Advertisement

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު: މާދަމާ ރޭ ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ އޭނާ ---- ފޮޓޯ: އެމްޑީޕީ


އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވަނީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެވަނަ ބައްދަލުވުން މާދަމާ ރެއަށް ތާވަލުކޮށްފި އެވެ.

މަސްލަހަތު ގޯސްވެ، ނިޒާމުގެ ގެއްލުމުގެ ސަބަބުން ހުއްޓާލި ނޮވެމްބަރު 28، ގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވީ މާދަމާ ރޭގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ 8:30 އަށް ކަމަށެވެ.

އެ ބައްދަލުވުން ވެސް ބާއްވަނީ ކުރީގެ ވެސްޓްޕާކް ސަަރަހައްދުގައި ހުންނަ "ފަންކްޝަން ފައިވް" އިވެންޓު ހޯލްގަ އެވެ. ފުރަތަމަ ބައްދަލުވުން އާންމުކޮށް ހުޅުވާނުލައި ބޭއްވި ނަމަވެސް، މާދަމާ ރޭގެ ބައްދަލުވުން މީޑިއާތަކަށް ހުޅުވާލައިގެން ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މިވަގުތު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާގެ ނަން އެކަންޏެވެ. ގަފޫރުގެ ނަމަށް، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ފައްޔާޒު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ވަގުތީ ގޮތުން ޗެއާޕާސާނުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނޮވެމްބަރު 28، ގައި ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ އިތުރުން ހުށަހެޅީ ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމުގެ ނަމެވެ.

އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.

ދިއްދޫ ވައްޑެއަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް 47 ވޯޓު ލިބުނެވެ. ނަމަވެސް ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.

ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.

އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލުނު ކަމަށް ބުނެ ޖަލްސާ ނިންމާލީ ގަފޫރުގެ ނަމަށް ވޯޓަށް ނާހަ އެވެ.

އޭގެ ދެ ދުވަސް އިބުރޭ ވަނީ އެ އިންތިހާބުގައި ވަހީދު އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއަށް ރިޕޯޓެއް ފޮނުވާފަ އެވެ.

މި ރިޕޯޓަށްފަހު ވަހީދު، ޝާހިދުއަށް ފޮނުވި ސިޓީއެއްގައި އޭނާ އެ މަގާމަށް ހޮވުނު ނަމަވެސް މަގާމާ ހަވާލުވާން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަހީދު ދެއްކީ ޝާހިދު ހިމެނޭހެން ޕާޓީގެ އިސްވެރިން އޭނާއަށް ހުރަސްއެޅުމެވެ.

އެގޮތުން ވަގުތީ ޗެއާޕާސަނުގެ މަގާމަށް ކުރިމަތިލާން ނިންމީ އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ އެދުމަށް ކަމަށާއި އެކަން ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންގުމުން ކުރިއަށް ދިޔުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ. ތާއީދު ލިބޭނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެން ނަމަވެސް، އަޅުގަނޑަށް ތާއީދުކުރައްވައި އަދި އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިއްވަރު ދެއްވި ޕާޓީގެ ރައީސް އާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެ ވޯޓާއި ހަމައަށް ދިޔައިރު އަމަލުކުރެއްވި ގޮތުންނާއި، އަދި އެ ވޯޓަށްފަހު އެ ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،" ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ.