Advertisement

ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ފައިސަލްގެ މައްސަލައެއް އޭސީސީން ބަލަނީ

23 ނޮވެންބަރު 2025 - 21:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ފައިސަލް


ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ފައިސަލްގެ މައްސަލައެއް އޭސީސީން ބަލަނީ

23 ނޮވެންބަރު 2025 - 21:54 0

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީން ބުނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތު އަމާޒުވެފައިވާ ހައި ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީކުރެވި ބަލަމުންދާ ކަމަށެވެ.

އޭސީސީން ބަލަމުންދަނީ ކޮން ފަނޑިޔާރެއްގެ މައްސަލަކަން އެ ކޮމިޝަނުން ހާމަނުކުރި ނަމަވެސް، ބަލަމުންދަނީ ފައިސަލްގެ މައްސަލަކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިސަލް އައްޔަނުކުރަން ޖޭއެސްސީން އޮތީ އޭޕްރީލް 17، 2025 ގައި ނިންމައިފަ އެވެ. އެ ނިންމުމަށްފަހު އެ ކޯޓު ވަގުތީ ގޮތުން ހިންގުމުގެ ޒިންމާ ވެސް އަދާކުރައްވަމުން ގެންދެވީ ފައިސަލް އެވެ.

ނަމަވެސް އެކަން ކުއްލިއަކަށް ބަދަލުވެ، ހައިކޯޓު ވަގުތީ ގޮތުން ހިންގުން ނޮވެންބަރު 19، 2025 ވަނީ އަބްދުالله ޖަމީލް މޫސާއާ ހަވާލުކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް މިއަދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭހެން އެ ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށާފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު އެކުލަވާލެވިފައިވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒު ފަހުމީގެ މައްސަލަތަކެކެވެ.

މި މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ ރިޓަޔާ ކުރައްވަން ނިންމަވައިފަ އެވެ. ނިޔާޒަކީ ޖޭއެސްސީގެ މެންބަރެކެވެ.