Advertisement

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ކަނޑައެޅީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް: މުއިއްޒު

23 ނޮވެންބަރު 2025 - 23:43 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު މުއިއްޒު: ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ކަނޑައެޅީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ކަނޑައެޅީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް: މުއިއްޒު

23 ނޮވެންބަރު 2025 - 23:43 1

މި ސަރުކާރުން ކުރިއަށްގެންދަ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ކަނޑައެޅީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ގާއިމުކުރާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް ވިލިމާލޭގައި އަޅާއިރު، އެ ހައުސިން ޔުނިޓްތައް ހާއްސަކޮށްފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.

"މުޅި މާލެ ސިޓީގައި މި ގާއިމުކުރާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް މިކޮޅުގައި މި އަޅަނީ (ވިލިމާލެ). މި 300 ހައުސިން ޔުނިޓް މި ކަނޑައަޅަނީ މި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކުރާ 300 ހައުސިން ޔުނިޓް ގޮތުގައި،" މުއިއްޒު ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި ވިލިމާލޭގައި އެ 300 ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ކުރިއަށް ގެންދާނެ ކަމަށާއި އެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ވެސް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒު ވައުދުވީ ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމަށެވެ. މުއިއްޒު ވިދާޅުވީ އިތުރު ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރާނެ ކަމަށެވެ.

މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ. މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.

ފްލެޓަށް އެދި ހުށަހެޅުމަށް ސަރުކާރުން ދެ މޮޑެލްއެއް ގެންގުޅެ އެވެ. އެއް މޮޑެލްއަކީ ބޭންކުތަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ޝަރުތުހަމަވާ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އެވެ. މިއީ ތަނަވަސް އާއިލާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.

ސަރުކާރުން ފްލެޓް ދިނުމުގައި ގެންގުޅޭ ދެވަނަ މޮޑެލްއަކީ "ރެންޓް-ޓު-އޯން މޮޑެލް" އެވެ. އެ މޮޑެލްގެ ދަށުން ޔުނިޓް ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާދައްކަންޖެހޭނެ އެވެ. އަދި ޔުނިޓުގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވެހިކަން ލިބުނު ފަރާތަށް ޔުނިޓް މިލްކު ކުރެވޭނެ އެވެ.

"ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޭއިރު ޝަރުއީ ދާއިރާ އާއި ސިވިލް ސާވިސް މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަހުން މުއިއްޒު އިއުލާނުކުރި 7،000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.