Advertisement

ފެކްޓް ޗެކް: ފުލުހުންގެ ބޮޑީވޯން ކެމް ގަތުމުގައި އޮޅުވައިލި ކަމަށް ވިދާޅުވެ މަޖިލިސް ކޮމިޓީގައި ހެދީ ދޮގު!

20 ނޮވެންބަރު 2025 - 22:48 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް -- ފޮޓޯ: އަދަދު


ފެކްޓް ޗެކް: ފުލުހުންގެ ބޮޑީވޯން ކެމް ގަތުމުގައި އޮޅުވައިލި ކަމަށް ވިދާޅުވެ މަޖިލިސް ކޮމިޓީގައި ހެދީ ދޮގު!

20 ނޮވެންބަރު 2025 - 22:48 6

ފުލުހުންގެ ކުންފުނި، ޕޮލްކޯއާ ގުޅޭ މައްސަލަތަކެއް ބެލުމަށް އެކުލަވައިލި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ އިއްޔެ އޮތް ބައްދަލުވުމުގައި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ގަތުމުގައި އޮޅުވައިލުންތަކެއް ހުރިކަމަށް ދޭހަވާ ވާހަކަތަކެއް ހިއްސާ ކުރި އެވެ.

އެ ކޮމިޓީން ތަހުގީގު ކުރާ މައްސަލަތަކާ ބެހޭގޮތުން ތައްޔާރުކުރާ ރިޕޯޓަށް އިތުރުކުރާ މައުލޫމާތުގެ ގޮތުގައި އިއްޔެ ހާމަކުރީ ފުލުހުންގެ މުއައްސަސާއަށް ބޮޑީވޯން ކެމެރާ ގަތުމުގައި އަމަލުކޮށްފައިވާ ޓައިމްލައިންގައި ނުރަނގަޅު ކަންތައްތަކެއް ހުރި ވާހަކަ އެވެ.

އެގޮތުން ކޮމިޓީން ފާހަގަކުރި މައިގަނޑު ކަންކަމަކީ:

  • ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަތުމަށް އެންމެ ފުރަތަމަ 2021 ވަނަ އަހަރުގެ ކުރީކޮޅު ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން ޒެޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލު ކުރުމަށް މަސައްކަތް ކުރުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން އެ މަސައްކަތް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން ނިންމިކަން
  • އޭގެފަހުން އާންމުކޮށް އިއުލާނު ކޮށްގެން ފުލުހުންނަށް 200 ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާނުކޮށް ޒެޓާ ޓެކްނޮލޮޖީސް ކިޔާ ކުންފުންޏަކާ މަސައްކަތް ހަވާލުކުރިކަން
  • އެއަށްފަހު ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން 1200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ޒެޓާ ޓެކްނޮލޮޖީސް އާ ހަވާލުކުރިކަން

މި ކަންކަމާ ގުޅިގެން ކޮމިޓީއަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އިތުރު ބައެއް ކަންކަން ވެސް ކޮމިޓީގައި ފާހަގަކުރި އެވެ.

އެހެންނަމަވެސް، އަދަދު އަށް ލިބިފައި ހުރި ލިޔެކިޔުންތަކުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، އިއްޔެ ކޮމިޓީގައި ހާމަކުރި މައުލޫމާތުތަކުގެ ތެރޭގައި ސައްހަ ނޫން މައުލޫމާތާއި ދޮގު ތުހުމަތުތައް ހިމެނެ އެވެ.

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ހޯދަން ކުރި މަސައްކަތުގެ ހުލާސާ

ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތަށް ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ އެ ހިދުމަތުން ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ މަސައްކަތް އޭރު ފުލުހުން ކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން 1400 ބޮޑީ ކެމެރާ ހޯދުމަށެވެ.

ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން އެ މަސައްކަތް ކުރުމަށް ޒެޓާ އެންޓަޕްރައިޒަސްއިން ހުށަހެޅި ޕްރޮޕޯޒަލް ޓެންޑާ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން ނިންމީ އެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.

ޓެންޑާ ބޯޑުން އެގޮތަށް ނިންމުމުން 1400 ބޮޑީ ވޯން ކެމެރާ އާއި އެއަށް ބޭނުންވާ ސާވާ ހޯދުމަށް ފުލުހުންގެ ހިދުމަތުން އިއުލާނެއް ކުރި އެވެ. ނަމަވެސް އެ އިއުލާނުގެ ދަށުން ހުށަހެޅި ހުރިހާ ޕްރޮޕޯސަލްއެއް ވެސް ޝަރުތު ހަމަނުވާތީ ބާތިލު ކުރީ އެވެ.

