Advertisement

ފީއަލީގައި ސައިންސް ލެބް އަޅަން ފެނަކައާ ހަވާލުކުރި ބިމުގައި ކަރާ ހައްދަނީ

23 ނޮވެންބަރު 2025 - 15:01 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފީއަލީގައި ސައިންސް ލެބް އަޅަން ފެނަކައާ ހަވާލުކުރި ބިމުގައި ކަރާ ހައްދަނީ -- ފޮޓޯ: ކިޔުންތެރިއެއް


ފީއަލީގައި ސައިންސް ލެބް އަޅަން ފެނަކައާ ހަވާލުކުރި ބިމުގައި ކަރާ ހައްދަނީ

23 ނޮވެންބަރު 2025 - 15:01 1

ފ. ފީއަލީގައި ސައިންސް ލެބެއް އަޅަން މިދިޔަ މާޗު މަހު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ބިމުގައި ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ކަރާ ހައްދަން ފަށައިފި އެވެ.

ފިއަލީ ކައުންސިލްގެ މެންބަރު، މުހައްމަދު ޖަލީލް އަދަދު އަށް ވިދާޅުވީ ސައިންސް ލެބް އަޅަން ފެނަކައާ ހަވާލުކޮށްފައި އޮތް ބިމުގައި މި މަހު ކުރީކޮޅު ކަރާ ހައްދަން ފަށާފައިވާ ކަމަށެވެ.

ފެނަކައާ ސައިންސް ލެބް އަޅަން ހަވާލުކުރި ބިން ސާފުކުރުމަށްފަހު އެ ކުންފުނިން ސައިންސް ލެބް އެޅުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަހު ކުރީކޮޅު އެބޭފުޅުން އިންދައިފި [ކަރާ އޮށް]. ފެނަކައާ މަސައްކަތް ހަވާލުކުރި ފަހުން އެތަނުގައި އެއްވެސް ކަމެއް ކުރިއަކަށް ނުދޭ. އެބޭފުޅުން އެތާ ސައިޓް ސާފުކޮށްލުމަށްފަހު ރޯދައަށް ކަރާ ހައްދަން ފެށީ. މިހާރު ކަރާ ގަސްތައް ހެދިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފީއަލީގައި ސައިންސް ލެބް ގާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ކުރިއަށްދިޔަ އެވެ. އެގޮތުން އިމާރާތުގެ ކޮންކްރީޓް ބައެއް މަސައްކަތް ހުރީ ނިމިފަ އެވެ.

ނަމަވެސް މި ސަރުކާރު ހަވާލުވި ފަހުން އެ މަސައްކަތް އެއްކޮށް ހުއްޓުނެވެ. އެއަށްފަހު އެ މަޝްރޫއު މިދިޔަ ސަރުކާރުން ހަވާލުކުރި ކުންފުންޏާއެކު ހަދާފައި އޮތް އެއްބަސްވުން ބާތިލުކޮށް، މަޝްރޫއު ފެނަކައާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

މިދިޔަ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެއްބަސްވުންތައް ބާތިލުކޮށް ހަވާލުކުރީ އެސްއޯއީތަކާ އެވެ. އެގޮތުން އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ގިނަ ރަށްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.