އުމުރުން ދުވަސްވީ މީހުން ދާއިމީ ގޮތެއްގައި މަލްޓިވިޓަމިން ބޭނުންކުރުމަކީ، އެމީހުންގެ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމުގައި މާ އެދެވޭ ނަތީޖާއެއް ފެންނަ ކަމެއް ނޫނެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެސް، އެންމެ އާދައިގެ އެއްޗެހި ކައިއުޅޭ މީހުންނަށް ނުވަތަ ލޭގެ ޕްރެޝަރު ބޯޑަރުލައިންގައި ހުންނަ މީހުންނަށް ކޮންމެވެސް ވަރެއްގެ މަންފާތަކެއް ކުރެއެވެ.
ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ މީހުން ދިގު މުއްދަތަކަށް މަލްޓިވިޓަމިން ބޭނުންކުރުމަކީ، އެމީހަކަށް ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ ކުޑަކޮށްދީފާނެ ކަމެކެވެ. ނަމަވެސް އެއީ އުމުރުން ދުވަސްވީ ކޮންމެ މީހަކަށް ނޫނެވެ. ބައެއް މީހުންނަށެވެ.
އެމެރިކަން ޖާނަލް އޮފް ހައިޕާޓެންޝަންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމީހެއްގެ ލޭގެ ޕްރެޝަރު ވަކި ވަރެއްގައި ބެހެއްޓުމަށްޓަކައި އެންމެ މުހިންމީ އެމީހަކު ކައިއުޅޭ ކާނާއެވެ. ސިއްހީ ގޮތުން ފައިދާ ކުރި ކާނާ ބޭނުންކުރާ މީހުންނަށް، ހައިޕާޓެންޝަންގެ ނުރައްކާ ވަރަށް ކުޑައެވެ. ސިއްހީ ގޮތުން އެކަށޭނަ މިންވަރަށް ވުރެ ދަށް ތަކެތި ކާނާގެ ގޮތުގައި ބޭނުންކުރާ މީހުންނަށް، މަލްޓިވިޓަމިން އިން ރަނގަޅު އަސަރުތަކެއް ކުރަނީ، ކާނާގެ ތެރެއިން ލިބެންޖެހޭ ވިޓަމިންގެ ބާވަތްތައް، މަލްޓިވިޓަމިންތަކުން ލިބޭތީއެވެ.
އެހެންކަމުން، އެއީ މަލްޓިވިޓަމިން ކެއުމުން ލޭގެ ޕްރެޝަރު ކޮންޓްރޯލްވަނީ ކަމަކަށް ސައެންސްވެރިން ނުބަލައެވެ. މާނައަކީ، ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް މަލްޓިވިޓަމިން ބޭނުންކުރުމަކީ، ލޭގެ ޕްރެޝަރު މަތިވެފައިވާ ކޮންމެ މީހަކަށް އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނެ ކަމެއް ނޫނެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ލޭގެ ޕްރެޝަރު އާދައިގެ މިންގަނޑުގައި ހުންނަ މީހުން މަލްޓިވިޓަމިން ކެއުމުން، ދެ އަހަރުގެ މުއްދަތުގައި އެމީހުންގެ ލޭގެ ޕްރެޝަރު ދަށް ވެފައިވަނީ ވަރަށް ކުޑަ ނިސްބަތަކުންނެވެ. މި ދިރާސާގައި މުޅިން ވެސް ބައިވެރިކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުން ކަމަށްވާތީ، ޒުވާނުންނާއި މެދު އުމުރުގެ މީހުން މަލްޓިވިޓަމިން ބޭނުންކުރުމުން ނުކުންނަ ނަތީޖާއެއް ނޭނގެއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ޒުވާނުންނާއި މެދު އުމުރުގެ މީހުން، ދިގު މުއްދަތަކަށް މަލްޓިވިޓަމިން ބޭނުންކުރުމުން ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އިތުރު ދިރާސާތަކެއް ހަދަންޖެހެއެވެ. އެފަދަ ދިރާސާއެއް ހަދާއިރު، އެމީހުންގެ ކެއުމުގެ ވައްޓަފާޅި އާއި ކާނާގެ ގޮތުގައި ބޭނުންކުރާ އެއްޗެހީގެ ދިރާސާއެއް ވެސް ހަދަންޖެހެއެވެ.
Comment