އެއަށްފަހު 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ފުލުހުން އިއުލާނެއް ކުރި އެވެ. އެ މަސައްކަތް ހަވާލު ކުރީ ޒެޓާ ޓެކްނޮލޮޖީސްއާ އެވެ.

އޭގެފަހުން 1200 ބޮޑީ ވޯން ކެމެރާ ފުލުހުން ހޯދީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން އެ މަސައްކަތް ވެސް ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކޮށްގެންނެވެ.

ތުހުމަތު 1: 200 ބޮޑީ ވޯން ކެމެރާ ހޯދަން ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކުރުމުގައި ގޯސް ހަދާފައިވާ ކަމަށް ބުނުން [ދޮގެއް]

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި އިއްޔެ ކުރި އެންމެ ބޮޑު އެއް ތުހުމަތަކީ ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދުމަށް ޒެޓާ އެންޓަޕްރައިސަސްއާ ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ ދަށުން މަސައްކަތް ހަވާލުކުރަން ކުރި މަސައްކަތް ޓެންޑާ ބޯޑާ ހަމައިން ނާކާމިޔާބުވުމުން، ވަކިން އިއުލާނުކޮށްގެން ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންގެ އެހެން ކުންފުންޏަކާ މަސައްކަތް ހަވާލު ކުރި ކަމަށް ބުނާ ބުނުމެވެ.

ނަމަވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ފުލުހުންނަށް 1400 ބޮޑީ ކެމެރާ ހޯދަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން ނިންމުމުން ސެޕްޓެމްބަރު 5، 2021، ގައި 1400 ބޮޑީ ވޯން ކެމެރާ އާއި އެއަށް ބޭނުންވާ ސާވާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ފުލުހުން ލިސްޓު ކުރި އެވެ.

އެ އިއުލާނުގެ ދަށުން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅި އެވެ. އެއީ:

  • ރޯޒްވެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
  • ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑް
  • ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް

ނަމަވެސް އެ ތިން ކުންފުންޏަށް ވެސް ބޮޑީ ކެމެރާއާއެކު އެއަށް ބޭނުންވާ ސާވާ ސަޕްލައި ކޮށްދިނުމުގެ ސީދާ ހުއްދަ އެ ތަކެތި އުފައްދާ ކުންފުނިތަކުން ދީފައި ނޯންނާތީ އެ ޕްރޮޕޯސަލްތައް ބާތިލުކުރީ އެވެ.

އެއަށްފަހު ދެން ފުލުހުން ބޮޑީ ކެމެރާ ހޯދުމުގެ މަސައްކަތް ފެށީ ކެމެރާ އާއި ސާވާ ވަކިންނެވެ. އެގޮތުން އޮކްޓޫބަރު 7، 2021، ގައި 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާނެއް ކުރި އެވެ.

އެ އިއުލާނުގެ ދަށުން، 200 ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4،947،397.56ރ. އަށެވެ.

ފުލުހުން ކުރި އިއުލާނުގެ ދަށުން 200 ބޮޑީ ވޯން ކެމެރާ ޒެޓާ ޓެކްނޮލޮޖީސް އިން ފުލުހުންނަށް ސަޕްލައިކޮށް އިންސްޓޯލް ކޮށްދީ އެ ތަކެތި ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ފުލުހުންނަށް ދީ ނިންމީ މާޗު 30، 2022، ގަ އެވެ.

އޭގެފަހުން އަނެއްކާވެސް ފުލުހުން ވަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން 1200 ކެމެރާ ހޯދުމަށް ޓެންޑާ ބޯޑަށް ފޮނުވައިފަ އެވެ. ޓެންޑާ ބޯޑުން ނިންމީ ޒެޓާ ޓެކްނޮލޮޖީސްއަށް އެ މަސައްކަތް ވެސް ހަވާލު ކުރުމަށެވެ. އެ މަސައްކަތް ޒެޓާ ޓެކްނޮލޮޖީސް އާ ހަވާލުކުރީ 66،429،418.21ރ. އަށެވެ.

ސަބަބަކީ އޭގެ ކުރިން 200 ބޮޑީ ވޯން ކެމެރާ ފުލުހުންނަށް ސަޕްލައި ކޮށްދީފައި ވަނީ ވެސް ޒެޓާ ޓެކްނޮލޮޖީސް އިން ކަމަށްވެފައި އެ ކުންފުންޏަކީ އެމެރިކާގެ އެކްސޮން އެންޓަޕްރައިސަސް އިންކް ގެ އެކްސްކްލޫސިވް ރައިޓްސް ލިބިފައިވާ ކުންފުންޏަކަށް ވާތީ އެވެ.

ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން 1200 ބޮޑީ ވޯން ކެމެރާ ފުލުހުންނަށް ސަޕްލައިކޮށް އިންސްޓޯލް ކޮށްދީ އެ ތަކެތި ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ފުލުހުންނަށް ދީ ނިންމީ ޑިސެމްބަރު 11، 2022، ގަ އެވެ.

މި މުއާމަލާތްތަކުގެ ތެރެއިން، އިއްޔެ މާލިއްޔަތު ކޮމިޓީން ތުހުމަތުކުރި ފަދަ ކަމެއް، 200 ބޮޑީ ވޯން ކެމެރާ ހޯދުމުގެ މުއާމަލާތުގައި ހިނގާފައިވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޭރު ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން ވަނީ އެ މަސައްކަތް ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނެތް ކަމަށް ނިންމައިފަ އެވެ.

ތުހުމަތު 2: ޒެޓާ ޓެކްނޮލޮޖީސްއާ މަސައްކަތް ހަވާލުކުރީ ޒެޓާ އެންޓަޕްރައިސަސްގެ ޝަރުތު ހަމަނުވުމުން ކަމަށް ބުނުން [ދޮގެއް]

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ހޯދަން އާންމުކޮށް ކުރި އިއުލާނުގައި ޒެޓާ ޓެކްނޮލޮޖީސްގެ ނަމުގައި ބައިވެރިވީ ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން މަސައްކަތް ހަވާލުކުރަން ބެލިއިރު، ޒެޓާ އެންޓަޕްރައިސަސްގެ ޝަރުތު ހަމަ ނުވާތީ ކަމަށް އިއްޔެ އޮތް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް ތުހުމަތު ކުރެއްވި އެވެ.

އެގޮތުން އާންމުކޮށް އިއުލާނު ކޮށްގެން 200 ބޮޑީ ވޯން ކެމެރާ ގަތުމަށްފަހު 1200 ކެމެރާ ހޯދަން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކުރީ، އޭގެ ކުރިން ޒެޓާ އެންޓަޕްރައިސަސްއަށް ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން މަސައްކަތް ހަވާލުކުރަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން ނިންމުމުން ކަމަށް ކޮމިޓީގެ މުގައްރިރު، އަހުމަދު ނާޒިމް ތުހުމަތު ކުރެއްވި އެވެ.

"މި ކަންތައްތައް ހިނގައިދިޔަ ތަރުތީބު އަޅުގަނޑުމެންނަށް އެބަ އެނގޭ، އެއީ ފުރަތަމަ 1400 [ބޮޑީ ވޯން ކެމެރާ] ގަންގަން އުޅެފައި ދެން އެފަހަރު ބިޑު މިކުރީ އެންޓަޕްރައިސަސް، ޒެޓާ އެންޓަޕްރައިސަސް، އެކަމަކު ޒެޓާ އެންޓަޕްރައިސަސްއަކީ ކޮލިފައި ނުވާ ބަޔެކޭ ބުނީމާ ދެން މި އައީ ޒެޓާ ޓެކްނޮލޮޖީސް މީގެ ތެރެއަށް މި އައީ، އެހެންވީމާ އެއް ވެރިންގެ ކުންފުނި، ޒެޓާ ޓެކްނޮލޮޖީސްއާ މީތި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި މިއޮތީ،" ނާޒިމް ވިދާޅުވި އެވެ.

އެހެންނަމަވެސް، ކަން ހިނގަފައިވާގޮތަށް ބަލާއިރު، އެންމެ ފުޅާ ދާއިރާއެއްގައި ޕަބްލިކް ސޭފްޓީ ޓެކްނޮލޮޖީ އާއި ހަތިޔާރު އުފައްދާ އެމެރިކާގެ ކުންފުނި، އެކްސޮން އެންޓަޕްރައިސަސް އިންކް ގެ ސޯލް އަދި އެކްސްކްލޫސިވް ރައިޓްސް އޮންނަ ދިވެހި ކުންފުންޏަކީ ޒެޓާ އެންޓަޕްރައިސަސް އެވެ.

ޒެޓާ އެންޓަޕްރައިސަސް އާއި އެކްސޮން އެންޓަޕްރައިސަސްއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ޒެޓާ ޓެކްނޮލޮޖީސްއަށް ވެސް އޮންނަނީ ޑިސްޓްރިބިއުޝަން ރައިޓްސް ދީފަ އެވެ. ޒެޓާ ޓެކްނޮލޮޖީސްއަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ބައެއް އެހެން ގައުމުތަކަށް ވެސް ސަލާމަތީ ހަތިޔާރު ފޯރުކޮށްދޭ ކުންފުންޏެކެވެ.

ފުލުހުން ހޯދަން އިއުލާނުކުރި 200 ބޮޑީ ވޯން ކެމެރާގެ ސްޕެސިފިކޭޝަންތަކަކީ އެއިރަށް ބަލާއިރު، އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ފެތޭ މިންގަނޑެވެ. އެ އިއުލާނުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން މިންގަނޑަށް ފެތޭ ކެމެރާގެ ޕްރޮޕޯސަލެއް ހުށަހެޅީ ޒެޓާ ޓެކްނޮލޮޖީސްއިން އެކަންޏެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލު ކުރީ އެ ސަބަބާހުރެ އެވެ.

އަދި އޭގެފަހުން 1200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން ވެސް ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކުރީ އެކްސޮން ކުންފުނިން އޭރު މާކެޓަށް ނެރެފައިވާ އެންމެފަހުގެ ބޮޑީ ވޯން ކެމެރާ ހޯދުމަށެވެ.

ތުހުމަތު 3: 1200 ކެމެރާ ސަޕްލައި ކޮށްދިނުމަށް އެންމެ ފުރަތަމަ ހަރަދުވާނެ ކަމަށް ބުނި އަދަދާއި ފަހުން ބުނި އަދަދު ދިމާނުވާ ކަމަށް ބުނުން [ދޮގެއް]

އިއްޔެ އޮތް ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވަނީ 1200 ބޮޑީ ކެމެރާ ސަޕްލައި ކޮށްދިނުމަށް ޒެޓާ ޓެކްނޮލޮޖީސް އިން ހަރަދުވާނެ ކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައި އޮތީ 48 މިލިއަން ނަމަވެސް، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 66 މިލިއަން ރުފިޔާއަށް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ދެން ހޯދާފައި އޮތް އެސްޓިމޭޓުގައި ލަފާކޮށްފައި މި އޮންނަނީ 48،100،070ރ. އެހެންނަމަވެސް މިކަން ނިމުނުއިރުގައި ހުށަހަޅާފައި އޮތީ 66 މިލިއަން، ގާތްގަނޑަކަށް 18 މިލިއަންގެ އިތުރުވުމެއް މި އުޅެނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އެހެން ވިދާޅުވި ނަމަވެސް، މި ނޫހަށް ލިބިފައިވާ ލިޔުންތަކަށް ބަލާއިރު، 48 މިލިއަން ރުފިޔާއަކީ އެއްވެސް އިރެއްގައި ޒެޓާ ޓެކްނޮލޮޖީސްއިން ވެސް އަދި ޒެޓާ އެންޓަޕްރައިސަސްއިން ވެސް ބިޑުކޮށްފައިވާ އަގެއް ނޫންކަން އެނގެ އެވެ.

އެންމެ ފުރަތަމަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދިނުމަށް ޒެޓާ އެންޓަޕްރައިސަސް އިން ހުށަހެޅި ޖުމުލަ އަގަކީ 69،326،728.97ރ. އެވެ. އެ ދުވަސްވަރަކީ ކޯވިޑް-19 ގެ ދުވަސްވަރު ކަމަށް ވާތީ ޒެޓާ އެންޓަޕްރައިސަސްއިން ހުށަހަޅާފައި އޮތީ ފަސް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސް ކުރެވޭނެ ގޮތެކެވެ.

އެގޮތުން ފުރަތަމަ އަހަރު، 2021 ވަނަ އަހަރު އެ ކުންފުންޏަށް ދައްކަން ހުށަހަޅާފައި އޮތީ މުޅި ޖުމުލަ އަގުގެ 7.69 ޕަސެންޓެވެ. އެއީ ފުރަތަމަ އަހަރު ދައްކަންޖެހޭ އަސްލު އަގުން ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ އުނިކޮށް ބާކީ ފައިސާ ހަތަރު އަހަރަށް ބަހައިލުމުން ޖެހޭ އަދަދެވެ.

އޭގެފަހުން 2022 ވަނަ އަހަރު 11،050،000ރ.، 2023 ވަނަ އަހަރު 13،500،000ރ.، 2024 ވަނަ އަހަރު 19،913،364.48ރ އަދި މި އަހަރު 19،913،364.48ރ. އެވެ.

ނަމަވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން އެ މުއާމަލާތް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން ނިންމުމުން އެ ހުށަހެޅުމާ އެއްގޮތަށް އެގްރީމެންޓެއް ނުހަދަ އެވެ.

