Advertisement

ބީއެމްއެލް ބައްސައިގެން ކާގިލް ލޯނުގެ އަސްލު އިންޓްރެސްޓު އޮޅުވާލަން އުޅޭ ކަމަށް އަމީރުގެ ތުހުމަތު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އަމީރު ވިދާޅުވީ ސުކޫކު އަނބުރާ ދައްކާ ޕްލޭނު ރައްޔިތުންނާ ކޮންމެހެން ވެސް ހިއްސާކުރަން ޖެހޭ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބީއެމްއެލް ބައްސައިގެން ކާގިލް ލޯނުގެ އަސްލު އިންޓްރެސްޓު އޮޅުވާލަން އުޅޭ ކަމަށް އަމީރުގެ ތުހުމަތު

އަންނަ އޭޕްރިލް މަހު އަނބުރާ ދައްކަން ޖެހޭ ސުކޫކު ދައްކަން ސަރުކާރުން ނަގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކާގިލް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސްގެ ލޯނުގެ އަސްލު އިންޓްރެސްޓު ރޭޓު އޮޅުވާޅަން އުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ތުހުމަތުކުރައްވައިފި އެވެ.

އަމީރު އެކްސްގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ، ލޯނުގެ ހަގީގީ އިންޓްރެސްޓް ރޭޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިކޮށްގެން ކަމަށެވެ. މި މުއާމަލާތް ރާވާފައިވަނީ ސީދާ ސަރުކާރުން ކާގިލްގެ ލޯނު ނެގުމުގެ ބަދަލުގައި، ބީއެމްއެލްއިން އެ ލޯނު ނެގުމަށް ފަހު ނުވަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައި ސަރުކާރަށް ދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނުވަ ޕަސެންޓު އިންޓްރެސްޓް ރޭޓަކީ، ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ރޭޓެވެ. އެމަނިކުފާނު ވަނީ އެހާތަނަށް ސުކޫކު ރީފައިނޭންސް ކުރަން ނެގި އެއްވެސް ލޯނެއްގެ އިންޓްރެސްޓް އެއަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަރުވާފަ އެވެ.

"މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް، އަދާހަމަޔަށް ދައުލަތުން ނަގައިފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތާ ހިލާފަށް، 9 އިންސައްތައަށްވުރެ ބޮޑުނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަދި ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަރުވަން." އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ދެއްވި ނުވަ ޕަސެންޓު ރޭޓުގެ ޔަގީންކަމާ މެދު ސުވާލު އުފައްދަވަމުން އަމީރު ވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮތުމާއެކީ ކޮންސެޝަނަލް ފައިނޭންސިން ނޫނީ މި ރޭޓުގައި ލޯނެއް ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަމީރު ވަނީ މި މުއާމަލާތް ފަރުމާކޮށްފައިވާ ގޮތުން ސަރުކާރުގެ ފޮތްތަކުން އެ އަދަދު ނުފެނުނަަސް، އަސްލު އަގަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެފަ އެވެ. އޭރަށް އެ ބުނާ ދަށް ރޭޓު ވެގެންދަނީ "ކޮސްމެޓިކް" ރޭޓަކަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި، ބޭންކިން ނިޒާމުގައި ދައުލަތުގެ ދަރަނީގެ ހިއްސާ ބޮޑުވެ، ނުސީދާ ދަރަނި އިތުރުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ދަރަނިން ސަލާމަތްވުމެއް ނޫން. ދަރަނީގެ އަގު ދަށަކަށް ނުދޭ، ދިޔައީ މައްޗަށް. މުޅި ނިޒާމަށް ހުރި ނުރަައްކާތައް ވެސް ވީ އިތުރު،" އަމީރު ވިދާޅުވި އެވެ.

މި މުއާމަލާތުގައި ބީއެމްއެލް ބައިވެރިކުރާތީ އަމީރު ވަނީ، މީގެ ސަބަބުން ބޭންކުގެ މިނިވަންކަމާއީ، މާލީ ހަރުދަނާކަމާއި، ލިކުއިޑީޓީއާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ދައުލަތުގެ ދަރަނީގެ ބުރު އުފުލަން ވިޔަފާރި ބޭންކެއް ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުކޫކު ނެގިއިރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަމީރު ވަނީ، އިންޓްރެސްޓް ރޭޓަކީ 14 ޕަސެންޓު ނަމަ، ސާފުކޮށް އެހެން ބުނަން ގޮވާލާފަ އެވެ.

އަމީރު ވިދާޅުވީ ރައްޔިތުންނާއި އިންވެސްޓަރުންގެ ހައްގުގައި ލޯނުގެ އަސްލު އަގު ހާމަކޮށް، ރީފައިނޭންސް ކުރާ ގޮތުގެ ޕްލޭން ހާމަކުރަން ޖެހޭ ކަމަށެވެ. އަދި، މި މުއާމަލާތް ވީހާ ވެސް ހާމަކަން ބޮޑުކޮށް ހިންގުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ އިތުބާރު ދަމަހައްޓަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ސުކޫކު ދެއްކުމުގެ ޕްލޭނުގައި ވަނީ، ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާއިން ދެއްކުމަށް ފަހު ބާކީ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުމެވެ. ސަރުކާރުން ނުބުނެގެން އުޅެނީ މި 350 މިލިއަން ރީފައިނޭންސް ކުރާ ގޮތެކެވެ.

މިހާތަނަށް ހާމަކުރި މައުލޫމާތުން ޔަގީން ވަނީ ސަރުކާރުން ބޮޑު އިންޓްރެސްޓުގައި މިހާތަނަށް ލޯނެއް ނުނަގާކަން އެކަންޏެވެ. މުސްތަގުބަލުގައި ލޯނެއް ނަގާ ކަމެއް، ނަގަނީ ކޮން ތަނެއް ނޫނީ ތަންތަނަކުން ކަމެއް، ނަގަނީ ކިހާ ވަރެއްގެ ލޯނެއް ކަމެއް ނޫނީ ނަގަނީ ކިތައް ލޯނު ކަމެއް ނޭނގެ އެވެ.