about 14 hours 0
about 14 hours 0
ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅެ އޮތުމަށް ފަހު، އަލުން ފަށައިގެން މަސައްކަތް ކުރާއިރު، ރާއްޖޭގެ ފުޓްބޯޅަ "ވެންޓިލޭޓަރުން ނަގަން" ކުރެވޭ މި ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބުރު ކުޅުނު މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ޓީމުތަކަށް ހުރި ޗެލެންޖަސް ބޮޑު ކަމަށެވެ.
"ޗެލެންޖަސް އެބަހުރި، ވަރަށް ބައިވަރު ޗެލެންޖަސް އެބަހުރި، ބުރަށް އެކަންޏެއް ނޫން ކަންނޭނގެ، ދެތިން ކްލަބެއް ނަގާފައި ހުރިހާ ކްލަބަކަށް ވެސް އެބަހުރި މި ޗެލެންޖު، ދެން، އަހަރެމެން އަދި ކިތަންމެ ބާރުލާފައި ވެންޓިލޭޓަރުން ނެގިޔޭ ބުންޏަސް، ވެންޓިލޭޓަރުން ނަގަން އެންމެ ރަނގަޅު ޕްރޮސަސްތޯ އަހަރެމެންނަށް ފޮލޯ ކުރެވުނީ އެ ވެސް ވިސްނަން ޖެހޭ ކަމެއް،" ނިޒާމްބެ ބުންޏެވެ.
"އަަހަންނަށް ފެންނަ ގޮތުގައި އަދިއެއް ބުނަން އަވަސް، އެންމެ ރަނގަޅޭ، އެންމެ ބަރާބަރޭ، ދެން، ހީވަނީ، ގިނަ ކްލަބްތަކަށް އަންނަ ސީޒަނާ ހަަމައަށް އަންނައިރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ނުކޮށްފިކަމަށްވަންޏާމު ވަރަށް ބޮޑެތި ޗެލެންޖަސްތަކާ ކުރިމަތިލާން ޖެހޭނެއޭ،"
ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ބުރުން ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން 1-0 އިން ބަލިވި ނަަމަވެސް ދެ ވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ބުރުން ސެމީ ފައިނަލުގެ ޖާގަ ހޯދި އެވެ. ސެމީގައި އޮޑިއާ ވާދަކޮށް، 2-0 އިން ބަލިވީ އެވެ.
ނިޒާމްބެ ބުނީ، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ހަތަރު ޓީމުގެ މެދުގައި ކުޅެވުނު މެޗުތައް ވަރަށް ގާތުން ވާދަކުރެވިގެންދިޔަތަން ފެނިގެންދިޔަ ކަމަށެވެ. ރޯދަ މަހުގައި ފުރަތަމަ ވެސް ނޮކައުޓް މެޗަކަށް ނުކުންނަން ޖެހުމުން އެއީ ވެސް ގޮންޖެހުމެއް ކަމަށް ފާހަގަކޮށް، ނިޒާމްބެ ބުނީ ފައިނަލް މެޗުގައި ދެ ދުވަހުގެ ބްރޭކަކަށް ފަހު ކުޅެން ޖެހޭ ޓީމަށް އޮންނަ ޗެލެންޖު ވެސް ބޮޑުތަން ފެނިގެންދާނެ ކަމަށެވެ.
ވަރަށް ގިނަ ފަހަރުތަކެއް މަތިން، ޕްރީ ސީޒަން ހަދަން ރަނގަޅު ވަގުތެއް ނުލިބި މި ސީޒަން ފަށަން ޖެހުނު ވާހަކަ ހިއްސާކޮށްފައިވާނެ ކަމަށް ބުނެ، ނިޒާމްބެ ވަނީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ކްލަބްގައި ޕްރެކްޓިސްކޮށްގެން ބޮޑު އަނިޔާއެއް ދިމާވި ކުޅުންތެރިއަކު ނެތުމަކީ އުފަލެއް ކަމަށެވެ. އެކަމަކު، ކްލަބްގެ ކުޅުންތެރިން ޓީމު ޓްރެއިނިން އިން ބޭރުން އެހެން ގޮތްގޮތަށް ވެފައި ހުރި އަނިޔާ އަކީ، "ކްލަބްގެ ކޮންޓްރޯލުން ބޭރުން" ވެފައިވާ ކަންކަން ކަމަށާއި ޖުމްލަކޮށް ބަލާއިރު، ސީޒަން ކުރިއަށްދިޔައިރު ބުރުގެ ކުރިއެރުން ފެނިގެންދިޔަ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ލީގުގެ ފަހު ބުރާ ހަމައަށް އައިސް ފަހު ބުރުގައި އެ ދެއްކި ޕާފޯމަންސް ވަރަށް ހިތްހަމަޖެހޭ، މިހާރު ވެސް މި އޮތް ސްކޮޑާ ހުރިހާ އެއްޗަކަށް ބަލާއިރު ވަރަށް ރަނގަޅު، ވަރަށް ބޮޑުތަން ޔަންގް ޕްލޭޔަރުން އިމްޕްރޫވްވެއްޖެ،" ނިޒާމްބެ ބުންޏެވެ.