އޭގެފަހުން 200 ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭން ޒެޓާ ޓެކްނޮލޮޖީސްއިން ހުށަހެޅި އަގަކީ 4،947،397.56ރ. އެވެ.

އެއަށްފަހު 1200 ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދިނުމަށް ޒެޓާ ޓެކްނޮލޮޖީސްއިން ހުށަހެޅީ 66،429،418.21ރ. އެވެ. ޒެޓާ ޓެކްނޮލޮޖީސްއިން ވަނީ އެ ފައިސާ ވެސް ހަތަރު އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދައުލަތަށް ލިބޭ ގޮތަށް އެއްބަސްވެފަ އެވެ.

އެގޮތުން ޒެޓާ ޓެކްނޮލޮޖީސްއިން އެއްބަސްވުން ހެދީ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 10،000،000ރ. އަދި އޭގެފަހުން މިއަހަރާ ހަމައަށް ކޮންމެ އަހަރު 18،809،806ރ. ދައްކައި ހަލާސްކުރުމުގެ ފުރުސަތު ދައުލަތަށް ލިބޭގޮތަށެވެ.

ތުހުމަތު 4: ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައިކޮށްދޭން 2021 ވަނަ އަހަރު ޒެޓާ އެންޓަޕްރައިސަސްއިން އުޅުނީ އެކްސްލޫސިވް ރައިޓްސް ނުލިބެނީސް ކަމަށް ބުނުން [ދޮގެއް]

އިއްޔެ އޮތް ކޮމިޓީ ބައްދަލުވުމުގައި ކުރި އަނެއް ތުހުމަތަކީ ފުލުހުންގެ ބޮޑީ ވޯން ކެމެރާ ހޯދުމުގެ ޕްރޮކިއުމެންޓުގެ މަސައްކަތްތައް 2021 ވަނަ އަހަރު ފެށިފައިވީ ނަމަވެސް، ބޮޑީ ވޯން ކެމެރާ އުފައްދައި ސަޕްލައި ކުރާ އެމެރިކާގެ ކުންފުނި، އެކްސޮން އެންޓަޕްރައިސަސް އިންކް ގެ އެކްސްކްލޫސިވް ލެޓާ ޒެޓާ ޓެކްނޮލޮޖީސްއަށް ރަސްމީކޮށް ދީފައި ވަނީ އޭޕްރިލް 2022 ގައި ކަމަށް ބުނެ ކުރި ތުހުމަތެވެ.

އެ މައުލޫމާތު ހާމަކުރީ ކޮމިޓީއަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބުރަވެ ކަމަށް ކޮމިޓީގައި ބުންޏެވެ.

ނަމަވެސް މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެކްސޮން އެންޓަޕްރައިސަސްގެ އެކްސްކްލޫސިވް އަދި ސޯލް ޑިސްޓްރިބިއުޓާ ރައިޓްސް ޒެޓާ އެންޓަޕްރައިސަސްއަށް ދީފައި ވަނީ އޯގަސްޓު 24، 2020، ގަ އެވެ. އަދަދު އަށް ވަނީ އެ ސިޓީގެ ކޮޕީއެއް ލިބިފަ އެވެ.

އޭޕްރިލް 1، 2021، ގައި ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ޒެޓާ އެންޓަޕްރައިސަސްއާއެކު އެކްސޮން ކުންފުނިން މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރު ކަމަށެވެ. ޒެޓާއަށް އެކްސޮންގެ އެކްސްކްލޫސިވް ރައިޓްސް ދީފައި ވަނީ އެކްސޮން ކުންފުނީގެ ރިޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ޒެޓާއިން ކުރި މަސައްކަތުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އަދި ޒެޓާ އެންޓަޕްރައިސަސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޯގަސްޓު 20، 2021، ގައި ޒެޓާ ޓެކްނޮލޮޖީސް އަށް ވެސް އެކްސޮން އެންޓަޕްރައިސަސްއިން އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން ރައިޓްސް ދީފައިވާކަން މި ނޫހަށް ލިބިފައިވާ ލިޔުންތަކުން އެނގެ އެވެ.

އެހެންކަމުން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ޒެޓާ އެންޓަޕްރައިސަސް އަށާއި ޒެޓާ ޓެކްނޮލޮޖީސްއަށް އެކްސޮން ކުންފުނީގެ އެކްސްކްލޫސިވް ރައިޓްސް ލިބިފައި ނުވާ ކަމަށް ބުނި ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަ އެކެވެ.