Advertisement

ސަނީ އުމަރު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި

2 ޑިސެންބަރު 2025 - 20:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު --


ސަނީ އުމަރު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި

2 ޑިސެންބަރު 2025 - 20:57 0

ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އައު ކޯޓު އަމުރެއްގެ ދަށުން މިއަދު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ބަންދުން ސަނީ އުމަރު ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެނބުރި މާލެ އައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖުގައި ބުނީ އިއްޔެ ފުލުހުންގެ ބަންދުން ސަނީ ދޫކޮށްލީ ކުޑަކުދިންތަކަކަށް އޭނާ ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމުން ކަމަށެވެ.

އެގޮތަށް އެއްބަސްވުމަށްފަހު، ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅެނިކޮށް ސަނީ ރޭ ހައްޔަރުކުރީ މަތިންދާބޯޓަށް ވެސް އޭނާ އެރިފަހުންނެވެ.

އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.

ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

ޓްރެވަލް ގައިސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަނީ އުމަރު އަދާ ކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން ފޭސްބުކްއަށް އަޕްލޯޑްކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަނީ ގެންދިޔައީ ކުންފުނީގެ މުހިންމު ރޯލެއް އަދާކުރަމުންނެވެ.

ޖިންސީ ކުށުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 239 މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ. އަދި ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.