26 ނޮވެންބަރު 2025 - 11:46 0
ސާއިފް ޝިޔާދު
ބީއެމްއެލްގެ ސީއީއޯ އަދި މޭނެޖިން ޑިރެކްޓަރު ޝަރީފް
26 ނޮވެންބަރު 2025 - 11:46 0
ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް އެ ކުންފުނިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތައް ދިފާއުކޮށްފި އެވެ.
ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ކެބިނެޓުގެ އިކޮނޮމިކް ކައުންސިލުން އެކުލަވައިލި އުސޫލެއްގެ ދަށުންނެވެ. ނަމަވެސް އެ އުސޫލު އާންމުކޮށްފައެއް ނުވެ އެވެ. މި އުސޫލު އެކުލަވާލުމުގެ ކުރިން މާލިއްޔަތު ގާނޫނަށް ވެސް ތަކުރާރުކޮށް ބަދަލުތައް ގެނެސްފައިވެ އެވެ.
ބީލަމަށް ނުލައި، ބޭނުންވާ ބަޔަކަށް މަޝްރޫއުތައް ހަވާލުކުރިއިރު އެ ކުންފުނިތަކަށް ލޯނު ދޫކުރަނީ ނުވަ ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ކަމަށް އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަންގެ އެކައުންޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެ ބޭންކުން ބުނީ ފައިސާ ހަމަޖައްސައިދެނީ ބޭންކިންގ ގާނޫނާ ހިލާފަށް ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
"ބޭންކުން ލޯނުދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން،" ބޭންކުން ބުނެފައިވެ އެވެ.
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އެ ޕްރޮޖެކްޓުތަކަށް ފައިނޭންސް ނުކުރުމަށް އެދި ބީއެމްއެލްއަށް އިއްޔެ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީއަށް ވެސް ބޭންކުން ނުސީދާ ރައްދެއް މިއަދު ދިނެވެ.
"ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ދަންނަވަން،" ބީއެމްއެލްގެ ސްޕޯކްސްޕާސަން ލިޔުއްވި އެވެ.
ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރާއި ގުޅުން އޮންނަ ކުންފުނިތަކަށާއި މުއިއްޒުގެ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރި އެވެ.
މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ބީއެމްއެލްއަށް ވަރަށް ބޮޑަށް ގެންދަވަނީ ނުފޫޒު ފޯރުވަމުންނެވެ. ބޭންކުގެ ބޯޑުގެ ޗެއާމަނަކީ މުއިއްޒުގެ ކެބިނެޓު ސެކްރެޓަރީ އެވެ. އެ ބޭންކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު ބޭންކު ބޭނުންކުރަމުން އަންނަނީ މުއިއްޒުގެ ސިޔާސީ ވައުދުތައް ފުއްދާ "ހަތިޔާރެއް"ގެ ގޮތުގަ އެވެ.
ބީއެމްއެލްގެ މައްޗަށް މާލީ ބަގާވާތެއް ހިންގުމުގެ ތުހުމަތު ވެސް މުއިއްޒު ކުރެއްވި އެވެ. އަދި އެ ބޭންކުން ގެދޮރު އަޅަން ވެސް މުއިއްޒުގެ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.
Comment