Advertisement

އަންނަ ދިރާސީ އަހަރަށް ފްލެޓްތައް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

26 ނޮވެންބަރު 2025 - 11:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު މުއިއްޒު: ދިރާސީ އަހަރަށް ފްލެޓްތައް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް


އަންނަ ދިރާސީ އަހަރަށް ފްލެޓްތައް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

26 ނޮވެންބަރު 2025 - 11:07 0

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްގީކުރަން ފެށި ގެދޮރުވެރިޔާގެ 4،000 ފްލެޓްތައް އަންނަ ދިރާސީ އަހަރަށް ހަވާލުކޮށް ނިމޭނެ ކަމުގެ ޔަގީންކަން މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ދީފައިވާ ކަމަށެވެ.

"ނުނިމޭ ތަންތަން ވެސް ސްކޫލް ހުޅުވެންވާއިރަށް އާ ދިރާސީ އަހަރަށް ހުޅުވެންވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައި މިވަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެފްޑީސީން ބައެއް ޓަވަރުތަކުގައި ކަރަންޓާއި އެހެނިހެން މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ގިނަ ފްލެޓްތަކަށް މީހުން ވަދެ ނިމޭނެ ކަމަށެވެ.

"އެފްޑީސީން އެތަނުގެ މިހާރު އެ ގުޅަންޖެހޭ ކަރަންޓާއި މިހުރިހާ މަސައްކަތެއް މި ހިނގަނީ. މި ޑިސެމްބަރު ނިމޭއިރަށް ގިނަ ފްލެޓްތައް ނޫނިއްޔާ ޓަވަރުތައް ލިބިފައި ހުރި ފަރާތްތަކަށް ނިންމާފައި ހަވާލުކުރެވޭނެ ކަމަށް އެފްޑީސީން މިރޭ ވެސް އަޅުގަނޑަށް ޔަގީންކަން ދެއްވާފައި އެބައޮތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތައް ހަވާލުކުރަނީ ކުރީ ސަރުކާރުން ދީފައި އޮތް ލިސްޓަށް ބަަދަލެއް ނުގެނެސް ކަމަށެވެ. އެކަމަކު މި ސަރުކާރުން ވަނީ އެ ލިސްޓަށް އުނިއިތުރު ގެނެސް ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށް ނިންމާފަ އެވެ.

މި އަހަރު ފެބްރުއަރީ މަހު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މި އަހަރު ސެޕްޓެމްބަރު މަހުގެ ކުރިން 4،000 ފްލެޓުގެ ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

"ފްލެޓުތައް ނިމެމުންދާ މިންވަރަކުން، ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލުކުރަމުން ގޮސް، މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓެއް، އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމައިލެވޭނެ," ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ "ބޯހިޔާވަހިކަން އެންމެނަށް" ނަމުގައި ބޯހިޔާވެހިކަމުގެ ސިޔާސަތެއް އިއުލާންކޮށްފަ އެވެ. އެ ސިޔާސަތުގެ ދަށުން 7،000 ފްލެޓް މާލޭ ސަރަހައްދުގައި އަޅާނެކަން ވަނީ އިއުލާންކޮށްފަ އެވެ.