Advertisement

ސްކޫލްތަކުގެ ތާރީހު ފޮހެލައި ހުރިހާ ޔުނިފޯމެއް އެއްގޮތްކުރަނީ

4 ޑިސެންބަރު 2025 - 13:47 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ސްކޫލްތަކުގެ ތާރީހު ފޮހެލައި ހުރިހާ ޔުނިފޯމެއް އެއްގޮތްކުރަނީ

4 ޑިސެންބަރު 2025 - 13:47 4

ސަރުކާރު ސްކޫލްތަކުގެ ތާރީހު ފޮހެލައި އެ ސްކޫލްތަކުގެ ކިޔަވާކުދިންގެ ޔުނިފޯމް 2027 ވަނަ އަހަރުން ފެށިގެން އެއްގޮތްކޮށް ޔުނިފޯމާ ގުޅޭ އައު އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން އަންމުކޮށްފި އެވެ.

ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމުތައް އެއްގޮތްކުރަން އައު އުސޫލުގެ ދަށުން ބޭނުންކުރެވޭނީ ހަމައެކަނި ގައުމީ ދިދައިގެ ކުލަތަކުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ އެވެ.

މިގޮތުން ރަސްމީ ޔުނިފޯމުތަކުގެ މަތީ (ގަމީސްޓޮޕް/ގަމީސް) ހުންނަން ޖެހެނީ ހުދު، ސްކައިބްލޫ، ޓީ ގްރީން ނުވަތަ ލައިޓް ރެޑެވެ. ރަސްމީ ޔުނިފޯމުގެ ތިރި (ފަޓްލޫނު/ސްކާޓް/ސޯޓު) އައު އުސޫލުގެ ދަށުން ހުންނަން ޖެހެނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިގަ އެވެ.

އޭގެއިތުރުން ބުރުގާ ހުންނަން ޖެހެނީ ނެވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް ނުވަތަ ހުދު ކުލައިގަ އެވެ. ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ އަޅާނަމަ އަޅަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ބުރުގަލެކެވެ.

ސްކޫލްތަކުގައި ބޭނުންކުރާ އެކްޓިވިޓީ ޔުނިފޯމްތަކުގެ މަތީ (ޓީޝާޓް) ހުންނަން ޖެހޭނީ ނޫ ކުލަ، ފެހި ކުލަ، ރަތް ކުލަ ނުވަތަ ސްކޫލުގެ ކުލައިގަ އެވެ. ނަމަވެސް ހުރިހާ ސްކޫލެއްގެ ވެސް އެކްޓިވިޓީ ޔުނިފޯމުގެ ތިރި (ސޯޓު/ޓްރެކްޝޫޓް/ސްކާޓް) ހުންނަން ޖެހޭނީ ކަޅު ކުލައިގަ އެވެ.

އުސޫލުގެ ދަށުން ސްކޫލްތަކުގެ ޔުނިފޯމު ބަދަލު ކުރުމުގެ ކުރިން، އެ ސްކޫލަކުން އިހުތިޔާރުކުރާ ޔުނިފޯމުގެ ކުލަތަކުގެ ތަފްސީލް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ ހުރިހާ ގައުމެއްގެ ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަކީ ޕަބްލިކް ގުޑްސްއަށްވާއިރު، ރާއްޖޭގައި ސްކޫލް ޔުނިފޯމުތައް ވިޔަފާރިތަކުން މޮނޮޕޮލައިޒް ކޮށްފައިވާ ކަމަށެވެ.

"ޔުނިފޯމު ވަރަށް ގިނަ ވިޔަފާރިތަކުން މޮނޮޕޮލައިޒްކޮށްގެން މިއުޅެނީ. ޔުނިފޯމަކީ ޕަބްލިކް ގުޑްސްއެއް އެއީ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ ގައުމެއްގެ ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމްތަކަކީ ޕަބްލިކް ގުޑްސްއެއް. އެހެންވީމަ ވަކިވަކި ވިޔަފާރިތަކަށް ޔުނިފޯމް މޮނޮޕޮލައިޒްކޮށްގެންނެއް 1،400 ރުފިޔާ، 1،500 ރުފިޔާ، 1،800 ރުފިޔާއަށް ޔުނިފޯމްތައް ވިއްކިގެން ނުވާނެ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމުތައް ލިބުމުގައި ދަތިތައް އުޅޭކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން ބަދަލުތައް ގެންނަން ނިންމީ އެކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު، ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ސަރުކާރު ސްކޫލްތަކުގައި ވެސް ޔުނިފޯމް އަޅާ ގޮތް ބަލައިގެން ކަމަށެވެ.

އަންނަ ދިރާސީ އަހަރު ނިންމާފައި ޖެހިގެން އަންނަ 2027 އަހަރުގެ ދިރާސީ އަހަރަށް ސްކޫލް ކުދިންގެ ޔުނިފޯމަށް ބަދަލު ގެންނަން ނިންމީ ބެލެނިވެރިންނާއި ވިޔަފާރިތަކަށް ވެސް ތަކުލީފު ނުވާނެ ގޮތަށް ކަމަށް ޝަފީއު ވިދާޅުވި އެވެ.