Advertisement

ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް އީގަލްސް އިން ހަމަޖެހިލައިފި

23 ނޮވެންބަރު 2025 - 20:36 0

އީގަލްސްގެ ރިޒޭ (ވ) އާއި ފޭދޫ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް އީގަލްސް އިން ހަމަޖެހިލައިފި

23 ނޮވެންބަރު 2025 - 20:36 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާ އަތުން 3-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގެ ހަތަރު ވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.

މި ފަހަރުގެ ސީޒަން ފަށައިގެން ފުރަތަމަ ހަތް މެޗު މޮޅެއް ނުލިބި އޮތް އީގަލްސް އިން މި ވަނީ، އަބްދުﷲ ހަނީފް (ބެންޖޯ) ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވި ފަހުން ހާލަތު ބަދަލުކޮށް ލީގުގެ ހަތަރު ވަނަ މަގާމުގައި ފުރަތަމަ ބުރު ނުނިމެނިސް ހަމަޖެހިލައިފަ އެެވެ. އެއީ، އަށް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް އަށް މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެކަމަކު، އީގަލްސް އިން ވަނީ ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭގައި ވަނީ ލަނޑު ޖަހައިފަ އެެވެ. މިއީ އީގަލްސްގެ ޒައިން ޒަފަރު ޖެހި ބޯޅައެއް ވެލެންސިއާގެ ހަސަން ހައިޝަމް ހާމިދު ފައިގައި ޖެހިފައި އެރި ވަގުތު އޯވަހެޑް ކިކަކުން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ޖެހި ގޯލެކެވެ.

އީގަލްސްގެ ފޭދޫ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ވެލެންސިއާ އަށް އެއްވަރުކޮށްދޭން ސްޕެއިންގެ ފޯވާޑް އަބޫބަކުރު ސިލާ ޖެހި ބޯޅަ ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން، މެޗުގެ 64 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައި އީގަލްސްގެ ދެ ވަނަ ގޯލު ޖަހައިފަ އެެވެ.

މެޗުގައި އީގަލްސް އިން ތިން ވަނަ ލަނޑެއް ޖަހަން ރިޒޭ ދިން ބޯޅައަކުން ފޭދޫ އިއްބެ ޖެހި ބޯޅައެއް ގޯލުގެ ދަނޑިކައިރިން ދިޔަ އެވެ. އީގަލްސް އިން ތިން ވަަނަ ލަނޑު ޖެހީ، ޒުވާން ކުޅުންތެރިޔާ، އަހުމަދު ލައިތު އައްބާސް އެވެ. މެޗުގެ 79 ވަނަ މިނިޓްގައި، ލައިތު މި ލަނޑު ޖެހީ، އީގަލްސްގެ ޖަޕާނު މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލައި، ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ހޯދައި، އީގަލްސްގެ ކީޕަރު، ޒަހުރާން އަހުމަދު ޒިޔާދު ކައިރިން ނައްޓާލުމަށް ފަހު، ވެލެންސިއާގެ ސިލާ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އީގަލްސްގެ ޑިފެންޑަރު، މާވިން ލެބޭ އެވެ.

މި ނަތީޖާއާ އެކު ވެލެންސިއާ، ލީގުގެ ހަތް ވަނައިގައި އޮތީ އަށް މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.