Advertisement

ދިވެހި ޕްރިމިއާ ލީގު: ނާއިމް އަށް ހެޓްރިކެއް، ވެލެންސިއާ އަތުން މޮޅުވެ ބުރު ހަތަރު ވަނަ އަށް

29 ނޮވެންބަރު 2025 - 23:20 0

ބުރުގެ ނާއިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ނާއިމް އަށް ހެޓްރިކެއް، ވެލެންސިއާ އަތުން މޮޅުވެ ބުރު ހަތަރު ވަނަ އަށް

29 ނޮވެންބަރު 2025 - 23:20 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، މުހައްމަދު ނާއިމްގެ ހެޓްރިކާ އެކު، ފަހަތުން އަރައި، 4-1 އިން ކްލަބް ވެލެންސިއާ އަތުން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ކުރިން ހަތަރެއްގައި އޮތް ކްލަބް އީގަލްސް އިން ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗުން މޮޅުނުވުމުގެ ފައިދާ ބުރުން މި ވަނީ ނަގައިފަ އެވެ. ބުރު ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކު އެވެ. އީގަލްސް އަށް ނުވަ މެޗުން ލިބުނީ 13 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ވެލެންސިއާ އިންނެވެ. ވެލެންސިއާ އިން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ނެގި ކޯނަރަކުން، އަހުމަދު އަތުވާން އަލީ ބޮލުން ޖެހި ގޯލުންނެވެ.

ވެލެންސިއާ އިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލުމާ ގާތުގައި ވަނިކޮށް، ބުރުން އެއްވަރުކުރީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. ވެލެންސިއާ ހާފުގެ މެދެއްހާ ހިސާބުން ބުރުގެ މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ނާއިމް އެވެ. ބުރުގެ ފޯވާޑް، ބްރެޒިލްގެ ހުޑްސަން ޑިއާޒް ދިން ބޯޅައެއް އެއްފަަހަރުން ފޮނުވާލައި، ނާއިމް ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ފެނުގައި ޖެހިފައި ދިޔަ ގޮތުން، ވެލެންސިއާގެ މޮލްޑޯވާ ކީޕަރު، ވިއޮރެލް ބޮއިއާން އަށް އެ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ވެލެންސިއާގެ ހައިޝަމް އާއި ސިޒާން ކައިރިން ބުރުގެ ހުޑްސަން ޑިއާޒް ބޯޅަހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ބުރުން ލީޑުނެގީ މެޗުގެ 66 ވަނަ މިނިޓްގައި ނާއިމް ޖެހި ގޯލުންނެވެ. މިއީ، ބުރުގެ އަރީން އަބްދުﷲ އިބްރާހިމް ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހަކުން ނާއިމް ޖެހި ގޯލެކެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، ޑިއާޒް ދިން ބޯޅައަކުން، ބުރުގެ އަލީ ހަމްދާން، އޭރިއާތެރެއިން އެ ޓީމުގެ ތިން ވަނަ ގޯލު ޖެހުމެވެ.

ބުރުގެ ހަތަރު ވަނަ ގޯލު ޖަހައި، ނާއިމް، ހެޓްރިކް ފުރިހަމަކުރީ 77 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެެރެއަށް ބުރުގެ ފުލްބެކް، އިބްރާހިމް އުސާމާ ހަސަން މަޖީދު (އުކާ) ނަގައިދިން ހުރަހަކަށް އަރައި، ނާއިމް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ވެލެންސިއާގެ އީތަން ފޮނުވާލި ބޯޅައެއް ބުރުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު، ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.