24 ނޮވެންބަރު 2025 - 11:26 5
ލީވާން އަލީ ނާސިރު
24 ނޮވެންބަރު 2025 - 11:26 5
އައްޑޫ ސިޓީ ހިތަދޫ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ސިޒޭރިއަން ހެދި އުމުރުން 28 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ސިމްޑީ ގްރޫޕުން ހިންގާ އައިއެމްޑީސީގައި ސިޒޭރިއަން ހެދި ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވީ މިއަދު އެވެ. އޭނާގެ ވިހެއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
ނަޒާހަތުގެ ހާލު ދެރަވުމުން އޭނާ ވަނީ އައިއެމްޑީސީ އިން އެމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކަމަކު އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އައިއެމްޑީސީގައި އެ ހޮސްޕިޓަލަށް ނަޒާހަތު ގެނައީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ހާދިސާގައި އަންހެން މީހާ ނިޔާވި ނަމަވެސް، ތުއްތު ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ސިމްޑީ ގްރޫޕްގެ ސީނިއާ މެނޭޖާ ޕީއާރް އެންޑް މާކެޓިން، އިބްރާހިމް ހަމީޝް އަދަދު އަށް ވިދާޅުވީ މިއީ މިފަދަ ހިތާމަވެރި ހާދިސާއެއް އައިއެމްޑީސީގައި ދިމާވި ފުރަތަމަ ފަހަރު ކަމަށާއި ކަމާ ބެހެ ފަރާތްތަކާ ގުޅިގެން ހިނގައިދިޔަ ކަންތައް ބަލަމުންދާ ކަމަށެވެ.
"މިއީ މިކަހަލަ ކަމެއް އައިއެމްޑީސީގައި ދިމާވި ފުރަތަމަ ފަހަރު. އެކަމަށްޓަކައި ވަރަށް ހިތާމަކުރަން. މިހާރު ކަމާބެހޭ ފަރާތްތަކާ މިނިސްޓްރީއާ ގުޅިގެން ކަންތައްތައް ކުރިއަށް އެބަގެންދޭ. ފާހަގަކޮށްލަން ބޭނުންވަނީ ވަރަށް ހިތާމަވެރި ހާދިސާއެކޭ މި ދިމާވީ،" އޭނާ ވިދާޅުވި އެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށް ހަމީޝް ވިދާޅުވި އެވެ.
ނަޒާހަތަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ މުވައްޒަފެކެވެ. އޭނާ ނިޔާވުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ހެލްތު މިނިސްޓްރީގެ އިތުރުން އައިއެމްޑީސީ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އައިއެމްޑީސީން ޖުލައި 1، 2011، އިން ފެށިގެން ދަނީ ސިޒޭރިއަން ހެދުމުގެ ހިދުމަތް ދެމުންނެވެ.
Comment