Advertisement

އާ ބޭހަކުން ބްލެޑާ ކެންސަރުގެ މީހުންނަށް އުންމީދެއް

19 ނޮވެންބަރު 2025 - 10:47 0


އާ ބޭހަކުން ބްލެޑާ ކެންސަރުގެ މީހުންނަށް އުންމީދެއް

19 ނޮވެންބަރު 2025 - 10:47 0

ބްލެޑާ ކެންސަރުގެ ބަލި މީހުންނަށް ފަރުވާ ކުރުމަށް އީޖާދުކުރި އާ ބޭހަކުން، އެ ބަލި ތަހައްމަލުކުރަމުން ދާ އެތައް ބައެއްގެ އުންމީދު އާ ކޮށްދީފިއެވެ. ޖާނަލް އޮފް ކްލިނިކަލް އޮންކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފަރުވާ އީޖާދުކުރީ، އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޑޭވިސް (ޔޫސީ ޑޭވިސް) ކޭމްޕަހުގައި މަސައްކަތް ކުރައްވާ ސައެންސްވެރިންގެ ޓީމަކުންނެވެ.

އެ ޓީމުން އުފެއްދި މި ފަރުވާއަށް ދީފައިވާ ނަމަކީ ޕީޕީއެމް (PLZ4-coated paclitaxel-loaded micelles) އެވެ. މި އާ ފަރުވާ ލެބޯޓެރީގައި އަޖުމަ ބެލުމަށް ފަހުގައި، އިންސާނުންގެ ހަށިގަނޑުގައި އަޖުމަ ބެލުމުގެ ގޮތުން އެންމެ ފުރަތަމަ ދިނީ، ބްލެޑާ ކެންސަރު ޖެހިފައިވާ ހަތަރު މީހަކަށެވެ. ފުރަތަމަ ޑޯޒްގެ މަރުހަލާ ފުރިހަމަކުރި އިރު އޭގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑުން ކެންސަރުގެ އަސަރު ފިލައިގެން ދިޔައެވެ.

މި ފަރުވާގެ އަޖުމަ ބެލުމުގެ މަރުހަލާގައި އަމިއްލައަށް އެދިގެން ބައިވެރިވި މީހެއް ކަމަށްވާ ހެކޮކްސް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ؛ "އަހަރެން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކެންސަރުގެ ފަރުވާ ހޯދައިފިން. ކޮންމެ ފަހަރަކު ވެސް ފަރުވާ ފުރިހަމަކުރުމުން ދުވަސްކޮޅަކުން އަނެއްކާ ކެންސަރު އެނބުރި އަންނަނީ. އެންމެ ފަހުން އަހަރެންގެ ޑޮކްޓަރު ލަފާ ދިނީ ޔޫސީ ޑޭވިސްއަށް ގޮސް އަހަރެންގެ ބްލެޑާ ނަގަން. އެހެން ނަމަވެސް، އަދި އެއް ފަހަރު ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހުގައި ނޫނީ ބްލެޑާ ނެގުމުގެ މަރުހަލާއާ ކުރިމަތިލާން އަހަރެން ބޭނުން ނުވީ."

އޭނާ ބުނި ގޮތުގައި ޔޫސީ ޑޭވިސްގެ ޑޮކްޓަރުންނާ ބައްދަލުކުރުމުން، ބްލެޑާ ކެންސަރުގެ އާ ފަރުވާއެއް، އަޖުމަ ބެލުމުގެ މަރުހަލާގައި އޮތް ކަން އެނގުމުން އެކަމުގައި ބައިވެރިވުމުގެ ރުހުން ދިނުމުގެ އެއްބަސްވުމުގައި އަވަހަށް ސޮއިކުރީއެވެ. އަދި ޖުލައި 2025 ގައި ފަރުވާގެ ފުރަތަމަ މަރުހަލާ ފަށައިގެން ހަ ހަފުތާގެ ތެރޭގައި ފުރިހަމަ ކުރުމަށް ފަހު، ސްކޭން ކުރި އިރު ބްލެޑާގައި ކެންސަރުގެ އެއްވެސް ނިޝާނެއް ނެތެވެ.

އުމުރުން 74 އަހަރުގެ ހެކޮކްސް މިހާރު އޭނާގެ އާއިލާގެ މެމްބަރުންނާ އެކުގައި، އުފާވެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅެމުން އެބަދެ އެވެ. އޭނާއަކީ ޕީޕީއެމްގެ ފަރުވާ އެންމެ ފުރަތަމަ ދިން ހަތަރު މީހުންގެ ތެރެއިން އެކަކެވެ.

