Advertisement

ރެއާލަށް އޮތީ ބާސެލޯނާއާ ހެދި ބައްޔެއް ޖެހިފައި: ލަޕޯޓާ

29 ނޮވެންބަރު 2025 - 10:30 0


ރެއާލަށް އޮތީ ބާސެލޯނާއާ ހެދި ބައްޔެއް ޖެހިފައި: ލަޕޯޓާ

29 ނޮވެންބަރު 2025 - 10:30 0

ބާސެލޯނާ (ނޮވެމްބަރު 29) - ރެއާލް މެޑްރިޑުން ތަކުރާރުކޮށް ބާސެލޯނާއާ ގުޅޭ ވާހަކަތައް ދެއްކުމަކީ އެ ކްލަބަށް "ބާސެލޯނާ-އިޓިސް" ކަހަލަ ނަމެއްގެ ބައްޔެއް ޖެހިފައިވާކަން ދޭހަވާ ކަމެއް ކަމަށާއި ހަގީގަތުގައި މިއީ ބާސެލޯނާ އިން ކާމިޔާބު ހޯދާއިރު އަބަދުވެސް ހިނގާ ކަމެއް ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެެއްޖެ އެވެ.

ފާއިތުވި ހަފްތާތަކުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި އެ ކްލަބްގެ ބައެއް ބޯޑު މެމްބަރުން ވަނީ ބާސެލޯނާ އަށް ފާޑުކިޔައި ގިނަ އިންޓަވިއުތަކެއް ދީފަ އެެވެ.

އެ ގޮތުން، އެންމެ ބޮޑަށް ދެއްކީ ބާސެލޯނާ އިން ރެފްރީންނަށް ނުފޫޒުފޯރުވާ ކަމުގެ ތުހުމަތުގެ ވާހަކަތަކާއި ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާ އަށް ބާސެލޯނާ އިން ރިޝްވަތު ދިން ކަމުގެ މައްސަލައިގެ ވާހަކަތަކެވެ.

ރެއާލުން ކީ ފާޑުކިޔުންތަކަށް، ބާސެލޯނާގެ ރައީސް ލަޕޯޓާ ވަނީ ހޫނު ރައްދުތަކެއް ދީފަ އެވެ.

"އެ މީހުންނަށް މި "ބާސެލޯނާ-އިޓިސް" ޖެހިފައި ހުރިިއްޔާމު ހަގީގަތުގައި އެއީ ބާސެލޯނާ އަށް ރަނގަޅެއް. އެއީ އާންމުކޮށް ބާސެލޯނާ އިން އެންމެ ބޮޑެތި ކާމިޔާބީތައް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ރެއާލަށް ދިމާވާ ކަމެއް،" ލަޕޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2004 އިން 2015 އަށް ބާސެލޯނާ އިން ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަންކޮށް ހޯދި ކާމިޔާބީތަކަށް ހީނަރުކަން ގެންނަން ރެއާލުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަން އެނގޭ ކަމަށެވެ. އަދި، "ޗިއުވިންގަމް" އެއް ހަފާހެން އަބަދު، ނެގްރެއިރާގެ މައްސަލައިގެ ވާހަކަތައް ދައްކާ އެންމެ ބޮޑު ސަބަބަކީ ހަގީގަތެއް އެކަމުގައި ނެތް ކަމުގައި ވިޔަސް، ދެން އިތުރަށް ދެއްކޭނެ ވާހަކައެއް ނެތުމުން ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

"ބާސެލޯނާ އިން އެއްވެސް އިރެއްގައި ރެފްރީންނަށް ރިޝްވަތެއް ނުދެން، ރެފްރީން ބާސެލޯނާ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ނުދޭ، ރެފްރީން އާންމުކޮށް ރަނގަޅު ގޮތް ހަދައިދެނީ ރެއާލަށް. އެންމެ ފަހުން ކުޅުނު އެލްޗޭ މެޗަކީ ހަގީގަތް ފެންނާނެ މެޗެއް. ރެއާލުން ޖެހި ދެ ގޯލު ވެސް ހަގީގަތުގައި ބަލައިގަނެގެން ނުވާނެ، އެއް ގޯލުގައި ބެލިންހަމް އަތް ބޭނުންކުރި، އަނެއް ގޯލުގައި އިނާކީގެ ނޭފަތް މަތީގައި ވިނީޝިއުސް ޖެހީ،" ލަޕޯޓާ ވިދާޅުވި އެވެ.

ރެއާލްގެ ޓީވީން ތަކުރާރުކޮށް ރެފްރީންގެ ވާހަަކަ ދެއްކުމާއި ސްޕެނިޝް ލީގުގެ ރައީސް، ހަވިއޭ ޓެބާސް އަށް އިހުތިރާމް ކުޑަވާގޮތަށް ރެއާލުން ވާހަކަ ދެއްކުމަކީ، ނުފޫޒު ފޯރުވަން މަސައްކަތްކުރަނީ ކޮން ބައެއްކަން ސާފުވާނެ ކަމެއް ކަމަށް ލަޕޯޓާ ވިދާޅުވެފައިވެ އެވެ.