about 7 hours 0
about 7 hours 0
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ކްލަބް ގްރީންސްޓްރީޓްސް ހާޒިރުނުވި މައްސަލައިގައި އެ ކްލަބާ ދެކޮޅަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން އަޅާފައިވާ ފިޔަވަޅާ ގުޅޭގޮތުން، އިސްތިއުނާފުކުރަން ވެލެންސިއާ އަށް ލިބުނު ފުރުސަތުގައި އެ ކްލަބުން ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީވެ، އިސްތިއުނާފް ބަލައިނުގަންނަން އެފްއޭއެމް އެޕީލް ކޮމިޓީން ނިންމައިފި އެވެ.
މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ހާޒިރުނުވި މައްސަލައިގައި އެ ޓީމު 50،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގައި، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ގްރީން ސްޓްރީޓްސް އަށް ދޭން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމީޓީން ނިންމި އެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ. ވެލެންސިއާ އިން އުއްމީދުކޮށްގެން ތިބީ، ކޮމިޓީން މައްސަލަ ބެލުމަށް ފަހު ގްރީންސްޓްރީޓްސްގެ އަތުން ޕޮއިންޓްތަކެއް އުނިކުރާނެ ކަމަށެވެ. އެހެންވި ނަމަ ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެ، ގްރީންސްޓްރީޓްސް ރެލިގޭޓްވާނެ އެވެ.
އެކަމަކު، ކޮމިޓީގެ ނިންމުން ވެލެންސިއާ އިން ބޭނުންވި ގޮތަށް ނާންނާތީވެ، ވެލެންސިއާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، އެ މައްސަލަ އޭއެފްސީ އާއި ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެ، ބަޔާނެއް ވަނީ ނެރެފަ އެވެ.
އެފްއޭއެމް އިން މިރޭ ބުނީ، ޑިސިޕްލިނަރީ ކޮމިޓީގެ މައްސަލައިގައި އެޕީލްކުރަން ވެލެންސިއާ އަށް ދިން ހަތް ދުވަހުގެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށް، މުއްދަތު ހަަމަވި ފަހުން އެޕީލްކުރުމާ ގުޅިގެން، އެފްއޭއެމް އެޕީލް ކޮމިޓީން ނިންމީ ވެލެންސިއާގެ އިސްތިއުނާފް ބަލައިނުގަތުމަށެވެ.
Comment