29 ނޮވެންބަރު 2025 - 10:06 0
ތޫފާން ޑިޓުވާގެ ސަބަބުން ލަންކާއަށް ލިބިފައިވާ ބައެއް ގެއްލުން
29 ނޮވެންބަރު 2025 - 10:06 0
ތޫފާން ޑިޓުވާގައި އަވައްޓެރި ސްރީ ލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެފައިވާތީ ދިވެހި ސަރުކާރުން އެ ގައުމަށް 50،000 ޑޮލަރު (771،000 ރުފިޔާ) ހަދިޔާ ކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ފައިސާގެ އިތުރުން 25،000 މަސްދަޅު ވެސް ލަންކާއަށް ފޮނުވާނެ ކަމަށެވެ.
"މިއީ އަވައްޓެރި ސްރީ ލަންކާ އާއި އެ ގައުމުގެ ރަހުމަތްތެރި މީސްތަކުންނާއެކު ދިވެހިން ތިބިކަން ދައްކައިދޭނެ ނިޝާނެއް. މީގެ ސަބަބުން، ލަންކާ ސަރުކާރުން އާންމުންނަށް ފޯރުކޮށްދެމުންދާ އެމަޖެންސީ ހިދުމަތްތަކަށް އެހީތެރިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމަށް ދިވެހި އެމްބަސީއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 123 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 43،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ.
ތޫފާނުގައި ގެއްލުން ލިބެމުން އަންނަ މީހުންނަށް އެހީތެރިވުމަށް ލަންކާއިން އަންނަނީ އެމަޖެންސީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
Comment