26 ނޮވެންބަރު 2025 - 10:06 0
26 ނޮވެންބަރު 2025 - 10:06 0
މެޑްރިޑް (ނޮވެމްބަރު 26) - ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރުމަށް ކުޅުންތެރިން ވެސް ބާރު އަޅަމުން އަންނަ ކަމަށާއި މެނޭޖްމަންޓުގެ ވެސް ތާއީދު އެބައޮތް ކަމަށް މީޑިއާގައި ދެެކެވޭ ވާހަަކަތަކާ މެދު، ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ނުވިސްނާ ކަަމަށް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސް ދަނޑުގައި މިރޭ ކުޅޭ މެޗުގެ ކުރިން ރެއާލުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިނުވާއިރު، އަލޮންސޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އަލޮންސޯގެ މަސައްކަތް ކުރުމުގެ ވައްޓަފާޅި ހުރި ގޮތުން، ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ހިތްހަަމަނުޖެހޭއިރު، އެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ވެސް އަލޮންސޯ ވަކިކުރަން ބޭނުންވެ އެެވެ. ރެއާލުގެ ތަރި، ވިނީޝިއުސް ޖޫނިއާ، އެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭއިރު، އޭނާ ވަނީ ރެއާލްގެ ކޮންޓްރެކްޓް އާ ކުރަން ވެސް ދެކޮޅު ހަދައިފަ އެވެ.
މި ކަންކަމަށް އިޝާރާތްކޮށް އަލޮންސޯއާ ކުރި ސުވާލަށް ދިން ޖަވާބުގައި ބުނީ، ބޭރު ތެެރެއިން އިވޭ އަޑުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ރެއާލުގައި އޭނާ ކުރަން ހުރި މަސައްކަތްތަކަށް ފޯކަސް ކުރުން މުހިންމު ކަމަށެވެ.
"އެންމެން ވެސް އެބަޖެހޭ ކުޅުންތެރިންނަށް އިހުތިރާމް ކުރަން، އަހަންނެއް ބޭނުމެއް ނޫން ޑްރެސިން ރޫމު ތެރެއާއި ޓީމު ތެރޭގެ ވާހަކަތަކެއް ދައްކަން، ކްލަބް ތެރޭގައި ކަންކަން ދިމާވާނެ. އެކި ކަހަލަ ހާލަތްތައް ވެސް އަންނާނެ، ތަފާތު ވާހަަކަތައް ބޭރު ތެރެެއިން ވެސް އިވޭނެ. އެކަމަކު، އެ ކަންކަމަށް ނުވިސްނައި އަހަރެމެން އެކުގައި ހާސިލްކުރަން މި އުޅޭ ކަންކަމާ ދިމާލަށް އެ މިސްރާބަށް ދިއުން މުހިންމު،" އަލޮންސޯ ބުންޏެވެ.
ރެއާލުގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި ފުރަތަމަ ފަސް މަސް ދުވަހު ކުރެވުނު މަސައްކަތާ މެދު ހިތްހަަމަޖެހޭ ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ. އަދި، މިހާރު އޭނާގެ މަގާމާ މެދު ސުވާލު އުފައްދައި މީޑިއާ އިން ސުވާލުކުުރުމަކީ، އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލައި، އަންނަ ކަމެއް ކަމަށާއި ނަތީޖާ ރަނގަޅުކޮށް، ރެއާލްގެ ޓާގެޓްތައް ހާސިލްކުރަން މަސައްކަތް ކުރާނެ ކަމަށް އަލޮންސޯ ވަނީ ބުނެފަ އެެވެ.
ކުރިން ރެއާލަށް ކުޅުނު އަލޮންސޯ އެ ޓީމުގެ ކޯޗުކަމާ މިދިޔަ މެއި މަހު ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
Comment