Advertisement

މުދަލުގެ އަގު ބޮޑުވުމުގެ ޝަކުވާ މުއިއްޒު އަރިހަށް ބަންޑުން ކޮށްލައިފި

4 ޑިސެންބަރު 2025 - 22:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުދަލުގެ އަގު ބޮޑުވުމުގެ ޝަކުވާ މުއިއްޒު އަރިހަށް ބަންޑުން ކޮށްލައިފި

4 ޑިސެންބަރު 2025 - 22:51 0

ދިރިއުޅެން ދަތިވާ މިންވަރަށް މުދަލުގެ އަގު އުފުލެމުންދާ ކަމުގެ ޝަކުވާ، މިހާރު ކުރިއަށްދާ މާފަންނު އަވަށުގެ ބައްދަލުވުމުގައި ބައިވެރިވި އަންހެނަކު ރައީސް މުހައްމަދު މުއިއްޒު އަރިހަށް ބަންޑުން ކޮށްލައިފި އެވެ.

ތާޖުއްދީން ސްކޫލުގައި ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަ ދެއްކި އެ އަންހެން މީހާ ބުނީ މައްސަރު ދުވަސްވަރު އަންހެނުން ބޭނުން ކުރާ ޕެޑުން ޓެކްސް ކަނޑައިލިޔަސް، މިހާރު އަގުތައް ހުރީ އިންތިހާއަށް މަތިވެފައި ކަމަށެވެ.

އޭނާ ބޭނުންކުރާ މަރުކާގެ ޕެޑް މިހާރު 180ރ. އަށް އަރާފައިވާކަން ފާހަގަ ކުރި އެވެ. އަދި އެހެން ވައްތަރުތަކުގެ ޕެޑު ވެސް އަގުބޮޑުވެފައިވާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

"އަންހެނުންނަށް މި މިކަމުން ވަރަށް ބޮޑެތި ގެއްލުންތަކެއް އެބަވޭ،" އޭނާ ބުންޏެވެ.

އާފަލާއި އޮރެންޖުގެ އަގު ބޮޑުވުމުން އެ ވާހަކަ ސޯޝަލް މީޑިއާ އަށް ތިލަވިޔަސް، ހަމައެކަނި އަގު އުފުލިފައި ވަނީ އޮރެންޖާއި އާފަލުގެ ނޫން ކަމަށާއި ކޮފީ ފުޅިއެއްގެ އަގު މިއަދު ހުރީ 96ރ. އަށް ކަމަށް އަންހެން މީހާ ބުންޏެވެ.

މުދަލުގެ އަގު ބޮޑުވެގެން ވާހަކަ ދެއްކި އަންހެން މީހާ


"މީގެ ހަފުތާއެއްގެ ކުރިން [ކޮފީ ފުޅިއެއް] އަޅުގަނޑު ގަތީ 88ރ. އަށް. އޭގެ ކުރިން ހަތްދިހަ އަށް، އޭގެ ކުރިން ފަސްދޮޅަހަށް،" އޭނާ ބުންޏެވެ.

"މި ކިޔައިދެނީ މިގެ ފަސް އަހަރު ކުރީގެ ވާހަކައެއް ނޫން، ހަމަ މީގެ ހައެއްކަ މަސް ދުވަހުގެތެރޭގައި އެއްޗެހީގެ އަގަށް އައި ބަދަލު."

މި ދެ ބާވަތުގެ އިތުރުން އެހެން ބާވަތްތަކުގެ އަގުތައް ވެސް އުފުލިފައިވާކަން އަންހެން މީހާ ފާހަގަކުރި އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން މުހިއްމު ކަމަށާއި ނަމަވެސް ދުނިޔޭގައި އުޅެވޭނީ ކައިގެން ބޮއިގެން ކަމަށާއި އެހެންވެ މުދަލުގެ އަގުތައް ތިރިކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މުދަލުގެ އަގުތައް ބޮޑުވާން ފެށީ، ޑޮލަރު މާރުކުރަން މަޖުބޫރު ކުރި ފަހުންނެވެ. މިހާރު ޑޮލަރުގެ އަގު ހުރީ 20ރ. އަށެވެ.