މިރޭ ނިމޭ ޕްރެޒިޑެންޓްސް ކަޕަށް ފަހު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދެން އޮތް މުބާރާތަކީ އެފްއޭ ކަޕް އެވެ. މަހަކަށް ވުރެން ގިނަ ދުވަހަށް ފަހު އެ މުބާރާތް ފަށާ ގޮތަށް އޮތްއިރު، ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކުން ބްރޭކެއް ނަގަން ވަނީ ތައްޔާރުވެފަ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ، ސީޒަންގެ ފަހުކޮޅުގައި މި ވަރުގެ ދިގު ބްރޭކެއް އައުމަކީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވާނެ ކަމެއް ކަމަށެވެ.
"ރޯދަ މަހަކަށް މި ވަނީ، ވާ ގޮތަކީ ޕްރޮފެޝަނަލީ މަސައްކަތްކުރާ ޕްލޭޔަރުންނަމަ ވަރަށް ފަސޭހަވާނެ. އެކަަމަކު ދިވެހި ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ޕްލޭޔަރުންވީމަ، މިސާލަކަށް ބްރޭކެއް ދީފައި، ބްރޭކްތެރޭގައި، ކުޅުންތެރިން ކައިރީގައި މިވެނި ޝެޑިއުލެއް ފޮލޯ ކުރާށޭ ބުންޏަސް، އެ އެއްޗެހި ގިނަ ފަހަރަކަށް ނުކުރެވޭ، ކުރާނެ ކަމަށް އުންމީދު ވެސް ކޮށްގެން ނުވާނެ، އޭގެ ސަބަބުން މި ވާގޮތަކީ، އެނބުރި ދެން އަންނައިރު ކުޅުންތެރިން މި ތިބެނީ އަނެއްކާ ވެސް ވަރަށް ދަށްވެފައި،" އޭނާ ބުންޏެވެ.
ބްރޭކެއް ނުދީ ޕްރެކްޓިސް ހުއްޓައިނުލައި ކްލަބްތަކުން ޓްރެއިނިން ކުރިއަށްގެންދިޔަ ނަމަވެސް ގިނަ ކުޅުންތެރިންނަށް ނާދެވޭ ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ. ސަބަބަކީ، ރޯދަ މަހުގެ ފަހު 10 އަކާ އެކު، އީދަށް ވެސް އޮފީސްތަކުން ޗުއްޓީ ދޭތީއާ އެކު، ގިނަ ކުޅުންތެރިންތަކެއް އާއިލާއާ އެކު ތަންތަނަަށް ދާނެ ކަމަށެވެ.
"އެ ހުރިހާ ކަމަކަށް ބަލާފައި ކުރެވޭނެ އެންމެ ރަނގަޅަކަށް މެނޭޖްކުރަން ޖެހޭނީ،" ނިޒާމްބެ ބުންޏެވެ.
ބުރުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ވެސް އައީ ފައިނަލަށް ދިއުމުގެ އުންމީދުގައި ކަމަށާއި، އެހެންކަމުން، އެފްއޭ ކަޕްގައި ވެސް އެ ޓީމުން ބަލާނީ ތިބި ކުޅުންތެރިން ލައިގެން އެންމެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ފައިނަލާ ހަމައަށް ގޮސް ތަށްޓާ ހަމައަށް ދާން މަސައްކަތްކުރަނީ،" ނިޒާމްބެ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment