Advertisement

ހުލާސާކޮށް އިއްޔެ: އެއާޕޯޓު މަޝްރޫއުތަކަކީ އިސްރާފެއް

19 ނޮވެންބަރު 2025 - 06:00 1

މީދޫ ދާއިރާގެ މެންބަރު ސިޔާމް އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް އިއްޔެ: އެއާޕޯޓު މަޝްރޫއުތަކަކީ އިސްރާފެއް

19 ނޮވެންބަރު 2025 - 06:00 1

ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވައި، ގިނަ އެއާޕޯޓުތަކަށް ފުލައިޓު ވެސް ނާޅާ ކަަމަށް ވިދާޅުވެ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު އިއްޔެ ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ސިޔާމް މިހެން ވިދާޅުވީ ގިނަ އެއާޕޯޓުތަކުން ފައިދާ ނުލިބޭ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ. އެގޮތުން، ސަރުކާރުން ކުރާ ހަރަދުތަކަކީ ކޮން ކަހަލަ ހަރަދުތަކެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެ އިސްރާފެއްގެ ގޮތުގައި ސިޔާމް މިސާލު ނެންގެވީ އެއާޕޯޓުތަކުންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ވެސް ރާއްޖޭގަ ގިނަ އެއާޕޯޓުތަކަކީ އެތަންތަނަށް ބަރަވެލި ނޫނިއްޔާ އަރާނެ އެއާޕޯޓުތަކެއް ނޫން. މިސާލަކަށް ބުނާނަމަ ޅ. އަތޮޅުގަ ހަދާފަ އޮތް އެއާޕޯޓެއް އެބަ އޮތް، މިދިޔަ ސަރުކާރުގަ ވެސް ކުރީ ސަރުކާރުގަ ވެސް އެތަނަށް ޖެއްސި ފްލައިޓެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.

އެއާޕޯޓެއް ހަދަން 10 ނުވަތަ 11 މިލިއަން ޑޮލަރު އާންމުކޮށް ހަރަދުވާ ކަމަށާއި އެ އިންވެސްޓްމަންޓުން އެއްވެސް ފައިސާއެއް އަނބުރާ ނުލިބޭ ކަމަށް ވިދާޅުވެ، ސިޔާމް ވަނީ އެއީ ސީދާ އިސްރާފެއް ކަމުގައި ވިދާޅުވެފަ އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ޕޮލިސީ ރަނގަޅުކުރަން. އަޅުގަނޑުމެން މި ކުރާ އިންވެސްޓްމަންޓަކީ ފައިދާ ލިބިނެވި އިންވެސްޓްމަންޓަކަށް ވާންޖެހޭ. ވިޔަފާރީގަ، ފިނޭންސް މިނިސްޓަރަށް ވެސް އެނގިލައްވާނެ، އެއް ޑޮލަރު ހަރަދުކޮށްފި ކަމުގައިވާނަމަ 15 ޑޮލަރު ފައިދާ ހޯދަންޖެހޭ. މިއީ އާންމު ވިޔަފާރީގެ އުސޫލަކީ،" ސިޔާމް ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ޖުމްލަ 18 އެއާޕޯޓެއް އޮޕަރޭޓުކުރަމުންދެ އެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭ އިތުރު 15 އެއާޕޯޓު ތަރައްގީ ކުރުމަށެވެ. ކައިރި ކައިރީ ގިނަ އެއާޕޯޓު އެޅުމަކީ އާންމުންނާއި ސިޔާސީންގެ ފާޑުކިޔުން އެކި ފަހަރުމަތިން އަމާޒުވަމުންދާ ސިޔާސަތެކެވެ.

އެއާޕޯޓުގެ އިތުރުން ސަރުކާރުތަކުން ގެންގުޅޭ ބިން ހިއްކުމުގެ ސިޔާސަތަށް ވެސް ސިޔާމް މިއަދު ފާޑުވިދާޅުވި އެވެ. އެގޮތުން ރަށްރަށުގައި ހިއްކާ ބިމުގެ ބޭނުން ނުކުރެވި އެތައް އަހަރެއް ވެގެންދާ ކަމަށާއި އެކަމަށް ކުރެވޭ ހަރަދު އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު ދައުލަތުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީ ދެކޮޅު ޖައްސައި، ފަހަށް ރައްކާކުރުމަށް ދައުލަތުގެ ހަރަދު 40 ޕަސެންޓުން ކުޑަކުރަން ޖެހޭ ކަމަށް ބަޖެޓު ބަހުސްގައި ސިޔާމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ އުފަލާއެކު ދަންނަވާލާނަން. އަޅުގަނޑު ބޭނުންވޭ މި ހަރަދު، ދައުލަތުގެ ހަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިހާރު ދައުލަތުން ކުރާ ހަރަދާއި ދައުލަތަށް ލިބޭ އާމްދަނީ ދާދި އެއްވަރެއް ކަމަށާއި ފަހަށް ރައްކާކުރަން އެއްވެސް ފައިސާއެއް ނުހުންނަ ކަމަށެވެ. އަދި، ދައުލަތުން ހަރަދުކުރަނީ ބޭކާރު ފައިދާއެއްނުވާ މަސައްކަތްތަކަށް ކަމަށް ވިދާޅުވެ ސިޔާމް ވަނީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

މުހިއްމު ބައެއް ހަބަރު