައިވާ މަސައްކަތްތައް ބޭކާރު ވެގެންދާނެ،" ހަމީދު ލިޔުއްވި އެވެ.

ޕޮލިސް ބޯޑު އުވާލުމުގެ ބަދަލުގައި އެ ބޯޑު އިތުރަށް ވަރުގަދަކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމަކީ ރާއްޖެއަށް އެންމެ ބޭނުންތެރި ގޮތް ކަމަށް ހަމީދު ލިޔުއްވި އެވެ.

ހަމީދު ލިޔުއްވި ގޮތުގައި ޕޮލިސް ބޯޑު އުވާލުމުގެ އިތުރުން އަވައްޓެރި ފުލުހުންގެ ފަލްސަފާ ވެސް ގާނޫނުން ފޮހެލުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެއީ ވެސް ގާނޫނަށް ގެނެވޭ ގޯސް ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.

މުޅިން އަލަށް 2021 ގައި އުފެއްދި މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބޭ ބޯޑެކެވެ. އެގޮތުން ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިންމު ބާރުތަކެއް އެ ބޯޑަށް ލިބެ އެވެ. އޭގެ އިތުރުން ޕޮލިސް ކޮމިޝަނަރު އައްޔަނު ކުރުމުގައި ވެސް މި ބޯޑުގެ އިސް ރޯލެއް އޮވެ އެވެ.