2 ޑިސެންބަރު 2025 - 11:26 0
2 ޑިސެންބަރު 2025 - 11:26 0
ލިވަޕޫލް (ޑިސެމްބަރު 2) - މެޗުތަކުގައި ނަތީޖާތައް ދަށްވެ، ޕްރެޝަރު ބޮޑުވެފައިވާ ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓް، މަގާމުން ވަކިކުރާނަމަ، އޭނާ އަށް ލިވަޕޫލުން 13 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.
ލިވަޕޫލުން މި ހަފްތާގައި، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވުމުގެ ކުރިން، އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ، 1953 ވަނަ އަހަރަށް ފަހު ލިވަޕޫލުން މެޗުތަކުގެ ނަތީޖާތައް ދަށްވެ، އެންމެ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހޭ ފަހަރެވެ.
ސްލޮޓް އަންނަނީ ލިވަޕޫލްގެ ވެރިންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް ބުނަމުންނެވެ. އެކަމަކު، އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލީގުގައި ވެސްޓް ހޭމް އާއި ސަންޑަލެންޑް އަތުން ލިވަޕޫލަށް މޮޅުނުވެވިއްޖަނަމަ، ސްލޮޓް އަށް ލިވަޕޫލްގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
ޔާގަން ކްލޮޕް، ނުވަ އަހަރު ލިވަޕޫލަށް ކޯޗުކޮށްދިނުމަށް ފަހު، މިދިޔަ އަހަރު އެ ޓީމު ދޫކޮށްލުމުން، އެ މަގާމަށް އައިސް ސްލޮޓް ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު، މި ސީޒަނަށް ތައްޔާރުވާން ލިވަޕޫލުން ޓްރާންސްފާ މާކެޓްގައި، 500 މިލިއަން ޑޮލަރު ހަރަދުކޮށް ނަތީޖާއެއް ނުނެރެވި، ޓީމުގެ ފޯމު ވަރަށް ދަށްވުމުން ސްލޮޓަށް ޕްރެޝަރު ކުރިމަތިވީ އެެވެ.
ރިޕޯޓްތައް ބުނާގޮތުން، ސްލޮޓް، މި ވަގުތު ލިވަޕޫލާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، އޭނާ މަގާމުން ވަކިކުރާއިރު 13 މިިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހެ އެވެ. ފެޔަނޫޑްގެ ކުރީގެ ކޯޗު، ސްލޮޓް، ލިވަޕޫލާ އެކު، ކޮންޓްރެކްޓްގައި ހުރީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
Comment