Advertisement

ހިމާޔަތްކޮށްފައިވާ ރީތިގަސް ހުރި ހިއްތަން މައިޒާން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި އެންމެ 2000ރ. އަށް!

22 ނޮވެންބަރު 2025 - 12:57 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދާރުލްއާސާރު ކުރިމަތިން ހުންނަ ރީތިގަސް ވަށައިގެން ބަންދުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހިމާޔަތްކޮށްފައިވާ ރީތިގަސް ހުރި ހިއްތަން މައިޒާން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި އެންމެ 2000ރ. އަށް!

22 ނޮވެންބަރު 2025 - 12:57 4

ނެޝަނަލް މިއުޒިއަމް ކުރިމަތީގައި ހުންނަ ހިމާޔަތްކޮށްފައިވާ، ދެ ގަރުނުވީ ރީތި ގަހަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދިން އެއްބަސްވުމެއްގެ ދަށުންކަން ހާމަވެއްޖެ އެވެ.

މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓު މާލެ ސިޓީ ކައުންސިލުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ލިސްޓުން އެނގޭ ގޮތުން، ހިއްތަން މައިޒާން ކޮށްފައި ދީފައި ވަނީ ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 2000ރ. އަށެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އަމިއްލަ ތަކެތީގައި ޒަމާނާ އެއްގޮތަށް އެ ސަރަހައްދު މަރާމާތުކޮށް ބެލެހެއްޓުމަށެވެ. ހިއްތަން މައިޒާން އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައި ވަނީ 10 އަހަރަށެވެ.

އެގޮތުން އެ ސަރަހައްދުގައި އިންސްޓަގްރާމް ފޮޓޯ ކޯނާއެއް ބެހެއްޓުމާއި މޫވަބަލް ޓްރަކްޝޮޕެއް އެ ސަރަހައްދުގައި ބޭއްވުމާއި އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަކޮށްލަން އިށީނދެވޭނެ ކަހަލަ ގޮނޑިތަކެއް އެ ސަރަހައްދުގައި ބަހެއްޓުން މަސައްކަތުގެ ތެރޭގައި ހިމަނާފައިވެ އެވެ.

އެ ސަރަހައްދު ކުއްޔަށް ދޫކޮށްފައި ވަނީ އެ މަސައްކަތްތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތު ކުރުމަށްފަހު އެވެ. އެ މަސައްކަތް ހުއްޓުނީ ހުއްދަ ނުހޯދައި އެ މަސައްކަތް ކުރިއަށްގެންދާތީ، މަސައްކަތް ހުއްޓާލަން އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން އެންގުމުންނެވެ.

އޭގެފަހުން އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މިއަދާ ހަމައަށް ވެސް އެ ސަރަހައްދު ހުރީ ސަތަރި ދަމައި ބަންދުކޮށްފަ އެވެ.

އެކަމާ ބެހޭގޮތުން ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރުއާ މަޖިލީހުގެ މެންބަރުން އޮކްޓޫބަރު 20، 2025 ގައި ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ވަނީ އެ ސަރަހައްދުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްކަން ވިދާޅުވާން ދެކޮޅުހައްދަަވައިފަ އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ނަސީރު ވިދާޅުވީ ދާރުލްއާސާރުގެ ބޭރުގައި އޮންނަ ސަރަހައްދު ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ މިނިސްޓްރީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެތަނުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮންނަތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެއްތޯ އަޅުގަނޑު ޖެހޭނީ ބަލައިލަން، މި ވުޒާރާއިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން، އަޅުގަނޑަށް ޔަގީން، އިނގޭތޯ؟ އެއީ ކަށަވަރު ކަމެއް،" އާދަމް ނަސީރު ވިދާޅުވި އެވެ.

ހިއްތަން މައިޒާން ބަންދުކޮށް އެ ސަރަހައްދުގައި ސަތަރި ޖަހައި ބަންދުކޮށްފައިވާއިރު، އެ މަސައްކަތް ކުރި ބަޔަކު ވަނީ އެތަނުގައި ހުންނަ ރީތިގަހަށް ގެއްލުންވާ ގޮތަށް ދަގަނޑު ވެސް ޖަހައިފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ބަޔަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން އަދި ނޭނގެ އެވެ.