ހެކޮކްސްއަކީ، މީގެ އަހަރުތަކެއް ކުރިން ފެށިގެން، ބްލެޑާ ކެންސަރުގެ އެންމެ އާންމު ބާވަތް ކަމަށްވާ ނޮން-މަސްލް އިންވޭސިވް ބްލެޑާ ކެންސާ އަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. މި ބާވަތުގެ ކެންސަރު ސެލްތައް އުފެދެނީ، ބްލެޑާގެ ޔުރޮތީލިއަމް ކިޔާ ފަށަލައިގައެވެ. މި ފަށަލަޔަކީ ކުޑަކަމުދާ ނިޒާމުގެ ހުރިހާ ގުނަވަނެއްގައި ހިމެނޭ، އަދި އެ ގުނަވަންތައް، ކުޑަކަމުދާ ނަޖިހާއި އެހެނިހެން ޖަރާސީމުތަކުން ހިމާޔަތްކޮށްދޭ ފަށަލައެވެ.

މި ބާވަތުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ހާލަތަށް ދިއުމުގެ ކުރިން، މި ބައްޔާ ދެކޮޅަށް، މިދިޔަ 50 އަހަރުގެ ތެރޭގައި ދެމުން އައި އެންމެ މުޖައްރިބު ފަރުވާއަކީ، އޮޕަރޭޝަނެއް ކޮށްގެން ކެންސަރުގެ ޓިއުމަރު ނެގުމެވެ. އަދި އެންމެ ނުރައްކާތެރި ހާލަތުގައި މުޅި ބްލެޑާ އެކުގައި ނެގުމެވެ.

ބްލެޑާ ނެގުމަށް ފަހުގައި އެމީހާއަށް އޮންނާދީ ދެ ގޮތުން އެއް ގޮތެވެ. އެއް ގޮތަކީ، ކުޑަކަމުދާ ތަކެތި ޖަމާކުރާނެ ވަކި ކޮތަޅެއް ހަށިގަނޑުގެ ބޭރުގައި އަޅުވައިގެން ގެންގުޅުމެވެ. އަނެއް ގޮތަކީ، ގޮހޮރުގެ ޓިޝޫތައް ބޭނުންކޮށްގެން އުފައްދާ ބްލެޑާއެއް، ކެންސަރު ބްލެޑާ ނެގިތަނުގައި އިންދުމެވެ.

ޕީޕީއެމް ފަރުވާ އީޖާދުކުރި ސައެންސްވެރިން ބުނި ގޮތުގައި މި ފަރުވާގެ އެންމެ މުހިންމު ސިފައަކީ ހަމައެކަނި ކެންސަރު ސެލްތަކަށް އަމާޒުކުރެވޭ ކަމެވެ. މީގެ ކުރިން ބޭނުން ކުރަމުން އަންނަ ފަރުވާގެ ހުރިހާ ބާވަތްތަކެއްގައި ވެސް، ކެންސަރު ސެލްތައް މަރައިލުމަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ބްލެޑާގެ އެހެން ޓިޝޫތަކަށް ވެސް ގެއްލުން ލިބެއެވެ.

ނަމަވެސް ޕީޕީއެމްގައި އެ މައްސަލަ ކުރިމައްޗެއް ނުވެއެވެ. މި ފަރުވާ ސީދާ އަމާޒުކުރެވެނީ ކެންސަރު ސެލްތަކަށެވެ. ސަލާމަތުން ހުންނަ އެއްވެސް ޓިޝޫއަކަށް ޕީޕީއެމް ގޯނާއެއް ނުކުރެއެވެ. މިހެންވުމުން، އެހެން ފަރުވާތައް ބޭނުންކުރާ މީހުންނަށް ދިމާވާ ފަދަ، ބްލެޑާއާ ދިމާލުން ދަށްބަނޑު ހިރުވުމާއި ކުޑަކަމުދާން އުނދަގޫވުން ފަދަ އެއްވެސް ސައިޑް އިފެކްޓެއް، ޕީޕީއެމްގެ ސަބަބުން ކުރިމައްޗެއް ނުވެއެވެ.

މި ފަރުވާ ދެނީ، ކުރިމަތި ފަރާތު ދޮރުން ވައްދާ ހޮޅިއެއް ބްލެޑާގެ ތެރެއަށް ފޮނުވައިގެން ސީދާ ބްލެޑާގެ ތެރެއަށެވެ. އެހެންކަމުން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ނުސީދާ ގޮތެއްގައި ގެއްލުން ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ.