Advertisement

ތަށި ލިބުނަސް ރިޓަޔާކުރަންދެން ވިރާތު ކުޅޭނީ ބެންގަލޫރަށް

4 ޖޫން 2025 - 10:19 0


ތަށި ލިބުނަސް ރިޓަޔާކުރަންދެން ވިރާތު ކުޅޭނީ ބެންގަލޫރަށް

4 ޖޫން 2025 - 10:19 0

އަހުމަދުއާބާދު، އިންޑިއާ (ޖޫން 4) - އަށާރަ އަހަރަށް ފަހު، މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތަށި ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ލިބުމުން ދިގު އިންތިޒާރަކަށް ނިމުން އަތުވެއްޖެ ކަމަށާއި ކެރިއަރު ނިމެންދެން ވެސް އައިޕީއެލްގައި ކުޅޭނީ ބެންގަލޫރަށް ކަމަށް ވިރާތު ކޯލީ ބުނެފި އެވެ.

ރޭގެ ފައިނަލުގައި، ވިރާތު ވަނީ 35 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ. ބެންގަލޫރު މޮޅުވީ ހަ ލަނޑުންނެވެ.

ބެންގަލޫރުގެ މި ކާމިޔާބީ އެންމެ ހާއްސަވަނީ، އެ ޓީމާ އެކު، 18 އަހަރު މި ކާމިޔާބީ ހޯދަން މަސައްކަތް ކުރި ވިރާތު, 36, އަށެެވެ. ވިރާތުގެ ކާމިޔާބު ކްރިކެޓް ކެރިއަރަށް މަދުވެފައި އޮތީ އައިޕީއެލްގެ ތަށްޓެވެ.

ވިރާތު ވަނީ އިންޑިއާއާ އެކު، 50 އޯވަރުގެ ދެ ވޯލްޑް ކަޕާއި ދެ ޗެމްޕިއަންސް ޓްރޮފީ ތަށީގެ އިތުރުން، ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ވިރާތުއާ އެކު، ބެންގަލޫރަށް އައިޕީއެލްގައި މީގެ ކުރިން ކުޅުނު އޭބީޑީ ވިލިއަސް އާއި ކްރިސް ގޭލް ވެސް ވަނީ ބެންގަލޫރުގެ މި ކާމިޔާބީގެ އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ.

މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ވިރާތު ބުނީ، ބެންގަލޫރާ އެކު، މި ތަށި ހާސިލްކުރަން ކުރި 18 އަހަރުގެ ދިގު ދަތުރުގެ ތެރޭގައި، އެކި ކަަހަލަ ވިސްނުން އައި ކަމަށެވެ. އަދި، ޓީމާ އެކު ތަށި ނުހޯދިދިޔަ ފަހަރުތަކުގައި ވެސް އިތުބާރާ އެކު ދެމިހުރީ ސަޕޯޓަރުންނާއި ޓީމުގެ މެނޭޖްމަންޓް އަދި ކުޅުންތެރިން ދިން އެއްބާރުލުމުން ކަމަށް ވިރާތު ވަނީ ފާހަގަކޮށްފަ އެވެ.

ވިރާތުގެ އަނބިމީހާ، މަޝްހޫރު ފިލްމީތަރި، އަނުޝްކާ (ކ): ވިރާތު ވަނީ އޭނާގެ ކާމިޔާބީގައި އަނުޝްކާގެ ދައުރު ވަރަށް ބޮޑު ކަމަށާއި ފާއިތުވި 11 އަހަރު އަނުޝްކާ ވަނީ ބެންގަލޫރުގެ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބަލައި ޓީމަށް ހިތްވަރުދޭން ދަނޑަށް އައިސްފައި ކަމަށް ބުނެފައި.


"އަހަރެން ގައިގައި ހުރި ހުރިހާ ކަމެއް މިދިޔަ 18 ދުވަހު ދިނިން މި ޓީމަށް މި ކާމިޔާބު ހޯދައިދޭން. އަހަރެން މި ޓީމަށް ލޯޔަލްކޮށް ހުރި 18 އަަހަރު ތެރޭ ތަފާތު އެކި ހިޔާލުތައް ވެސް އައި، އެކަމަކު ކޮންމެ ފަހަރަކު އަހަރެން ފަހަތުގައި މުޅި ޓީމު އޮތް.. އަހަރެންގެ ހިތާއި ރޫހު އޮތީ ބެންގަލޫރުއާ އެކު، އެހެންވީމަ، މި ކާމިޔާބީ އަހަންނަށް ހާއްސަވަނީ،" މީގެ ކުރިން އައިޕީއެލްގެ ތިން ފައިނަލުގައި ބެންގަލޫރާ އެކު ނާކާމިޔާބީއާ ކުރިމަތިލި ވިރާތު ބުންޏެވެ.

"އަހަރެން ޔަގީންކަމާ އެކު މި ބުނަނީ، އައިޕީއެލްގައި އަހަރެން ކުޅޭ ފަހު އަހަރާ ޖެހެންދެން، އަހަރެން ކުޅޭނީ މި ޓީމަށް،"

މީގެ ކުރިން ފައިނަލުގައި، 2009، 2011 އަދި 2016 ވަނަ އަހަރު ކުޅެ ބެންގަލޫރަށް އައިޕީއެލް ގެއްލުނީ، ޑެކަން ޗާޖާސް، ޗެންނާއި ސުޕަ ކިންގްސް އަދި ސަންރައިޒާސް ހައިދަރުއާބާދު އަތުން ބަލިވުމުންނެވެ. ވިރާތު ބުނީ އޭގެއިން ކޮންމެ ފަހަރަކު ވެސް އޮތް ޓީމުގެ ކުޅުންތެރިންނަށް މި ފަހަރުގެ ކާމިޔާބީ ހާއްސަ ކަމަށެވެ.