Advertisement

ވިރާތު 15 އަހަރަށް ފަހު ވިޖޭ ހަޒާރޭ ޓްރޮފީގައި ކުޅެނީ

about 1 hour 0


ވިރާތު 15 އަހަރަށް ފަހު ވިޖޭ ހަޒާރޭ ޓްރޮފީގައި ކުޅެނީ

about 1 hour 0

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 9) - އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ތަރި، ވިރާތު ކޯލީ، 15 އަހަރަށް ފަހު، އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓް މުބާރާތެއް ކަަމަށްވާ ވިޖޭ ހަޒާރޭ ޓްރޮފީ މުބާރާތުގައި ކުޅެން ނިންމައިިފި އެވެ.

އިންޑިއާގެ ޓެސްްޓް ކްރިކެޓް ޓީމާއި ޓީ20 ކްރިކެޓް ޓީމުން ވިރާތު، 36، އާއި ރޯހިތު، 38، ވަނީ ރިޓަޔާކޮށްފަ އެެވެ. އެ ދެ ކުޅުންތެރިން ހަމައެކަނި މިހާރު އިންޑިއާ ގައުމީ ޓީމަށް ކުޅެމުން އަންނަނީ، ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގަ އެވެ. ދާދި ފަހުން، އިންޑިއާ އިން ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު ޓުއާގައި ވިރާތު އާއި ރޯހިތު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވިރާތު އާއި ރޯހިތުގެ އަމާޒުހުރީ، 2027 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި ކުޅެފައި، އޯޑީއައި ޓީމުން ރިޓަޔާކުރުމަށް ކަމަށް ރިޕޯޓްތައް ބުނާއިރު، އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައި އިން ވިރާތާއި ރޯހިތު އެ މުބާރާތުގައި ކުޅުވުމާ މެދު ގޮތެއް ނިންމަން ދޫކޮށްލާފައިވަނީ، ބީސީސީއައިގެ ސިލެކްޝަން ކޮމިޓީ އަށެވެ.

ބީސީސީއައި އިން ނިންމާފައިވަނީ، ވަކި ފޯމެޓްތަކުގައި، އިންޑިއާ ޓީމަށް ކުޅޭ ކުޅުންތެރިން ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅެން ޖެހޭނެ ކަމަށެވެ. އެއާ އެކު، ވިޖޭ ހަޒާރޭ ޓްރޮފީގައި ކުޅޭ ނިއު ދިއްލީ ޓީމުން ވަނީ ވިރާތު އެ ޓީމަށް ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. މިއީ، 2010 ވަނަ އަހަރުގެ ފަހުން ވިރާތު މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މި އަހަރު ވިރާތު ވަނީ 12 އަހަރަށް ފަހު، ރަންޖީ ޓްރޮފީ މެޗެއްގައި ވެސް ކުޅެފަ އެވެ. އެ މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ގޮސްފައިވެ އެެވެ.

މި މަހު 24 ވަނަ ދުވަހު ފަށާ ވިޖޭ ހަޒާރޭ ޓްރޮފީގައި ވިރާތު ކުޅޭނީ ކިތައް މެޗު ކަމެއް ޔަގީންނުވި ކަަމުގައި ވިޔަސް އެ ޓީމުން ހަަ މެޗު މަދުވެގެން ކުޅޭނެ އެވެ. ވިޖޭ ހަޒާރޭ ޓްރޮފީގައި، ރޯހިތު ކުޅެނީ މުމްބާއި ޓީމަށެވެ.