Advertisement

މި އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

3 ޑިސެންބަރު 2025 - 12:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމަށް މެންބަރުން ތަޅުމުގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މި އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

3 ޑިސެންބަރު 2025 - 12:31 0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، މަޖިލީހުން ޗުއްޓީއަށް ދާކަން އިއުލާނުކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޖަލްސާ ނިންމާލުމުގެ ކުރިން، މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފުސީލުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވައިފަ އެވެ.

މިއަދު ނިންމާލި ދައުރުގައި ބޭއްވި 28 ޖަލްސާގައި ޖުމްލަ 64 ގަޑިއިރު ހޭދަކުރި އެވެ. އެ ޖަލްސާތަކުގައި 15 ބިލެއްގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. އެ ބިލުތައް ދިރާސާ ކުރުމަށާއި އެހެން މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން 142 ބައްދަލުވުމެއް ބާއްވާ 120 ގަޑިއިރު ހޭދަކުރި އެވެ.

މީގެ އިތުރުން، މި ދައުރުގެ ތެރޭ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި 16 މައްސަލަ އާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ނިންމައިފަ އެވެ.

މި ދައުރުގައި މަޖިލީހުން ފާސްކުރި ބިލުތަކުގެ ތެރޭގައި:

  • ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގާނޫނަށް ގެނެވުނު އިސްލާހު
  • މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވުނު އިސްލާހު
  • ޓްރޭޑް މާކު ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު އިސްލާހު
  • ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  • ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު
  • އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހު
  • ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު
  • ރައީސުލްޖުމްހުރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު
  • ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު
  • ޒަކާތުގެ ބިލު
  • މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު

ޗުއްޓީއަށް ދިޔުމުގެ ކުރިން އަބްދުއްރަހީމް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މެންބަރުން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފަ އެވެ. އަދި، މަސައްކަތުގައި ހޭދަކުރައްވާ ވަގުތާއި ބަހައްޓަވާ ޝައުގުވެރިކަން އޭނާ ފާހަގަކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ޗުއްޓީ ނިންމައި މަޖިލީހުން ދެން ޖަލްސާއެއް ބާއްވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އެވެ. ނަމަވެސް، އެ ދެމެދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ.