މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ، 41، އާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، 53، ގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް އަޑު ފެތުރިފައިވާތާ މަސްތަކެއް ފަހުން، ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށް އެ ގުޅުން ރަސްމީކޮށް ހާމަކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު (6 ޑިސެމްބަރު) ކޭޓީ ޕެރީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ ނަގާފައިވަނީ ޖަޕާންގަ އެވެ. ފޮޓޯއިން ފެންނަނީ ގަސްތަކެއްގެ ތެރޭގައި ދެ މީހުން ވަރަށް ގާތްކޮށް ތިބޭ މަންޒަރެވެ. "ޓޯކިޔޯ ޓައިމްސް އޮން ޓުއާ އެންޑް މޯ" ގެ ނަމުގައި ޕެރީ ކުރި ޕޯސްޓުގައި، ޓްރޫޑޯ ޕެރީގެ ކޮނޑުގައި އަތް ބާއްވާލައިގެން އިނދެ ޝޫޝީ ކާ މަންޒަރާއި، ޖަޕާންގެ މަޝްހޫރު 'ޓީމްލެބް' އާޓް މިއުޒިއަމަށް ދެ މީހުން ޒިޔާރަތްކުރި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް ވެސް ހިމެނެ އެވެ.
މި ގުޅުން ރަސްމީކޮށް ހާމަކޮށްފައި މިވަނީ، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ، ޓްރޫޑޯ އާއި އޭނާގެ "ޕާޓްނަރު" ކޭޓީ އާއެކު މެންދުރުގެ ކެއުމެއްގައި ބައިވެރިވެވަޑައިގެންނެވި ފޮޓޯއެއް ހިއްސާކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.
ކޭޓީ އާއި އެކްޓަރު އޯލެންޑޯ ބްލޫމްގެ އެންގޭޖްމަންޓް ދާދި ފަހުން ނިމުމަކަށް ގެނެސްފައިވެ އެވެ. ޓްރޫޑޯ ވެސް ވަނީ 18 އަހަރުވީ ކައިވެންޏަށް ފަހު 2023 ވަނަ އަހަރު އޭނާގެ އަނބިކަނބަލުން ސޯފީއާ ވަކިވެވަޑައިގެންފަ އެވެ.
Comment