ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ހުއްދަ ދީގެން ލޯކަލް ގަވަމަންޓު އޮތޯރިޓީއިން މައްސަލަތަކެއް ބެލުމަށް ފަހު ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނި ގޮތުގައި އޭނާ ސަސްޕެންޑު ކުރުމުގެ އިތުރުން ކައުންސިލްގެ ބާކީ މެންބަރުންނަށް ވެސް އިދާރީ ފިޔަވަޅެއް ވަނީ އަޅާފަ އެވެ. އެއީ ނަސޭހަތް ދިނުމެވެ.
އެލްޖީއޭއިން ބެލި ކަމަށް ބުނާ މައްސަލަތައް
- ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވާ މައްސަލަ،
- ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ،
- މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ،
- 1446 ވަނަ އަހަރު ބޮޑު އީދު ކުޅިވަރާއި، ސްޓޭޖު ލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ހަރަދު ކޮށްފައިވާ މައްސަލަ،
- ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ،
- އާރުޓީއައި ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށް ނުދޭ މައްސަލަ.
- 1446 ވަނަ އަހަރުގެ ބޮޑު އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ ޢަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.
މި ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކައުންސިލަރުން ދަނީ ސަސްޕެންޑު ވެސް ކުރަމުންނެވެ.
Comment