Advertisement

މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި

20 ނޮވެންބަރު 2025 - 21:18 0


މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި

20 ނޮވެންބަރު 2025 - 21:18 0

ވެރި ރަށް މާލެ އާއި މާލޭގެ ބައެއްގެ ގޮތުގައި ބަލާ ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ލިސްޓުތަކެއް މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ލިސްޓުތައް އާންމު ކުރީ، ކުއްޔަށް ދީފައިވާ ތަންތަނުގެ ދަފުތަރެއް ބެލެހެއްޓުމަަކީ ކައުންސިލުގެ ގާނޫނީ ޒިންމާއެއް ކަމަށްވާތީ ކަމަށެވެ.

މިއަދު އާންމު ކުރި ތަންތަނުގެ ތެރޭގައި މާލެ އާއި ވިލިމާލެއިން ދޫކޮށްފައިވާ ފްލެޓުތަކާއި މާލެއިން ދޫކޮށްފައިވާ ޕާކިން ލޮޓުތަކާއި ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ލޯކަލް މާރުުކޭޓުގެ ގޮޅިތަކުގެ ތަފުސީލާއި ފައްތިޔާތަކުގެ ތަފުސީލު ހިމެނެ އެވެ.

ލިސްޓުން އެނގޭ ގޮތުގައި މާލެ އާއި ވިލިމާލެއިން 162 ފްލެޓު ވަނީ ކުއްޔަށް ދީފަ އެވެ. މާލެ އާއި ވިލިމާލެއިން ގާތްގަނޑަކަށް 157 ބިމެއް ކުއްޔަށް ދޫކޮށްފައި އެބަ ހުއްޓެވެ. އަދި މާރުކޭޓުތަކުން 379 ތަނެއް އޮތީ ކުއްޔަށް ދީފައިވާއިރު 460 އަށް ވުރެ ގިނަ ފައްތިޔާ ވަނީ ކުއްޔަށް ދީފަ އެވެ.

މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ދީފައިވާ ތަންތަން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަނަކީ ކާނިވާ ސަރަހައްދުން ނޮވެލް ރެސްޓޯރަންޓަށް އިތުރުކޮށް ދިން 1691 އަކަފޫޓުގެ ބިމެވެ.

"އަލިމަސް ކާނިވާ ސަރަހައްދުގައިވާ އިސްކަންދަރު މައިޒާން އަމިއްލަ ހަރަދުގައި އިތުރަށް ތަރައްގީކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ޝަރުތުކޮށް، އަލިމަސް ކާނިވާ ސަރަހައްދުގެ ނޮވެލް ގްރިލް އެންޑް ރެސްޓޯރަންޓުގެ އިމުގައި ނުހިމެނޭ 1691.18 އަކަފޫޓުގެ ބިން (ގްރައުންޑާއި ފުރަތަމަ ފްލޯ ހިމެނޭ ގޮތަށް) އަދި ކާނިވާ ސްޓޭޖާއި ކެފޭއާ ދޭތެރޭގައިވާ މަގު އަދި ޝަރުތުކުރެވިފައިވާ މަސައްކަތް ކުރުމަށް އެހީތެރެިވުމުގެ ގޮތުން އިސްކަންދަރު މައިޒާންގައި ހިންގުމަށް ހުއްދަ ދީފައިވާ ޓަކްޝޮޕް،" ސިޓީ ކައުންސިލުން ހާމަކުރި ލިސްޓުގައި ބިން ދޫކުރި ސަބަބެއް ކަމަށް ލިޔެފައިވެ އެވެ.

ނޮވެލް ރެސްޓޯރެންޓުން ބުނީ އެތަނުގެ 3000 އަކަފޫޓަށް ވުރެ ބޮޑު ބިމަކީ ހިލޭ ލިބިފައިވާ ބިމެއް ނޫން ކަމަށާއި، ޕާކު ބަލަހައްޓައި ހިންގާ ގޮތަށް ދީފައިވާ ބިން ފިޔަވައި ރެސްޓޯރެންޓުގައި ހިމެނޭ ބިމަށް ކުލި ދައްކާ ކަމަށެވެ.

އެޑިޓަރުގެ ނޯޓު


މި ހަބަރު ޝާއިއުކުރި ފަހުން، ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ހަބަރަށް ބައެއް އިސްލާހުތައް ގެނެސްފައިވާނެ އެވެ.