Advertisement

"މުޒާހަރާއިން ހައްޔަރުކޮށް ބަންދުގައި ބޭތިއްބީ ބިރުދެއްކުމަށްކަން ހާމަވެއްޖެ"

19 ނޮވެންބަރު 2025 - 11:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އޮކްޓޫބަރު 3، ގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"މުޒާހަރާއިން ހައްޔަރުކޮށް ބަންދުގައި ބޭތިއްބީ ބިރުދެއްކުމަށްކަން ހާމަވެއްޖެ"

19 ނޮވެންބަރު 2025 - 11:29 0

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އެ މީހުން ހައްޔަރުކޮށްފައި ބޭތިއްބީ ބިރުދެއްކުމުގެ ގޮތުންކަން އެނގި ހާމަވެއްޖެ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، ޔައުގޫބް އަބްދުالله ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ.

އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އޮކްޓޫބަރު 4، ގަ އެވެ. އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު 19، ގައި ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ އިތުރު 15 ދުވަސް އެމީހުންގެ ބަންދަށް އިތުރު ކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އެމީހުން ދޫކޮށްލުމަށެވެ.

އެއަށްފަހު، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ރޭގައި ނިންމައިފަ އެވެ.

މިގޮތަށް ނިންމީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އަމަލުތައް ހިންގީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ވާތީ އާއި އެ މީހުންގެ އަމަލަކުން މީހަކަށް އަނިޔާއެއް ނުވަތަ ތަނަކަށް ގެއްލުމެއް ވެފައި ނުވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން، އޮކްޓޫބަރު 3، ގައި ހައްޔަރުކުރި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު، ޔައުގޫބު އަބްދުالله ވިދާޅުވީ ޕީޖީގެ އެ ނިންމުމާއެކު، މުޒާހަރާއިން ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބީ ބިރުދެއްކުމުގެ ގޮތުންކަން ހާމަވެއްޖެ ކަމަށެވެ.

"ފުލުހުން އެދިފައި އޮތީ 15 ދުވަހުގެ މުއްދަތެއް ޖަހައިދޭށޭ، އޭރުންނޭ ދެންތިބި މީހުންނަށް ފިލާވަޅެއް ލިބޭނީ، މާނައަކީ އަސާސީ ހައްގެއްގެ ބޭނުންކޮށްގެން ދެން ވެސް ބަޔަކު ނުކުމެ އިހުތިޖާޖު ކޮށްފާނެތީ ބިރުދެއްކުމަށް ކުރި ކަމެކޭ އެއީ، މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމުމުން، އެމީހުން ބަންދުގައި ބޭތިއްބީ ބިރުދެއްކުމަށްކަން ހާމަވެއްޖެ," ޔައުގޫބު ވިދާޅުވި އެވެ.